އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާވަނީ ނިޔާވެފައި

00:18 -  ޢާއިޝަތު ޝައުނާ ނިޔާވެފައިވާ ކަމަށް  މައުލޫމާތު ލިބޭ. އޭނާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެތެރެއިން.. ޝައުނާ ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށް މައުލޫމާތު ލިބޭ. 

މިއަދުގެ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވީނުވީއެއް ނޭނގި އަންހެނަކު ގެއްލިފައިވާ ކަމަށް ކަމާގުޅޭ މުއައްސަސާތަކުން ހާމަކޮށްފިއެވެ. މި ހާދިސާގައި ގެއްލިފައިވަނީ ތ. ބުރުންޏަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ ޢާއިޝަތު ޝައުނާ އެވެ. އަލިފާން ރޯވި ވަގުތު އާއިލާގެ މީހަކަށް ފޯނުން ގުޅައި، ބޭރަށް ނުނިކުމެވި، އެތެރޭގައި ތާށިވެފައި އިންކަމަށް ޝައުނާ ބުނި ކަމަށް ެވއެވެ. ނަަމަވެސް އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެއެވެ. ސިފައިންނާއި ފުލުހުން ދަނީ ޝައުނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. 

އެމްއެންޑީއެފްގެ ފަޔަރ އެންޑި ރެސްކިއުގެ ކޮމާންޑަރ ޢަބްދުﷲ އިބްރާހީމް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާދިސާގައި 6 ގެއަކާއި 4 ގުދަނަށް ވެސް ދުމުގެ އަސަރު ފޯރާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ޙާދިސާގައި މަރުވެފައިވާ މީހާގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދައިފައި ކަމަށާއި އެ ހަށިގަނޑު ޢިމާރާތުން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޢަބްދުﷲ ވިދާޅުވިއެވެ. އެއީ ޝައުނާގެ ހަށިގަނޑުކަން ކަށަވަރު ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިތުރު މީހަކު ގެއްލިފައިވާ ކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަލިފާނުގެ ޙާދިސާގައި ގެތަކުގައި ތާށިވެފައި ތިބި 5 މީހަކުވެސް ސަލާމަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކެމިކަލް ގުދަނެއްގައި ރޯވެ ބާރުގަދަ ގޮވުމެއްގެ އަޑާއެކުގައި ކަމަށްވެސް ޢަބްދުﷲ ވިދާޅުވިއެވެ.

އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ 12 ވެހިކަލް ބައިވެރިވިއެވެ. އޭގެ އިތުރަށް އެއާޕޯޓުގެ ވެހިކަލްތަކާއި  އަމިއްލަ ފަރާތަތކުގެ އެހީތެރިކަން ވެސް ލިބިފައެވެ. އަދި ފުލުހުންނާއި ދިވެހި ރެޑުކްރެސެންޓުގެ ފަރާތުން ވެސް އެހީތެރިކަން ލިބޭކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.