ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ގޮތުން އެސްޓީއޯއިން ޚާއްސަ ޑިސްކައުންޓެއް ދެނީ

އެސްޓީއޯ ސުޕްމާޓަށް ވިޔަފާރި ކުރަންދާއިރު ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ގޮސް ވިޔަފާރި ކުރުމުން 2 އިންސައްތައިގެ ޑިސްކައުންޓެއްދޭ ގޮތަށް އެސްޓީއޯ އިން ނިންމަވައިފިއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ޑިޕާޓުމަންޓުގެ މާކެޓިން މެނޭޖަރ އާމިނަތު ޝުރުފާ ވިދާޅުވީ މިއީ ދާއިމީކޮށް ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތެއް ކަމަށެވެ.

ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ގޮތުން ފެށި މި ޙަރަކާތުގަދަށުން އެސްޓީއޯ ސްޕަމާޓުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކަނޑައެޅިފައިވާ ޑިސްކައުންޓް ލިބޭނެ ކަމަށް ޝުރުފާ ވިދާޅުވިއެވެ. "ވިޔަފާރި ކުރައްވަން ވަޑައިގަންނަވާއިރު ތިމާވެއްޓާ ރައްޓެހި ކޮތަޅު ގެންނަވާ ފަރާތްތަކަށް މި ޑިސްކައުންޓް ލިބިވަޑައިގަންނަވާނީ. މިއީ ދާއިމީކޮށް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަމެއް އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުވައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން އެއްކޮށް ހުއްޓާލުމަށް މީހުންނަށް ހިތްވަރުދީ ހޭލުންތެރިކުރުމުގެ ގޮތުން ފެއްޓެވި ކަމެއް ކަމަށެވެ. އެތަނުން އެކަން ފެށުމުން އެކަން އާދައަކަށްވެ ޕްލާސްޓިކް ކޮތަޅު ގެންގުޅުމުގެ އާދަ ބަދަލުވެދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ސްޕަމާޓުން ވިދާޅުވިއެވެ. ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ދިޔުމުން ޑިސްކައުންޓު ދެއްވަނީ އެމީހުންނަށް ހިތްވަރު ދެއްވުމަށް ކަމަށްވެސް ސްޕަމާޓުން ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ސަރުކާރުން ފަށްޓަވައިފައިވާ ކެމްޕޭނުގެ ދަށުން އެސްޓީއޯ ސްޕަމާޓުގައިހުރި ޑިސްޕޮސިބަލް ތައްޓާއި، ސަމުސާ ފަދަ ތަކެތި ހުސްކުރުމުގެ ގޮތުން އެތަނުންވަނީ ހެޔޮއަގުގައި ވިއްކަން ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.