ޤައުމީ ފެންވަރުގައި ދަރިވަރުންގެ ނާދީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ހާމަކުރައްވައިފިއެވެ.
އާފަތިހަށް ދެއްވި ބަސްދީގަތުމެއްގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވީ ދަރިވަރުންގެ ނާދީ (ދަނާ) އުފެއްދެއްވުމަށްޓަކައި ކަނޑައަޅަންޖެހޭ އުޞޫލުތަކާއި ހަމަތަކުގެ ދެލިކޮޕީއެއް އެކުލަވާލައިފައިވާ ކަމުގައެވެ. މި އުޞޫލުތައް އެކުލަވާލައްވައިފައި ވަނީ ތަޢުލީމާ ބެހޭ ވުޒާރާއާއި ޕްރިންސިޕަލުންނާއި އަދަބީ ޖަމްޢިއްޔާތަކުގެ ރައީސުންގެ ޚިޔާލާއި މަޝްވަރާއާ އެކުގައެވެ.
ދިވެހި ބަހާއި އަދައްބިއްޔާތު ކުރިއަރުވައި ތަރައްޤީކުރުމަށް އުފައްދާ މި ޖަމްޢިއްޔާ (ދަނާ) ގައި ހިމެނޭނީ ރާއްޖޭގެ ކޮންމެ ސްކޫލެއްގައި އޮންނަ ދިވެހި އަދަބީ ޖަމްޢިއްޔާގެ ރައީސާއި ނާއިބް ރައީސެވެ. އަދި ދަނާގެ ރައީސާއި ނާއިބްރައީސަކު ހޮވިގެންދާނީ އެޖަމްޢިއްޔާގެ މެމްބަރުންގެ ތެރެއިންނެވެ.
"ދަރިވަރުންގެ ހިތުގައި ދިވެހި ބަހާއި އަދަބިއްޔާތަށް ލޯބި ޖެއްސުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރެވޭ. އެގޮތުން މިއަހަރު ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކަށް ވާނީ ދަރިވަރުންގެ ނާދީ އިފްތިތާޙްކުރުން." އަޝްރަފު ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ކުރިން މަސައްކަތް ކުރެއްވީ، ދިވެހި ބަހުގެ ދުވަހު ދަނާ އިފްތިތާހުކުރެއްވުމަށެވެ. ނަމަވެސް ވަރަށް ގިނަ މަޝްވަރާތަކަކާއެކު ނިންމަންޖެހޭ ކަންކަން ހުރުމުން އެކަން އެގޮތަށް ނުދިޔައީ ކަމަށް އަޝްރަފު ވިދާޅުވިއެވެ. މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ލިޔުންތެރެއިންގެ ދުވަހު ދަނާ އިފްތިތާޙުކުރެއްވުމަށެވެ. ލިޔުންތެރިންގެ ދުވަހަކީ ޖުލައި މަހުގެ އަށްވަނަ ދުވަހެވެ.
"މި ނާދީ އުފެދިގެން އައުމުން ކޮންމެ ދައުރެއްގައިވެސް، އިހުދަރިވަރުންގެ ގޮތުގައި މިޖަމްޢިއްޔާގެ ކުރީގެ ދައުރުތަކުގެ ރައީސުންވަމުން އަންނަ މިންވަރަކަށް މި ނާދީގެ މުސްތަޤްބަލު އަންނާނީ ފެންނަމުން. މުޖުތަމަޢަށް ނުކުންނަ އިރު މިއިން ކޮންމެ ދަރިވަރަކު ވާނީ، ދިވެހި އަދަބާ ތާރީޚަށް ކުލުނުހުރި ލޯބިހުރި އިސްވާރުންނަށް. އެހުވަފެން ދެކިގެން، އެ އުއްމީދުގައި ބަހުގެ އެކަޑަމީން ކުރިއަށް މިދަނީ." އެކަޑަމީގެ ރައީސް ވިދާޅުވިއެވެ.
ދަރިވަރުންގެ ނާދީ އުފެއްދުމަށްފަހު ކޮންމެ އަހަރަކު ބަހާއި އަދަބިއްޔާތާ ބެހޭ ޤައުމީ ފެންވަރުގެ މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މަހާސިންތާގައި ބަހާއި އަދަބާ ބެހޭގޮތުން ތަފާތު ކަރުދާސްތައް ހުށަހެޅި މަޝްވަރާ ކުރެއްވި ގޮތްތަކެއް ކަނޑަ އެޅިގެންދާނެ ކަމަށް އަޝްރަފު ފާހަގަކުރެއްވިއެވެ.
ކޮންމެ އަހަރަކަށް، ދަނާ އިން އަދަބީ ކަލަންޑަރެއް އެކުލަވާލައި ސްކޫލުތަކުގައި އޮންނަ އަދަބީ ޖަމްޢިއްޔާތަކާއި މެނޭޖްމެންޓާ މަޝްވަރާ ކުރެވި ޚަރަދުކުޑަކޮށް ލުއިކޮށް ކުރެވޭނެކަންކަން އެޖަމްޢިއްޔާގެ ހިންގާ ކޮމެޓީއަށް ހުށަހެޅި ޤައުމީ ފެންވަރެއްގައި ރޭވިގެންދާނެ ކަމަށް އަޝްރަފު ވިދާޅުވިއެވެ. މިކަންކަން ރޭވިގެން ދާނީ ދިވެހި ބަހުގެ އެކަޑީގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައިކަން އަޝްރަފު ފާހަގަކުރެއްވިއެވެ.
