(8 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސާލާރްގެ ޕްރޮޖެކްޓްތައް މޮޅުވެފައި ފުރިހަމައެވެ. ޕްރޮޖެކްޓްތަކުގެ ފެންވަރާއެކު އޭނާގެ އަގު ވެސް އަަރަމުން ދިޔައެވެ. އެހެން އިންސާނުންނަށް މިންވަރު ނުކުރައްވާ ވަރުގެ ތޫނުފިލިކަމެއް ﷲ އޭނާއަށް ދެއްވުމުން އެ ނިއުމަތް ބޭނުންކުރަންވާނީ އެހެންމީހުންގެ ހައްގުގައި ކަން އޭނާ ގަބޫލުކުރެއެވެ. އެމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެހީވުމުގައެެވެ. މަސައްކަތް ކުރާއިރު އޭނާގެ ސކިުނޑީގައި އޮންނަ ހަމައެކަނީ އެ ފިކުރެވެ.
ޔުނިސެފްގައި މަސައްކަތް ކުރަމުން އޭނާ މާސްޓަރ އޮފް ފިލޯސަފީ ޕްރޮގްރާމެއްގައި ބައިވެރިވިއެވެ. އޮފީސް ނިންމާފާއި ކުލާހަށް ދާންޖެހުމަކީ އޭނާގެ މަސައްކަތަށް އިތުރު ބުރައެކެވެ. އެހެންނަމަވެސް ކޯހުގައި ބައިވެރިވީ ކޯހުން ލިބޭ މައުލޫމާތުގެ އަލީގައި މިހާރު ކުރަމުންދާ މަސައްކަތް މާ ފުރިހަމައަށް ކުރެވޭނެކަން އެނގޭތީއެވެ.
***
ފުރުޤާން އާއި ސާލާރާ ފުރަތަމަ ބައްދަލުވީ އެމެރިކާއިން ޕާކިސްތާނަށް ދިޔަ ފްލައިޓުންނެވެ. އޭނާ އިނީ ސާލާރާ ޖެހިގެންނެވެ. އޭނާ އެމެރިކާއަށް ދިޔައީ މެޑިކަލް ކޮންފަރެންސެއްގައި ބައިވެރިވާށެވެ. ސާލާރް ޕާކިސްތާނަށް ދަނީ އޭނާގެ ކޮއްކޮ އަނީތާގެ ކާވެންޏަށެވެ. ދަތުރު ނިމެންދެން ސާލާރާއި ފުރުޤާން އެކި ވާހަކަ ދެއްކިއެވެ. ފުރުޤާން ސާލާރަށް ވުރެ އުމުރުން ދޮށްޓެވެ. އޭނާގެ އުމުރަކީ 35 އަހަރެވެ. އޭނާ ސްޕެޝަލައިޒްވީ ލަންޑަނުންނެވެ. އޭނާ މަސައްކަތް ކުރަނީ ޕާކިސްތާނުގެ ހޮސްޕިޓަލެއްގައެެވެ. މީހަކާ އިނދެގެން ދެ ދަރިން ތިބެއެވެ.
ދެތިން ގަޑިއިރުވަންދެން ފުރުޤާނާ ވާހަކަ ދެއްކުމަށްފަހު ބްރީފް ކޭހުން ނިދާ ބޭސް ގުޅައެއް ނަގައިގެން ކެއެވެ. އޭނާ ބްރީފް ކޭސް ލައްޕައިލުމުން ފުރުޤާން ބުންޏެވެ. "ގިނަ މީހުންނަށް ފްލައިޓު މަތީގައި ނިދެނީ ނިދާ ބޭސް ކައިގެން."
"ފްލައިޓު މަތީގަ ނޫނަސް ބޭސް ނުކައި އަހަންނަކަށް ނުނިދޭ." ސާލާރް ބުންޏެވެ.
"ނިދަން އުނދަގާ ވަނީތަ؟" ފުރުގާން އެހިއެވެ.
