އަލިފާނުގެ ޙާދިސާ ލޮލުން ދުށް، އަޑުއެހި މީހާކު ބިރުންގޮސް "ފިތްކަނޑައިގެން" ދާވަރު ނުވޭ ހެއްޔެވެ؟ ހިނދުކޮޅެއްގެ ތެރޭ އިންސާނެއްގެ އަގު ބޮޑު ފުރާނަ ގެއްލި ދާއިމަށް އަޅުގަނޑުމެންނާ ވަކިވެ ދިޔައީ އެވެ. އެތައްބައެއްގެ ދިރިއުޅުން އަނދާ އަޅިއަށް ވެގެން ދިޔައީ އެވެ. އެތައް ބަޔަކަށް ނަފްސާނީ ގޮތުން ވަނީ އަސަރުކޮށް ފައެވެ.
އަޅުގަނޑުމެންގެ ވަށައިގެން ވަނީ ކެމިކަލް ގުދަންތަކެވެ. އެއްޗެއް ގޮވައި ބޮޑު ޙާދިސާ އެއް ކުރިމަތިވާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. މާލޭގައި ހުރި ކެމިކަލް ގުދަން ތަކުގެ 77 އިންސަތަ ހުރީ އަޅުގަނޑުމެން ދިރިއުޅެމުންދާ ގެތަކާ އިންވެގެންނެވެ. ކެމިކަލް ގުދަންތަކުގެ 63 އިންސައްތަ ހުރީ މީހުން ދިރިއުޅޭ ސަރަޙައްދުގައެވެ. މިއީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމްދު ދީދީ ހާމަކުރެއްވި ތަފާސް ހިސާބު ތަކުން ފެންނަން އޮތް ޙަޤީގަތެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވިގޮތުގައި 126 ކެމިކަލް ގުދަން އެމްއެންޑީއެފް އިން ޗެކްކުރިއިރު އޭގެ ތެރެއިން 80 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައެވެ. އަދި 98 ގުދަން ހުރީ މީހުން ދިރިއުޅޭ ތަންތަނާ އިންވެގެންނެވެ. މިއީ މިއަހަރު ޖެނުއަރީގައި ޑިފެންސް މިނިސްޓްރީން މާލެގެ ކެމިކަލް ގުދަންތައް ސާރވޭކޮށް ތައްޔާރުކޮށްފައިވާ ރިޕޯރޓާ ޙަވާލާ ދެއްވައި ޑިފެންސް މިނިސްޓަރ ހާމަކުރެއްވި މަޢުލޫމާތެވެ. ރައްޔިތުންނާ ގުޅުން ހުރި މައްސަލައެއްގެ ރިޕޯރޓް ކުރިން ރައްޔިތުންނާ ނުވަތަ މީޑިއާ ހިއްސާ ނުކުރެއްވީ ކީއްވެތޯ ސުވާލު އުފެދެއެވެ. ކެމިކަލް ގުދަން ތަކުގެ ސާރވޭއެއް ހެދިކަން ވެސް މިއެނގުނީ ކެމިކަލް ގުދަނެއްގައި އެއްޗެއް ގޮވައި ހިނގި ބޮޑު އަލިފާނުގެ ޙާދީސާއިން ފޫނުބެއްދޭ ވަރު ބޮޑު ގެއްލުމެއް ލިބިގެން ދިއުމަށްފަހުއެވެ.
