އާފަތިސް ބަދިގެ: އަލަނާސި ކުކުޅު

އާފަތިސް ބަދިގެ އިން ހަފްތާ ބަންދާ ދިމާކޮށް ކިޔުންތެރީންނަށް ވާނީ މީގެ ކުރިން ރެސިޕީއެއް ގެނެސްދީފައެވެ. މެދު ކެނޑުމަކަށް ފަހު އަނެއްކާވެސް މި ސިލްސިލާގެ ދަށުން ކިޔުންތެރީންނަށް ކޮންމެ ހަފްތާއަކު ރެސިޕީއެއް ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. ހަފްތާ ބަންދަކީ، ޚާއްޞަކޮށް ހުކުރު ދުވަހަކީ އެއް ސުފުރާއެއްގެ މަތީން ކާލަން އާއިލާއަށް ވަގުތު ލިބޭ ދުވަހެވެ.

ހަފްތާ ބަންދާ ދިމާކޮށް އާފަތިސް ބަދިގެއިން ކިޔުންތެރީންނަށް ރެސިޕީއެއް ގެނެސްދެނީ އެ ދުވަހު  ތަފާތު، އާ ބާވަތެއް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ، އަދި ކެއްކުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، ނުވަތަ އާ ބާވަތްތައް ތައްޔާރުކުރުމަށް ޝާއިގުވެރިވާ ފަރާތްތަކުން ތައްޔާރުކުރެވޭނެ އާ ބާވަތެއް ގެނެސްދިނުމެވެ. ރެސިޕީތައް ހޮވުމުގައި ބާލާނީ މީގެ ކުރިންވެސް ރެސިޕީތައް ހޮވާފައިވާ އުސޫލުން ރާއްޖެއިން ލިބެން ހުންނަ ބާވާތްތައް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކުރެވޭނެ، މީރު، ހަށިގަނޑަށް ފައިދާ ހުރި ބާވަތްތައް ހިމެނޭ ރެސިޕީ ގެނެސްދިނުމަށެވެ. 

މި ހަފްތާގައި މި ގެނެސްދެނީ ތަރުކާރީ އާއެކު އަލަނާސި ކުކުޅު ތައްޔާރުކުރާނެ ގޮތެވެ. މިއި 30 ވަރަކަށް މިނެޓު ތެރޭގައި ތައްޔާރުކުރެވޭނެ ބާވަތެކެވެ. 

ބޭނުންވާނެ ބާވަތްތައ:

2 ޗިކެން ބްރެސްޓް، ތުނިކޮށް ކޮށާފައި

1 ސައިސަމުސާ ޒައިތޫނި ތެޔޮ

1 ދަޅު އަލަނާސި

2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

2 މެޒުމަތީ ސަމުސާ މާމުއި

2 ސައިސަމުސާ އިނގުރު

2 ސައިމުސާ ލޮނުމެދު ޕޭސްޓް

400 ގުރާމް ބްރޮކަލީ

1 ބެލް ޕެޕެރަ

1 ސައިސަމުސާ ޒުވާރި ފުށް

2 މޭޒުމަތީ ސަމުސާ ސެސެމީ ސީޑް

ތައްޔާރުކުރާނެ ގޮތް:

ތެޔޮ ހޫނުކުރުމަށް ފަހު އޭގެ ތެރެއަށް ކޮށާފައި ކުކުޅު އެޅުމަސްފަހު މައްޗަށް ކުޑަ އަސޭމިރުސް ކޮޅަކާއި ލޮނު ކޮޅެއް ބުރުވައިލާށެވެ. ކުކުޅު ރޯފިލަންދެން ފުށުން ޖަހަމުން ކައްކާށެވެ. ފަސްވަރަކަށް މިނެޓުން ރޯ ފިލާނެއެވެ.

ދެން ބޯތަށްޓަކަށް އަލަނާސި ދަޅު ހުސްކުރުމަށް ފަހު ސޯޔާ ސޯހާއި، މާމުއި، އިނގުރު، އަދި އަދި ލޮމުނެދު އެޅުމަށް ފަހު އެއްކުރާށެވެ. ޕެޕަރ ވެސް ހިމަކޮށް ތުނިކޮށް ކޮށާށެވެ.

ކުކުޅު ރަނގަޅަށް ރޯ ފިލުމުން އަލަނާސި މިކްސްޗަރު އޭގެތެރެއަށް އެއްކުރުމަށް ފަހު ފަސް މިނެޓު ވަރު ކައްކާށެވެ. ދެން ބްރޮކަލީ އާއި ޕެޕަރ އެއްކުރާށެވެ. ހުރިހާ ބާވަތެއް ރަގނަޅަށް އެކުވެ ކެކުމުން ކުކުޅާއި ތަރުކާރީ އަދި އަލަނާސި ބޯތަށްޓަކަށް ހުސްކުރާށެވެ.

ދެން ޒުވާރި ފުށްކޮޅު ފެންފޮދަކަށް ގިރުމަށްފަހު ތެލީގައި ހުރި ސޯސްގަނޑުގެ ތެރެއަށް އަޅައި އެއްކުރާށެވެ. ޒުވާރި ފުށް އޮލަވަން ދެން ކައްކާށެވެ.

ކާން ނެގުމުގެ ކުރިން، ކުރިން ބޯތަށްޓަށް ނާގާފައި ހުރި އަލަނާސި އާއި ތަރުކާރި އަދި ކުކުޅުގެ މައްޗަށް ސޯސްގަނޑު އޮއްސައިލާށެވެ. އަދި މައްޗަށް ސެސެމީ ސީޑް ކޮޅެއް އެޅުމަށް ފަހު ކާން ނަގާށެވެ.

ނޯޓު: މިއީ ޑޯނާ އެލިކް ގެ ރެސިޕީއެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.