ކޯސްޓްގާޑް ޑައިވިންގ ކޯސްގެ ދަރިވަރުންނަށް ކަނޑު އަޑީގައި ބެޖު ޙަވާލު ކުރައްވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގި ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސްގެ ދަސްވެނިވުން މިއަދު ހެނދުނު އެމްއެންޑީއެފް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބާއްވައިފިއެވެ. މިއީ ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބޭއްވި ކޯހެކެވެ.

މި ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބެޖް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ކޯހުން ފާސްވި ދަރިވަރުންނަށް ޗީފް އޮފް ޑިފެންސް ފޯސް ބެޖު ހަވާލުކޮށްދެއްވާފައިވަނީ ކަނޑު އަޑީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ ރާއްޖޭގެ ޗީފްއޮފް ޑިފެންސްފޯސްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ކަނޑުއަޑީގައި ބޭއްވި މިފަދަ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ބައިވެރިންނަށް މެޑަލް ޙަވާލު ކޮށްދެއްވި ފުރަތަމަ ފަހަރެވެ.

މި ކޯހުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހެއިރެވެ.

ހަތް ވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ ބެސްޓް އޯލް ރައުންޑަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލ.ކޯޕްރަލް އިސްޙާގު ރަޝީދެވެ. ފިޓެސްޓް ޑައިވަރުގެ މަޤާމް ހޯދީ އެމްޑީޔޫ 2 ގެ ލ.ކޯޕްރަލް މިފްތާޙް އިބްރާހީމެވެ. ބެސްޓް ފޮރިން ކެޑޭޓަކަށް ހޮވިފައިވަނީ ސްރީލަންކާގެ ލ.ކޯޕްރަލް ޗަތުރަންގާ އެލްއޭއެސްއެވެ. އަދި ކޯހުގެ ފަސްޓް އިން މެރިޓަކަށް ހޮވިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ލ.ކޯޕްރަލް ހަސަން ޢަލީއެވެ.

މި ކޯހުގައި ބައިވެރިންނަށް ހިސްޓްރީ އޮފް ޑައިވިންގ، ފިޒިކްސް އެންޑް ފިޒިއޯލޮޖީ އޮފް ޑައިވިންގ، އިކުއިޕްމަންޓް އެންޑް އެކްސެސަރީސް، ޑައިވިންގ ކޮމިއުނިކޭޝަންސް، ޑައިވިންގ ޓޭބަލް، ޑައިވިންގ ސޭފްޓީ، ޑައިވިންގ ސާރޗް ޕެޓާންސް، ފިޒިކަލް ޓްރެއިނިންގ، ސްވިމިންގ، ޑައިވިންގ ސްކިލްސް، މިޝަން ޕްލޭނިންގ، ޑައިވިންގ ފަސްޓް އެއިޑް، ވެސެލް ރެސްކިއު އަދި ރެސްކިއު ސްވިމިންގ ވަނީ ކިޔަވައިދެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

2019 ޖަނަވަރީ 14 ވަނަ ދުވަހު ފެއްޓި މި ކޯހަކީ 16  ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޯހެކެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގި މިކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވިއެވެ. ކޯސް ފުރިހަމަ ކޮށްފައިވަނީ 19 ދަރިވަރުންނެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 8 ސިފައިން ބައިވެރިވެފައިވެއެވެ. އގެތެރޭގައި ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ބައިވެރިވެފައިވެއެވެ.

އިނާމް ދިނުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.