"އުނދަގޫހޭ؟" ސާލާރް ހިނިތުންވެލިއެވެ. "އަހަންނަށް ހަމަ ނުނިދެނީ. ބޭސް ކައިގެން ވެސް ނިދެނީ ތިނެއް ނުވަތަ ހަތަރުގަޑި އިރު."
"އިންސޯމްނިއާތަ؟" ފުރުޤާން އެހިއެވެ.
"ވެދާނެ، އަހަރެން ޑޮކްޓަރަކަށް ނުދައްކަން. އެކަމަކު ހީވަނީ އެހެން." ސާލާރް ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ.
"ޑޮކްޓަރަކަށް ދައްކަންވާނެ. މި އުމުރުގައި އިންސޯމްނިއާ؟ ތިއީ ދުޅެހެޔޮ ސިއްހަތެއްގެ ނިޝާނެއް ނޫން. މަސައްކަތުގައި މާ ބުރަކޮށް އުޅެމުން ނިދި ޚަރާބުކޮށްލީ ދޯ؟"
ފުރުޤާން ޑޮކްޓަރަކު ވާހަކަ ދައްކާގޮތަށް ސާލާރާ ވާހަކަ ދެއްކިއެވެ. ސާލާރް ހިނިތުންވެލިއެވެ. އެކަމަކު ރެޔާއި ދުވަލު މަސައްކަތް ނުކުރާނަމަ ދިރިނުހުރެވޭނެ ވާހަކަ ފުރުގާން ގާތު ބުނާކަށް ބޭނުމެއް ނުވިއެވެ. ބޭސްނުކައި ނިދައިފިނަމަ އިމާމާގެ މަތިން ހަނދާންވާ ވާހަކަ ވެސް ނުބުންޏެވެ.
"ދުވާލަކު ކިތައް ގަޑިއިރު މަސައްކަތް ކުރަން؟" ފުރުޤާން އެހިއެވެ.
"އަށާރަ، ބައެއްފަހަރު ވިހި."
"ޔާރައްބީ! ކިހައި ދުވަހެއް ވެދާނެ؟"
"މިދިޔަ ދެ ތިން އަހަރުން ފެށިގެން..."
"އޭރުއްސުރެ ނިންޖަށް މައްސަލަ ޖެހިފަ ތިހިރީ. ނިދި ޚަރާބުކޮށްލައިގެން ތިއުޅެނީ އަމިއްލައަށް. ތިވަރަށް މަސައްކަތް ކުރާ ނަމަ ވަރުބަލިވެގެން ވެސް ރަނގަޅަށް ނިދޭނެ." ފުރްޤާން ބުންޏެވެ.
"އަހަންނަކަށް ނުނިދޭ." ސާލާރް މަޑުމަޑުން ބުންޏެވެ.
"ނުނިދެނީ ކީއްވެތޯ ބަލަންވާނެ."
ނުނިދެނީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ، އެކަމަކު ފުރުޤާން ގާތު އެވަހަކަ ބުނާކަށް ބޭނުމެއް ނުވިއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ފުރުޤާން ބުންޏެވެ. "ނިދުމުގެ ކުރިން ކިޔާނެ އާޔަތްތައް އަހަރެން ކިޔައިދީފިއްޔާ އެކަން ކުރެވޭނެތަ؟"
"ކީއްވެ ނުކުރެވެންވީ؟" ސާލާރް އެހިއެވެ.
"އެހެނެއް ނޫން. އަހަރެމެން ކަހަލަ ހުޅަނގުން ކިޔަވާ މީހުން އެކަހަލަ ވާހަކަ ގަބޫލެއް ނުކުރޭ." ފުރުޤާން ބުންޏެވެ.
"ފުރުޤާން... އަަހަންނަކީ ހާފިޒެއް." ގޮނޑިއަށް ލެނގިލަމުން އޭނާ ބުންޏެވެ.
ފުރުގާން ސިހުނެވެ.
"ކޮންމެ ރެއަކު ނިދުުމުގެ ކުރިން އަހަރެން ޤުރްއާނުން ފޮތެއް ކިޔަވަން. ނުނިދެނީ އީމާންތެރިކަން ބަލިކަށިވެގެނެއް ނޫން." ސާލާރް ބުންޏެވެ.
