މުދަލުގެ އަގުބޮޑު ނުކުރުމަށް އެސްޓީއޯއިން ގޮވާލައްވައިފި

މާލެތެރޭގައި މުދާ އުފުލާ ވަގުތުތަކަށް ގެނައި ބަދަލާ ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކު މުދަލުގެ އަގުބޮޑު ނުކުރުމަށް އެސްޓީއޯއިން ވިޔާފާރިވެރިންނަށް ގޮވާލައްވައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވަރަށްގިނަ ވިޔަފާރިވެރިން އެސްޓީއޯއިން މުދާ ގެންގޮސް ވިއްކަމުންދާ ކަމަށެވެ. ނަމަވެސް މިބަދަލުގެ ސަބަބުން އެސްޓީއޯއިންވެސް މުދަލުގެ އަގަކަށް އެއްވެސް ބަދަލެއް ނުގެންނަވާ ކަމަށާއި ނުވެސް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. އެހެންވީމާ ވިޔަފާރިވެރިންވެސް މުދަލުގެ އަގުބޮޑު ނުކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

"އަޅުގަނޑުމެން މުދާ ކުލިއަރ ކުރުމާއި ހޭންޑެލް ކުރުމާއި ވިއްކުމުގައި އަޅުގަނޑުމެންގެ އަގުތަކަށް އެއްވެސް ބަދަލެއް ނާންނާނެ. އެގޮތުން އެސްޓީއޯއިން ވިއްކާ އެއްވެސް މުދަލެއްގެ އަގަށް ބަދަލު ނާންނާނެ. ހުރި އަގުތަކުގައި އަޅުގަނޑުމެންގެ މުދާ ހުންނާނީ" ޝަހީރު ވިދާޅުވިއެވެ.

"އެސްޓޯއަކީ ރާއްޖޭގެ ވަރަށްގިނަ ފަރާތްތަކުން މުދާނަގައިގެން ވިއްކާ ކުންފުންޏެއް. އެހެންވީމާ މިކަމާ ގުޅިގެން ތިޔަ ބޭފުޅުން އަގުތައް މަތިނުކުރާށޭ،" ޝަހީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުދަލުގެ އަގުބޮޑު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ މުދާއުފުލާ ގަޑިތަކަށް ބަދަލު ގެނައުމުން މަޖޫރީން އެމީހުންގެ ފީ ބޮޑު ކުރުމުން ދިމާވިދަތިކަން ހައްލު ކުރެއްވުމަށް މަޖޫރީންނާ ވާހަކަ ދައްކަވައިގެން ވަރަށް ރަނގަޅު ގޮތްތަކެއް ނިމެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެމީހުންނާ ވާހަކަ ދައްކައިގެން ކުރީގެ އަގުތަކަށް ނޫނީ އެއަށްވުރެ ރަނގަޅު އަގުތަކެއް ހަމަޖެހިގެން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ މަޖޫރީންގެ އަގުތަކަކީ ރަނގަޅު އަގުތަކެއް ކަމަށްވާނަމަ އެސްޓީއޯގެ މުދާ ކުލިއަރ ކުރުމަށް އައުޓު ސޯސްކޮށްގެން އެމަސައްކަތް ބަޔަކާ ހަވާލު ކުރައްވަން ވެސް އެސްޓީއޯ ތައްޔާރު ކަމަށެވެ.

މާލޭގައި މުދާއުފުލުމުގެ ވަގުތަށް ގެނައި ބަދަލަކީ ވަރަށް ރަނގަޅު ހެޔޮބަދަލެއް ކަމަށް އެސްޓީއޯއިން ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެބަދަލުގެ ސަބަބުން އާންމުނަށް ވަރަށްބޮޑަށް ލުއިފަސޭހަވެގެންގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިން އޮފީސްތަކަށާއި ސްކޫލްތަކަށް ދާއިރު އުޅުނީ ވަރަށް ދަތިހާލުގައި ކަމަށާއި ސަރުކާރުން މިގެންނެވި ބަދަލުގެ ސަބަބުން މާލެ އަމާންތަނަކަށްވެ ފަސޭހަކަމާ އެކު ތަންތަނަށް ދިޔުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.