ކުރިންވެސް އިންޒާރު ލިބިފައި
ކެމިކަލް ގުދަނެއްގައި ގޮވި ގޮވުމާއެކު ފެތުރިގެން ދިޔަ ބޮޑު އަލީފާން ގަނޑުން އެތައްބައެއްގެ ދިރިއުޅުން އަނދާ އަޅިއަށް ހަދާލުމުގެ ކުރިންވެސް އަޅުގަނޑުމެނަށް މިވަނީ އެފަދަ ހާދިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ލިބިފައެވެ. 2016 ވަނަ އަހަރު ކޯސްޓްލައިން ހާރޑްވެއަރގައި ހިނގާ ދިޔަ ހާދިސާވެސް އެކަމަށް ފުދެއެވެ. އެޙާދިސާގައިވެސް އެތައް އިރެއްވަންދެން އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރިގެން ގޮސް ޖެހިގެން ހުރި ޢިމާރާތްތަކަށް ވެސް އަލިފާނު އަސަރުކުރިއެވެ. އެއީ މީގެ ތިން އަހަރު ކުރިއެވެ. 18 އޭޕްރީލް 2016 ގައެވެ. އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ފިޔަވަޅު ތަކެއް އެޅުމަށް 3 އަހަރު ނުފުދޭތޯއެވެ؟
ކޯސްޓް ލައިން ހާރޑް ވެއަރ ހުރީ މާލޭގެ އެންމެ ބޮޑު މަގު، މަޖީދީ މަގުގައި ކަމަށް ވުމާއެކު އަދި އެސަރަހައްދަށް އަލިފާން ނިވާ ވެހިކަލްތަކަށް ކައިރިވޭވޭނެ މަގު ފަހި ވެފައި އޮތެވެ. ނަމަވެސް ކެމިކަލުން ހިނގާ މިފަދަ އަލިފާނުގެ ހާދިސާ ތަކަކީ އާދައިގެ އަލިފާނާ ތަފާތުކޮށް ނިވަން ޖެހޭ އަލިފާނެއް ކަމަށް، އޭރު ވެސް ކަމާބެހޭ ފަރާތްތަކުން ބުނަމުން ދިޔައެވެ. އެހާދިސާގައި ވެސް ރޯވި އަލިފާން ގަނޑު ނިވާ ލެވުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ބޭނުން ކުރާ ފޯމް ޓްރަކް ގެނެސްގެންނެވެ. މިފަހަރުގެ އަލިފާންގަނޑު ވެސް ކޮންޓްރޯލް ކުރެވުނީ އެއަރޕޯރޓްގައި ބޭނުން ކުރާ ފޯމް ޓްރަކް ގެނެސް ގެންނެވެ. ކޯސްޓް ލައިން ހާރޑްވެއަރގެ ހާދިސާއިން ދިން އިންޒާރާއެކުވެސް ނެޝެނަލް ޑިފެންސް ފޯސްގެ އަލިފާން ނިންވުމުގެ ޚިދުމަތްދޭ، ފަޔަރ އެންޑް ރެސްކިޔު އޮތީ މިފަދަ ހާދިސާއެއް ހިނގައިފާނެ ކަމަށް ތައްޔާރު ވެގެންތޯ ސުވާލު އުފެދެއެވެ. އަލިފާން ނިވުމަށް ހޯދައިފައިވާ އުޅަނދުތަކާ ވަޞީލަތްތަކަކީ މާލެފަދަ ތޮއްޖެހިފައިވާ ހަނިމަގުތަކެއް އޮންނަ ތަނަކަށް އެކަށީގެންވާ ވަރު އެއްޗިއްސަކަށް ނުވެއެވެ.
ހިނގާ ދިޔަ ބޮޑު އަލިފާނުގެ ހާދިސާގައިވެސް އަލިފާން ނިވާ އުޅަނދުފަހަރު އެހިސާބަށް ދިއުމަށް ދަތިތަކެއް ކުރިމަތިވިކަމަށް އެމްއެންޑިއެފުން ވެސް ވަނީ ވިދާޅުވެފައެވެ. މާލޭގެ މަގުތަކަކީ ހަނި މަގުތަކަކަށް ވެފައި އެމަގުތަކަށް ނުކަތާ ވަރަށް ސައިކަލްތައް ޕާކުކޮށްފައި ހުރުމުން ކިތަންމެ ހަނި ގޯޅިއަކަށްވެސް ހާދިސާ އެއް ހިނގުމުގެ ކުރިން ވަންނަން ބޭނުންވާ ނަމަ ފުރަތަމަ ޖެހެނީ ސައިކަލްތައް ނަގާ މަގު ސާފުކުރާށެވެ. އެންމެ ފަހުން ހިނގި ހާދިސާގައިވެސް ވީ މިހެނެވެ. އެމްއެންޑީއެފް ފަޔަރަ ލޯރީ އެތަނަށް ވަދެވޭ ވަރުވީ އެސަރަޙައްދުގައި ހުރި ސައިކަލްތައް ނަގާ މަގު ސާފުވުމުންނެވެ. މޭލެއަށް