"އަހަންނަކީ ވެސް ހާފިޒެއް." ފުރުޤާން ބުންޏެވެ. ސާލާރް ހީނލިއެވެ. މިއީ ބޮޑު އިއްތިފާގެކެވެ. ތުނބުޅިއެއް ލާފައި ހުއްޓަސް ފުރުޤާން ޤުރްއާން ހިތުދަސްވާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
"އެހެންވެއްޖެއްޔާ ނުނިދިގެން އުޅޭކަށް ނުޖެހޭނެ. ނިދުމުގެ ކުރިން ޤުރްއާން ކިޔަވާ މީހަކަށް ނިދަން އުނދަގޫވާނަމަ ތިއީ މައްސަލައެއް."
ސާލާރަށް ފުރުޤާން އެއްޗެކޭ ބުނިހެން ހީވިއެވެ. އެކަމަކު މިހާރު މަޑުމަޑުން ލޯ މެރެމުންގޮސް އޭނާއަށް ނިދިއްޖެއެވެ.
"ރަގަނޅުތަ؟" ފުރުޤާން ސުވާލުކުރި އަޑު ސާލާރަށް އިވުނެވެ. އޭނާ ބޭސްނުކައި ހުރި ނަމަ އެސުވާލަށް ޖަވާބުނުދީ ދޫކޮށްލެވުނީހެވެ.
"އާނ. އަހަރެންގެ ވަރަށް ގިނަ މައްސަލަަތައް އެބަހުރި. އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބޭ. ހީވަނީ ސަހަރާއެއްގައި އުޅެވޭހެން. އަބަދު ކުރެވެނީ ކޮންމެވެސް ކަމެއް ނުކުރެވޭ ކަމުގެ އިހުސާސް. މި އަނދިރިކަމުން ނިކުންނަށް އަހަރެން ބޭނުން. އަހަރެން މި ހޯދަނީ އެ އަލި. އަހަރެން ސަލާމަތްކޮށްދޭނެ ފަރާތެއް. ފުރިހަމަ މުރައްބީއެއް. މި ހުރިހާ ކަަމަކުން ސަލާމަތްކޮށް ތެދުމަގަށް ނެރެދޭނެ ފަރާތެއް. ދިންނެވުމުގެ މަގަށް އަހަރެން ނެރެދޭނޭ ފަރާތެއް."
ފުރުޤާން އިނީ ސާލާރަށް ބަލަހައްޓައިގެންނެވެ. ލޯ މެރިފައި އޮތް އިރުވެސް އޭނާގެ ލޮލުން ކަރުނަ ފައިބާތަން ފުރުޤާނަށް ފެނުނެވެ. ސާލާރް ހުރިހާ ވާހަކައެއް ކިޔައިދިނީ ބޭހުގެ އަސަރުކޮށްފައި އޮތުމުންކަން ފުރުޤާނަށް އެނގުނެވެ. އިރުކޮޅަކުން އޭނާއަށް ރަނގަޅަށް ނިދިއްޖެއެވެ. ފުރުޤާން އިތުރު ސުވާލެއް ނުކުރެއެވެ.
***
ސާލާރަށް ހޭލެވުމުން އަނެއްކާވެސް ދެމީހުން ވާހަކަ ދައްކަން ފެށިއެވެ. ނިދެމުން ދިޔައިރު ސާލާރް ދެއްކި ވާހަކައަށް ފުރުޤާން އިޝާރާތެއް ނުކުރެއެވެ. ދެބަ ދޭތެރޭގައި ވާހަކަ ދެއްކުނު ކަމެއް ސާލާރަކަށް ނޭނގެއެވެ. ދަތުރު ނިމުމުގެ ކުރިން ދެމީހުން އެކަކު އަނެކަކަށް ފޯނު ނަންބަރާއި އެޑްރެސް ބަދަލުކުރިއެވެ. ސާލާރް އަނީތާގެ ކާވެންޏަށް ފުރުޤާނަށް ދައުވަތު ދިނެވެ. ފުރުޤާން ދައުވަތު ގަބޫލުކުރިއެވެ. އެކަމަކު އޭނާ ދާނެކަމުގެ ޔަގީންކަމެއް ސާލާރަކަށް ނެތެވެ. އެމީހުންގެ ފްލައިޓު ދަނީ ކަރާޗީ އަށެވެ. އެތަނުން ސާލާރް ދާނީ އިސްލާމްއާބާދަށެވެ. ފުރުޤާން ލާހޯރަށެވެ.