ދަނާގެ ހަރާކާތަކަށް އެހީތެރިވެދިނުމަށް ޓީޗަރުންގެ ކޮމެޓީއަކާއި ބެލެނިވެރިންގެ ކޮމެޓީއަކާ އަދި އެކަޑަމީގެ މުސްތަޝާރުންގެ ކޮމެޓީއެއްވެސް އެކުލަވާލުމަށް ވަނީ ހަމަޖައްސަވައިފައެވެ. ދަނާ އިފްތިތާޙު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ތަޢުލީމީ ވުޒާރާއިން އެކުލަވާލައްވައިފައިވާ ޕްރިންސިޕަލުންގެ ކޮމެޓީއާ މަޝްވަރާ ކުރައްވައި ދަނާގެ ޤަވާއިދު މުރާޖާ ކުރެއްވުމުގެ މަސައްކަތްތަކެވެ.
ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް ދިވެހި ބަހުގެ އެކަޑަމީން ކުރައްވަމުންގެންދަވާ މަސައްކަތައް ފާހަގަ ކުރައްވާ، އަޝްރަފު ވިދާޅުވީ، ހިލޭ ސާބަހަށް ކުރެވޭ މިމަސައްކަތަށް ރާއްޖޭގެ ވިޔަފާރި ކުންފުނިތަކާއި މުއްސަނދި މަހުޖަނުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމުގައެވެ.
"މިކަން ކަމަށް އެބަ ބޭނުންވޭ ރާއްޖޭގައި ތިބި މުއްސަނދި މަހުޖަނުންނާއި ކުންފުނިތަކުގެ އެހީތެރިކަން. ހަމައެކަނި މިފެންނަނީ މުނިފޫހި ފިލުވުމާއި ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދޭތަން. އަދަބިއްޔާތުގެ ތެރެއިން ޢިލްމީގޮތުން ކުއްޖާގެ ސިކުނޑި އެބަހުޅުވާލަދޭ. ޤައުމަށް ބޭނުންވާކަހަލަ ވަފާތެރި ޤަމުދެކެ ލޯބިވާ މީހުންއުފައްދައިދޭ. މިކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ބާރަކަށް، ކީއްތޯ ވާނީ ކުންފުނިތަކާ މަހުޖަނުންގެ އެހީތެރިކަމެއް ދެއްވަން. ދިވެހި އަދަބިއްޔާތު ތަރައްޤީކޮށް ކުރިއެރުވުމަށް ވެދެއްވާ އެހީތެރިކަމެއް ވެގެންދާނެ ރާއްޖޭގައި ކޮށްދެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަށް." ކަމަށް އަޝްރަފު ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކަޑަމީ އުފެދުނު ފަހުން ކޮންމެ އަހަރަކު ރާއްޖޭގެ ކޮންމެވެސް އެއް އަތޮޅެއްގައި އެއަތޮޅެއްގެ ހުރިހާ ސޫލެއް ޝާމިލްކޮށްގެން އަދަބީ ޢީދެއްގެ ގޮތުގައި އަދަބީ ޙަރަކާތްތައް ހިންގަމުން ގެންދާކަން އަޝްރަފު ފާހަގަ ކުރެއްވިއެވެ. މިއަހަރުގެ އަދަބީ ޢީދު ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ ނ. އަތޮޅުގައެވެ. ކުރިން ޒޯން މުބާރާތެއްގެ ގޮތުގައި ބާއްވަމުން އައި ވާހަކަ ދެއްކުމުގެ މުބާރާތް ވެސް މިއަހަރު ބާއްވާނީ އަދަބީ ޢީދާ ގުޅުވައިގެން ނ. އަތޮޅުގައެވެ.
ދަރިވަރުންނަށް ހިންގޭ އަދަބީ ޙަރަކާތްތަކުގެ ތެރެއިން 2016 ވަނަ އަހަރު މާލޭގެ ސްކޫލުތަކަށް ބޭއްވި އަދަބީ ޢީދުގެ ކާމިޔާބު ފާހަގަ ކުރައްވާ އެފަދަ އަދަބީ ޢީދެއް މިއަހަރުވެސް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެއްވިއެވެ. ވާހަކަ ދެއްކުމުގެ މުބާރާތަށް ލިބިފައި ކުރިއެރުން ފާހަގަ ކުރައްވައި އަޝްރަފު ވިދާޅުވީ 1980 ގެ އަހަރުތަކުގައި ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ނިސްބަތް 50 އާއި 60 އާ ދޭތެރޭގައި އުޅުނު އިރު މިހާރު ބައިވެރިންގެ ޢަދަދު ލިމިޓް ކޮށްފައިވާއިރުވެސް 500 އަށްވުރެ މަތީގައި އުޅޭކަމުގައެވެ. އަދި މިއަހަރުން ފެށިގެން ޕްރީސްކޫލުން ފެށިގެން ނިޒާމީ ތަޢުލީމުގެ ހުރިހާ މަރުހަލާއަކުން މި މުބާރާތުގައި ދަރިވަރުން ބައިވެރިވިކަން އަޝްރަފު ފާހަގަ ކުރެއްވިއެވެ.