ހޯދާ އަލިފާން ނިވާ އުޅަނދުފަހަރު ވާން ޖެހޭނީ ހަނިމަގުތަކުން ފަސޭހަ ކަމާއެކު ދެވޭވަރުގެ އެއްޗެއްސަށެވެ. އުސް ޢިމާރާތްތަކުން މީހުން ސަލާމަތް ކުރުމުގެ ވަޞީލަތް ހިމެނޭ އުޅަނދު ތަކަކަށެވެ. މިދިޔަ ޖެނުއަރީ މަހު އެމްއެންޑީ އެފުން ގުދަންތައް ސާރޭވޭކޮށް ލިބުނު މަޢުލޫމާތު ތަކަކީ ވެސް މިފަދަ ޙާދިސާ އެއް ހިނގައިފާނެކަމަށް ލިބުނު އިންޒާރަކަށް ނުފުދޭތޯއެވެ؟
ކެމިކަލް ގެންގުޅުމަށް ވަކި އުޞޫލުތަކެއް މިހާތަނަށް ކަނޑައެޅިފައެއް ނުވޭ
ކެމިކަލް ކިތަންމެ އާއްމުވި ކަމުގައިވިއަސް މިހާތަނަށް ކެމިކަލް ގެންގުޅުމާ ބެހޭ ގޮތުން ވަކި އުޞޫލުތަކެއް ކަނަޑައެޅިފައެއް ނުވެއެވެ. މާލޭގައި ގުދަން ކުރުމަށް ހުއްދަ ދިނުމަކީ ސިޓީ ކައުން ސިލުން ކުރާ ކަމެއް ކަމުގައިވިއަސް، ކެމިކަލް ރާއްޖެ އެތެރެކުރާނަމަ އެކެމިކަލް ޝިޕްމަންޓް ރައްކާކުރާނެ ގޮތުގެ ކަންކަން ކުރިއަށް ގެންދަވަނީ އަބަދުވެސް އެމްއެންޑީއެފްއިން ކަމަށް މޭޔަރ ޝިފާ ވިދާޅުވިއެވެ. ގުދަން ކުރުމަށް ހުއްދިން ކަމުގައިވިއަސް ގިނަ ފަހަރަށް އެ ގުދަން ތަކުގައި ރައްކާ ކުރެވެނީ ހުއްދަދެވޭ ތަކެތި ނޫންކަން މޭޔަރ ޝިފާވެސް ފާހަގަ ކުރެއްވިއެވެ.
ގުދަންތައް ބަލާ ޗެކްކުރުމަށް ވެސް މާ ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު މާލޭގައި ކެމިކަލް ގުދަން ކޮށްފައިވާ ތަންތަނުގެ ސާރވޭ އެމްއެންޑީއެފުން ކޮށްފައިވާކަމަށް، ކެމިކަލް ގުދަނުގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު ވަނީ ހާމަކޮށްފައެވެ.
ބޮޑު އަލިފާނުގެ ޙާދިސާއަށްފަހު އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކެއް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ވަނީ ކަނޑައަޅުއްވައިފައެވެ. އެއީ ގުދަންތައް މީހުން ދިރިނޫޅޭ ސަރަޙައްދަކަށް ބަދަލުކުރުމާއި ބޮޑެތި ކެމިކަލް ގުދަންތައް ތިލަފުށިނުވަތަ ގުޅިފަޅަށް ބަދަލު ކުރުމަށާއި ތިމާވެށްޓާ ރަށްޓެހި ގޮތުގައި ކެމިކަލް ނައްތާލުމާއި މިހާރުން މިހާރަށް ކެމިކަލް ޤަވާއިދު ހަދައި ގެޒެޓްކުރުމެވެ.
ކެމިކަލާބެހޭ ޤަވާއިދު ވަނީ އެކުލަވާލާ ނިމިފައިކަމަށާއި މާދަމާ ގެޒެޓްކުރައްވައި އެއަށް ޢަމަލުކުރައްވަން ފަށްޓަވާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އިއްޔެ ވަނީ ވިދާޅުވެފައެވެ. ޤަވާއިދުގެ މަޤްޞަދަކީ ނުރައްކާތެރި ކެމިކަލަކީ ކޮބައިކަމާއި އެފަދަ ކެމިކަލްތަކާ މެދު ޢަމަލުކުރަން ޖެހޭނެ އުޞޫލުތަކަކީ ކޮބައިކަން ކަނޑައަޅާ ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެއްވުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކެމިކަލް ޤަވާއިދަކީ ވަރަށް ތަފްޞީލް ކޮށް އެކުލަވާ ލެވިފައިވާ ޤަވާއިދެއްކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.