އަނީތާގެ ކާވެނި އޮތީ އޭގެ ތިން ދުވަސް ފަހުންނެވެ. އެ ތިންދުވަހު ސާލާރް ނިންމަންޖެހޭ ވަރަށް ގިނަ މަސައްކަތް ހުއްޓެވެ. ކާވެނީގެ ބައެއް ތައްޔަރީތަކާއި އޭނާގެ އަމިއްލަ ބައެއް މަސައްކަތެވެ. ވިދިގެން އައި ދުވަހު ހަވީރު ފުރުޤާން އޭނާއަށް ގުޅިއެވެ. ފަނަރަވަރަކަށް މިނެޓު ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވުމުގެ ކުރިން ދައުވަތުގެ މަތިން ސާލާރް ހަނދާންކޮށްދިނެވެ.
"ހަނދާން އެބަހުރި، ހަފްތާ ބަންދުގައި އަހަރެން އިސްލާމްއާބާދާށް ދާގޮތަށް އޮތީ. އަހަރެންގެ އަވަށު ސްކޫލްގެ މަސައްކަތް ބަލައިލަން. މިފަހަރު ތަންކޮޅެއް ގިނަ ދުވަހު މަޑުކުރަންވެސް ޖެހިދާނެ."
އެވާހަކަވީ ސާލާރަށް ވަރަށް ޝައުގުވެރި ވާހަކައަކަށެވެ. "އަވަށު ސްކޫލޭ؟ ކީކޭ ތިބުނީ؟"
"އަހަރެމެންގެ ރަށުގައި އަހަރެންގެ ސްކޫލެއް ހިންގަން، މިހާރު އެތައް އަހަރެއް ވެއްޖެ."
"ކީއްކުރަން؟"
"ކީއްކުރަންހޭ؟" ފުރުޤަން ހައިރާންވިއެވެ. "މީހުންނަށް އެހީވާން."
"އެއީ ޗެރިޓީ މަސައްކަތެެއްތަ؟"
"ނޫން، އެއީ އަހަރެންގެ ޒިއްމާއެއް. މިއީ ވަކި މީހަކަށް ކޮށްދޭ ކަމެއް ނޫން." ފުރުޤާން މައުޟޫއު ބަދަލުކުރިއެވެ. ސްކޫލާ ބެހޭ ގޮތުން އިތުރު ވާހަކައެއް ނުދައްކައި އޭނާ ފޯނު ބޭއްވިއެވެ.
***
އަނީތާގެ ކާވެންޏަށް ފުރުޤާން އައެވެ. އޭނާ އިރުކޮޅަކު މަޑުކުރިއެވެ. އެކަމަކު އޭނާ ހައިރާންވެފައި ހުރިކަން ސާލާރަށް ފާހަގަކުރެވުނެވެ.
"ހާދަ ހުޅަނގުގެ ކުލަޖެހިފައޭ..."
ފުރުޤާންގެ މޫނުމަތިން ހައިރާންވެފައި ހުރި ސަބަބު އޭނާއަށް ސާފުވިއެވެ.
"ސާލާރް ޤުރްއާން ހިތުދަސްކަމަށް ބުނީމަ އަހަރެން ހީކުރީ އާއިލާވެސް ވަރަށް ދީންވެރި ވާނެކަމަށް. އެކަމަކު އަހަރެން ހަމަ ހައިރާންވެއްޖެ. ސާލާރާއި އާއިލާގެ އެހެން މެންބަރުންނާ ހާދަ ތަފާތޭ."
