އަންހެނުންގެ އުފެއްދުންތަކަށް ހަމައަގު ލިބޭނަމަ އެކަމުގެ ހެޔޮއަސަރު އިގްތިސާދަށް ކުރާނެ: ރައީސް

އުފެއްދުންތެރިކަން އިތުރުވެމަސައްކަތްތެރި އަންހެނުންގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިއްޖެނަމަ، އުފެއްދުންތެރިކަން އިތުރުވެ، އެކަމުގެ ހެޔޮ އަސަރު އިޤްތިޞާދަށް ކުރަން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަންނު އެކްސްޕޯ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސައްކަތްތެރި އަންހެނުން އުފައްދާތަކެއްޗަށް މާކެޓު ލިބި އެއަށް ހަމައަގު ލިބެންފަށައިފިނަމަ ފަރުދީ ފުދުންތެރިކަން އިތުރުވެ، ޢާއިލާގެ އުފާވެރިކަން ވެސް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ މައުރަޒެއްގައިވެސް މުހިންމު ދެ ބައެއް އެބަ ހިމެނޭ. ފުރަތަމަ ބަޔަކީ، އުފެއްދުންތައް ދައްކާލުމުގެ ބައި. އުފެއްދުންތައް އެއް ތަނަކުން ގިނަ ބަޔަކަށް ފެންނާނެ ގޮތް ހެދުން. ދެވަނަ ބަޔަކީ، ވާދަކުރުމުގެ ބައި. މައުރަޒަކަށް މި ވަނީ މި ދެބައި އެކުވީމަ. އެހެންވީމާ، ގިނަ ބަޔަކަށް އުފެއްދުންތައް ދެއްކުމަށްޓަކައި މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރާއިރު، ބައިވެރިކުރާ ތަކެތީގެ ފެންވަރު ރަނގަޅުކުރުމަކީވެސް ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ އުފެއްދުމެއްގެވެސް އަގު އުފުލިގެންދަނީ އެ އުފެއްދުމުގެ ފޭރާން ހެޔޮވެ، މަސައްކަތްތައް ފަށުއިވާ މިންވަރަކުން ކަމަށެވެ. އެހެން ކަމުން މިފަދަ މައުރަޒެއްގައި ބައިވެރިވުމުގެ ދެ މަގުސަދަށްވާނީ ރަނގަޅު އަގެއްގައި އެއްޗެއް ވިއްކާލުމާއި ރަންވަނައެއް ހޯދުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިވެހީންނަކީ، ޒަމާނުއްސުރެ ތަފާތު ފަންނުތަކުގައި އާދަޔާ ޚިލާފު ހުނަރުވެރި ވިސްނުންތަކެއް ގެންގުޅޭ ބައެއް. ރާއްޖޭގެ އެކި ކަންކޮޅުގައި ހުރި ދުވަސްވީ މިސްކިތްތަކާއި ޒިޔާރަތްތަކަކީ، ޢިމާރާތް ކުރުމުގެ ފަންނުގައި ދިވެހިންގެ ހުނަރުވެރިކަމާމެދު ސުވާލު ނުއުފެދޭހާ މޮޅު އުފެއްދުންތަކެއް. ލިޔެލާޖެހުމާއި ލާފެންކުރުމަކީވެސް، ކަވި އަދި ފަށުވި މަސައްކަތްތަކަށް، ދިވެހީން ހުޝިޔާރުކަން ސާބިތުކޮށްދޭ ވަރަށް ހިތްގައިމު މަސައްކަތެއް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ހީވެސް ނުކުރާހާ ހުނަރުވެރި މޮޅު ބައެއް ކަމަށެވެ. އެހެންކަމުން އެމީހުންގެ ކިބައިގައިހުރި ހުނަރާއި ފަންނުވެރިކަން ނެރެ ހާމަކޮށްދޭނެ ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދޭންޖޭހޭ ކަމަށް ވިދާޅުވިއެވެ. އޭރުން މުޅިން އައު ދިވެހި އުފެއްދުންތައް މައުރަޒުތަކުން ފެންނަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިޒަމާނަކީ ސަގާފީ ކޮންމެ ކަމެއް ކަމަކާއި ހުނަރާއި ފަންނުވެރިކަންވެސް އިގްތިސާދާ އެތައްގޮތަކުން ގުޅިފައިވާ ޒަމާނެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ކޮންމެ ޤައުމެއްގައިވެސް ބޭރުން އަންނަ މެހުމާނުންނަށް އެންމެ ބޮޑު އަގުގައި ވިއްކޭ އެއްޗަކީ، އެބައެއްގެ ތަރިކައާއި އެބައެއްގެ ސަޤާފަތާ ގުޅޭ ތަކެތި،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.