މިހާތަނަށް ކެމިކަލާ ބެހޭ އެއްވެސް ޤަވާއިދެއް ނެތުމުން އެފަދަ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަން މާރިޔާވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑު ވުމެއް އުޅެނީ ކެމިކަލް ރައްކާކުރެވިފައި ހުންނަ ގޮތްތަކާމެދުކަމަށް މާރިޔާ ފަހަގަ ކުރެއްވިއެވެ.
އަބަދަށްފެހި މަގުގައި ހިނގާ ދިޔަ ބޮޑު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ގުދަނަކީ ގަސްހެއްދުމަށާއި ގޭތެރެ ސާފުކޮށް ހެދުމަށް ބޭނުންކުރާ ބާވަތްތަކުގެ ކެމިކަލް ގުދަން ކުރުމަށް ގްރީން ޕާރކް ނަމަކަށް ކިޔާކުންފުންޏަކަށް ދޫކޮށްފައިވާ ގުދަނެއްކަން ޑިފެންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެގުދަނަށް ދެވިފައިވާ ހުއްދައަކީވެސް ވަގުތީ ހުއްދައެއްކަމަށް ވެއެވެ. މި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއް ނުހޯދެއެވެ.
މާލެއަކީ ދިރިއުޅެން ރައްކާތެރިތަނަކަށް ހަދަންޖެހޭ!
މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ވީހާ އަވަހަކަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަމާބެހޭ ފަރާތްތަކަށް އިއްޔެ ވަނީ އަންގަވައިފައެވެ. އެމަނިކުފާނު މިގޮތަށް އެންގެވީ މާލޭގައި ހުރި ނުރައްކާތެރި ކެމިކަލް ފަދަ ސާމާނު ގުދަން ކުރަމުން ގެންދާ ގޮތާއި މިހާރު އެފަދަ ސާމާނު ގުދަން ކުރާ ތަންތަނާ އެފަދަ ތަންތަނުން މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ބެހޭގޮތުން ނޭޝަނަލް ޑިޒާސްޓަރ ކައުންސިލާއެކު މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ކެމިކަލް ގުދަން ކުރެވޭނެ އިންތިޒާމު ތިލަފުށީގައި ހަމަޖައްސުމަށް ބިންކަނޑައަޅުއްވައިފައިވާ ކަމަށް ތިލަފުށި ކޯޕަރޭޝަނުން އިއްޔެ ވަނީ ހާމަކުރައްވައިފައެވެ. ގުދަންތައް ބަދަލުކުރުމަށް ކަނޑައަޅައިފައިވާ ބިމުގައި 200 އެއްހާ ގުދަނަށް ޖާގަ ދެވޭނެކަމަށް އެކުންފުނިން ހާމަކުރެއްވިއެވެ. ނަމަވެސް އެންމެ ފުރަތަމަ ދޫކުރެވޭނީ މިހާރުން މިހާރަށް ބަދަލު ކުރަން ޖެހޭ ގުދަންތައް ބަދަލު ކުރުމަށް ކަމަށް އެކުންފުނިން ހާމަ ކުރައްވައެވެ. ގުދަން ހެދުމަށް ބިންދޫކުރުމުގެ ބަދަލުގައި ނިންމަވައިފައިވަނީ ވަކި ފެންވަރަކަށް ހެދުމަށް ފަހު ގުދަންކުރާނެ ޖާގަ ދިނުމަށެވެ.
ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ނެގޭނީ އެކަމަށް ތިލަފުށީގައި ހަދާ ގުދަންތައް ވީހާވެސް އަވަހަށް ނިންމައިގެންނެވެ. ޤައުމީ މަސައްކަތެއްގެ ގޮތުގައި އެކަން އަވަސް ކޮށް މިއަދު މިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ތިބި ބިރުވެރުކަމުން ސަލާމަތް ކޮށްދޭންޖެހެވެ. ވެރިރަށް މާލެ ސިޓީގެ ރައްޔިތުން މިހާރު ތިބީ، މިޖެހެނީ ދިރިއުޅޭ ގެއާއި އިންވެގެން ހުރި ގުދަން ގޮވައި، ގެދޮރާއި މުދަލާއި ފުރާނަ ސަލާމަތް ކުރެވޭނެތޯ ސުވާލު އުފެދިފައެވެ. މާލެއަކީ ދިރިއުޅެން ރައްކާތެރިތަނަކަށް ހެދަން އެބަޖެހެއެވެ.