އެމީހުން މިހާރުތިބީ ފުރުޤާންގެ ކާރުދޮށުގައެވެ.
"އަހަރެން ޤުރްއާން ހިތުދަސްކުރީ މީގެ ދެ އަހަރު ކުރިން. އަހަރެން އާއިލާ މީހުންނާ ތަފާތުވީ އޭގެ ފަހުން. ކުރިން އާއިލާގެ އެހެން މެންބަރުންނަށް ވުރެ އަހަރެންގެ ހާލަތު ދަށްވާނެ."
"ޤުރްއާން ހިތުދަސްކުރީ ދެ އަހަރު ކުރިންތަ؟ އެމެރިކާގައި ކިޔަވަމުން؟ އަހަންނަކަށް ގަބޫލެއް ނުކުރެވޭ." ފުރުގާން އިތުރަށް ސިހުނެވެ.
"ދަސްކުރަން ނެގީ ކިހައި ދުވަހެއް؟"
"އަށެއްކަ މަސް."
ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު ފުރުޤާން ހުއްޓެވެ. ދެން ފުން ނޭވައެއް ލާފައި ބުނެލިއެވެ. "ތީ ބޮޑު ނިއުމަތެއް. ކުރިން ބުނި ވާހަކައަށް ރިއާޔަތްކުރާއިރު ތީ ފަސޭހަކަމެއް ނޫން. ފްލައިޓް މަތީގަ ވެސް ސާލާރްގެ ކާމިޔާބީ އާ މެދު އަހަރެން ވަރަށް އުފާވި. ތި އުމުރުގައި އެހެން އެއްވެސް މީހަކަށް ޔުނެސްކޯގެ އެހާ މަތީ މަގާމެއް އަދައެއް ނުކުރެވޭނެ."
އޭނާ އަނެއްކާވެސް ސާލާރާ ސަލާންކުރިއެވެ. ސާލާރްގެ ހިތަށް އެރިއެވެ. "ﷲގެ އޯގާތެރިކަން... އަހަރެން ކުރިން އުޅުނު ގޮތް ފުރުޤާނަށް ކިޔައިދީފިނަމަ..." ސަލާންކުރަމުން އޭނާގެ ހިތަށް އެރިއެވެ. "ކުރީ ދުވަހު ކޮންމެވެސް ސްކޫލެއްގެ ވާހަކަ ބުނީމެއްނު؟" ސާލާރް ގަސްތުގައި މައުޟޫއު ބަދަލުލުކުރިއެވެ. "ދިރިއުޅެނީ ވެސް އިސްލާމްއާބާދަކު ނޫނެއްނު؟"
"އަހަރެން އިސްލާމްއާބާދުގައި ވެސް އުޅެން. އެކަމަކު އަހަރެމެންގެ އޮވޭ ކުޑަކުޑަ ރަށެއް. އެރަށުފައި އަހަރެމެންގެ ގޯއްޗެއް އޮވޭ. ގެއެއްވެސް ހުރޭ." ފުރުޤާން ތަފްސީލު ދޭން ފެށިއެވެ. "އަހަރެންގެ މައިންބަފައިން އިސްލާމްއާބާދަށް ބަދަލުވީ މީގެ އެތައް އަހަރެއް ކުރިން. ބައްޕަ ވަޒީފާއިން ރިޓަޔާ ކޮށްފަ ރަށުގަ ސްކޫލެއް ބިނާކުރި. އޭރު ރަށުގައި ސްކޫލެއް ނުހުރޭ. ބައްޕަގެ ސްކޫލަކީ ޕްރައިމަރީ ސްކޫލެއް. އަހަރެން އެ ސްކޫލް ބަލަހައްޓާތާ މިހާރު އަށް އަހަރުވެއްޖެ. މިހާރު އެ ސްކޫލްވަނީ ސެކަންޑަރީ ސްކޫލަކަށް ބަދަލުކޮށްފަ. މީގެ ހަތަރު އަހަރު ކުރިން ރަށުގައި އަހަރެން ޑިސްޕެންސަރީ އެއް ހުޅުވިން. ޑިސްޕެންސަރީ ފެނުމުން ސާލާރް ހައިރާންވާނެ. އެތަނުގައި ހުންނާނީ އެންމެ ޒަމާނީ އާލާތްތައް، ރައްޓެއްސަކު ހަދިޔާކުރި އެމްބިއުލާންސެއް އޮންނާނެ. ސްކޫލާއި ޑިސްޕެންސަރީއިން ރަށުގެ މީހުންގެ އިތުރުން އެހެން ރަށްރަށުގެ މީހުންނަށް ވެސް ފައިދާވޭ."
