މުޅި ދުނިޔެއަށް މަސްތުވާތަކެތި އެތެރެކުރާ މަންޒިލަކަށް ރާއްޖެވަނީ ބަދަލުކޮށްފައި: ރައީސް

ފޮޓޯ: ރައީސް އޮފިސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން، މުޅީ ދުނިޔެއަށް މަސްތުވާތަކެރި އެތެރެކުރާ މަންޒިލަކަށް ރާއްޖެ ބަދަލުކުރަމުންދާ ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް ވިދަޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަންޑޭ ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައިސް ވިދާޅުވީ މަސްތުވާ ތަކެތި އެތެރެކުރާ ފަރާތްތަކުން ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބައެއް ފަރާތްތަކުންން އަފްޣާނިސްތާން، ޕާކިސްތާނު ބޯޑަރަށް ގޮސް މަސްތުވާތަކެތިނ އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ފަރާތްތަކުން ރާއްޖެ ބޭނުންކުރަނީ ޓްރާންސްޝިޕް ބަނަދަރެއްގެ ގޮތުގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި މި ވިޔަފާރި ހިންގާ ފަރާތްތައް ވަނީ މި ސަރަޙައްދުގެ އަދި ދުނިޔޭގެ ބޮޑެތި ނެޓްވަރކްތަކާ ގުޅިފައި. މިއީ ފެންނަން އޮތް ޙަޤީޤަތެއް. ރާއްޖޭގެ ބައެއް ފަރާތްތަކުން އަފްޣާނިސްތާން، ޕާކިސްތާނު ބޯޑަރަށް ގޮސް، މަސްތުވާތަކެތި އުފައްދާ ފަރާތްތަކާ ބައްދަލުކޮށް، އެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދޭ. އަދި މި ފަރާތްތަކުން ރާއްޖެ ބޭނުންކުރަމުން ގެންދަނީ، އެއީ ޓްރާންޝިޕް ޕޯޓެއްގެ ގޮތުގައި. ރާއްޖެއަށް މަސްތުވާތަކެތި ވިއްކުމުގެ އިތުރަށް، ރާއްޖެ ޓްރާންސްޝިޕްމަންޓް ޕޯޓެއްގެ ގޮތުގައި ބޭނުންކޮށް، މުޅި ދުނިޔެއަށް މި މަސްތުވާތަކެތި ގެންދާ މަންޒިލަކަށް ރާއްޖެ އެމީހުން ބަދަލުކުރަމުން އޭގައި އެބަ ގެންދޭ." ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވިގޮތުގައި މަސްތުވާ ތަކެތިން ގައުމު ސަލާމަތްކުރަން ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖެއަށް އެތަކެތި އެތެރެވުން ހުއްޓުވުން ކަމަށެވެ. މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެވާ ދޮރުތައް ބަންދުކުރުމަކީ ބޮޑު އަދި އުނދަގޫ ކަމެއް ކަން ރައިސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ދައްކަނީ ވަރަށްބޮޑު އުނދަގޫ ކަމެއްގެ ވާހަކަ. މި ދައްކަމުން ގެންދާ ވާހަކައަކީ، ބަޔަކު ކުރަމުންގެންދާ ބޮޑު ވިޔަފާރިއެއް ހުއްޓާލާ ވާހަކަ. ރާއްޖޭގައި މި ވިޔަފާރި ހިންގާ ފަރާތްތައް ވަނީ މި ސަރަޙައްދުގެ އަދި ދުނިޔޭގެ ބޮޑެތި ނެޓްވަރކްތަކާ ގުޅިފައި. މިއީ ފެންނަން އޮތް ޙަޤީޤަތެއް." ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުމުގައި ކަމާއި ގުޅޭ މުއައްސަސާތަކުން ތެދުވެރިކަމާއި ހަރުދަނާ ކަމާއެކު މަސައްކަތް ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. "އަޅުގަނޑު މި ދެންނެވިހެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ވަރަށްގިނަ ފަރާތްތައް އެބަހުރި. ކަސްޓަމްސްއާއި، ފުލުހުންނާއި، ކޯސްޓްގާޑާއި، އިމިގްރޭޝަން ފަދަ މުއައްސަސާތަކުން މިހާރަށްވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ޙަޤީޤީ މަސައްކަތްތަކެއް އެބަ ކުރަންޖެހޭ." ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖްތަމައު ރައްކާތެރިކުރެވޭނީ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ޖުމްލަކޮށް މުޅީ މުޖްތަމައުގެ އެއްބާރުލުން ލިބިގެންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.