މީގެކުރިން ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލުވުމުން އެބޭފުޅުން އަބަދުވެސް ސުވާލުކުރައްވަނީ ރަށުގައި އެވެނިމިވެނި ކަމެއްނުވެހުރި ވާހަކަ ކަމަށާއި ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށުމުން ދެން އެބޭފުޅުންނާ އެސުވާލު ކުރައްވާނީ އެމަނިކުފާނު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ވިއަވަތި ރާއްޖޭގެ ނަމުގައި މިއަދު ފެށި ކައުންސިލަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިގާނޫނުގެ ދަށުން ކައުންސިލްތަކަށްވާނީ ފައިސާއާއި ބާރު ލިބިދީފައި ކަމަށެވެ. އެހެންކަމުން އޭގެ ބޭނުންކޮށްގެން ރަށްތައް ތަރައްގީ ކުރުމަކީ ކައުންސިލްތަކުން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެކުރިން ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު، އަޅުގަނޑާ ކުރައްވާ ސުވާލުތަކެއް ހުރޭ. ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ތިޔަބޭފުޅުން ކުރައްވާ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އަޅުގަނޑު ކުރާނީ ތިޔަބޭފުޅުންނާ. ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިޚްތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ؟" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދުފެށި ފޯރަމަކީ މިގެންނެވި ބަދަލުތައް ތަންފީޒު ކުރުމަށްޓަކައި، ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާ ކުރުމަށް ބާއްވާ ބަދަލެއް ކަމަށެވެ. އަދި މިއަދު ތަސްދީގު ކުރެވުނު ޤާނޫނު ތަންފީޒު ކުރުމުގައި، ކައުންސިލަރުންގެ ދައުރަކަށްވާނީ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ބާކީނުކޮށް، އިންޞާފުވެރިކަމާއެކު ކަންތައްތައް ނިންމަވަމުން ގެންދެވުން ކަމަށްވެސް ރައިސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ފައިސާ ހެޔޮގޮތުގައި ބޭނުން ކުރުމަކީ ވެސް ކައުންސިލަރުންގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލަރުންގެ މިފަދަ މުހިންމު ބައްދަލުވުމެއް ބާއްވާއިރު ޤައުމީ ފެންވަރުގައި ވިސްނަންޖެހޭ ބައިވަރުކަންކަން ވެސް އެބަހުރި ކަމަށެވެ. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ހަރުކަށި ފިކުރުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މީހުންގެ މައްސަލައާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމައުން އެކަހެރިވަމުންދާ ޒުވާނުންގެ މައްސަލަ ރައީސް ފާހަގަ ކުރެއްވިއެވެ.