ސާލާރް ޝައުގުވެރިކަމާއެކު ފުރުޤާންގެ ވާހަކަ އަޑުއެހިއެވެ.
"ތިހުރިހާ ކަމެއް ތިކުރަނީ ކީއްކުރަން؟ ފުރުޤާނަކީ ސަރުޖަނެއްނު، މި ހުރިހާ ކަމެއް ކުރަނީ ކިހިނެއް؟ އެ ކަންކަމަށް ކިހައި ފައިސާއެއް ބޭނުންވާނެ؟"
"ކީއްކުރަން ކުރާ ކަމެއްހޭ؟ އަހަރެމެންގެ ރަށަކީ ވަރަށް ފަގީރު ރަށެއް. އެހެންވީމާ އަހަރެންގެ ހިތަކަށް ތި ސުވާލު ދުވަހަކުވެސް ނާރާ. އަހަރެމެންގެ ގެ ފިޔަވައި އެހެން ހުރިހައި ގެއެއް ހަދާފައި ހުންނަނީ މަށިން. މަގުތައް ވެސް ހެދިފައެއް ނެތް އަދި. އަހަރެމެން އެތަނަށް ދާއިރު ހީވާނީ ޖަންގައްޔަކަށް ވަދެވޭހެން. އަހަރެމެންނަކީ ޖަނަވާރުން ނަމަ ތަފާތު ފާހަގައެއް ނުކުރެވޭނެ. އަހަރެމެންނަކީ މާ މޮޅު ބައެއްކަމަށް ހެދިގެން ރަށުތެރޭގައި އުޅެވިދާނެ. އެހެން ނަމަވެސް އިންސާނިއްޔަތާއި މެދު ވިސްނާބަޔެއްގެ ހިތަށް އަސަރުކުރާނެ. ނިކަމެތިންނަށް ލިބިފައިނުވާ ނިއުމަތެއް ތިމާއަށް ލިބުމަކީ ބައެއް މީހުން ކިބުރުވެރިވެ ބޮޑާވެގަންނަ ސަބަބެއް."
"އެހެންވީމަ އަހަރެމެންނަށް ކުރެވޭނީ ކޮން ކަމެއްތޯ ބެލިން. އަހަރެމެންނަކަށް ވެސް މާ ގިނަ ވަސީލަތްތަކެއް ލިބިފައެއް ނެތް. އެއްދުވަހަކުން ކަންކަން ހައްލުކުރެވޭނެ ތަނަވަސްކަމެއް ނެތް. ބައްޕަ މަސައްކަތް ކުރީ ސިވިލް ސާވިސްގަ. އަހަންނާއި އަހަރެންގެ ކޮއްކޮ ކިޔެވީ ސްކޮލަރޝިޕެއްގަ. އެހެންކަމުން ކޮންމެވެސް ވަރަކަށް ފައިސާ ރައްކާކުރެވިފައި ހުރި. ރިޓަޔަރ ކުރުމަށްފަހު ބައްޕަ ނިންމީ ރަށަށް އެނބުރިދާން. ގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކޮންމެވެސް ކަމެއް ކުރަން."
ފުރުގާނާއި ސާލާރް ތިބީ ކާރުގައެވެ.
"ހިތަށް ވެސް ނުގެނެވޭނެ ރަށުގެ ހާލަތު. ކަރަންޓާއި ފެނުގެ ޚިދުމަތެއް ނޯވޭ. ސްކޫލް އިމާރާތް ކުރުމުން ރަށުގައި މަގެއް ހެދުނު. އަދި ކަރަންޓާއި ފެނުގެ ޚިދުމަތް ލިބެންފެށި. ފޮތްފަންސުރު ހޯދައިދިނީ ބައްޕަ. އެކަންކަމަށް ހިނގާނެ ޚަރަދު ބައްޕަ ހުރީ ހަމަޖައްސާފަ."
އޭގެ ފަހުން ސަރުކާރުން ރަށުގައި ސްކޫލެއް ހުޅުވިއެވެ. އެތަނަށް ދާނެ ކުއްޖަކު ނުވިއެވެ. އެހެންކަމުން ސަރުކާރު ސްކޫލް ބަންދުކޮށް ފުރުގާނުގެ ބައްޕަގެ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ. ފުރުގާން ކިޔެވުން ނިންމާފައި އެނބުރި ރަށަށް ގޮސް ޑިސްޕެންސަރީއެއް ހުޅުވިއެވެ. ރަށުގެ އާބަދީ އިތުރުވަމުން ދިޔަނަމަވެސް ފަގީރުކަން ދެމިއޮތެވެ. ތައުލީމީ ފުރުސަތު ފަހިވުމުން ޒުވާނުންނަށް އެހެން ރަށްރަށަށް ވަޒީފާއަށް ގޮސް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިވުމުން ފަގީރު ހާލަތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައެވެ.
"މަތީ ތައުލީމު ހާސިލުކުރުމަށް މި ޖީލުގެ ކުދިންނަށް ޔުނިވަރސިޓީއަށް ދާނެ ފުރުސަތު ނުލިބުނު ނަމަވެސް ކުރިއަށް އޮތް ޖީލުތަކުން މަތީ ތައުލީމު ހާސިލުކުރަން ބޭރަށްދާން ފުރުސަތު ލިބޭނެ." ފުރުގާން ބުންޏެވެ. "މަހަކު އެއްފަހަރު އަހަރެން އެތަނަށް ދަން، އަބަދުވެސް ދެ ހެލްތުވޯކަރުން ތިބޭނެ. ކޮންމެ ތިން މަހުން އެއްމަހު ރަށުގައި މެޑިކަލް ކޭންޕެއް ބާއްވަން."
"އެހުރިހާ ކަމަކަށް ފައިސާ ހޯދަނީ ކިިހިނެއް؟" ސާލާރް އެހިއެވެ.
"ފެށީ އަހަރެންގެ މައިންބަފައިންގެ ފައިސާއާއި އެކުވެރިންގެ އެހީ. ދެން މެހްރާން އާއި އަހަރެން އަދި އަހަރެމެންގެ އެކުވެރިންވެސް ކޮންމެވެސް ވަރަކަށް އެހީތެރިވި. އަހަރެންގެ މުސާރައިގެ ބޮޑުބައެއް ކޮންމެ މަހަކު ޑިސްޕެންސަރީ އަށް ޚަރަދުކުރަން. އަދި ވޮކޭޝަނަލް އިންސްޓިޓިއުޓެއް ހަދަން މިހާރު އެބަވިސްނަން."
"ކޮން އިރަކު އެރަށަށް ދަނީ؟"
"މާދަމާ ހެނދުނު."
"އަހަރެން ދާން ބޭނުންވެއްޖެއްޔާ..." ސާލާރް އެހިއެވެ.
"މަރުހަބާ. އެކަމަކު ވަލީމާ އޮތީ މާދަމާއަކު ނޫންތަ؟" ފުރުޤާން ހަނދާންކޮށްދިނެވެ.
"ވަލީމާ އޮތީ ރޭގަނޑު. ދުވާލު އަހަންނަށް ދެވޭނެ. ހަވީރު ވާންވާއިރަށް އާދެވޭނެއެއްނު؟" ސާލާރް އެހިއެވެ.
"އާދެވޭނެ. އެކަަމަކު އެކޮޅަށް ދާން ވަރަށް ހެނދުނު ނައްޓާލަން ޖެހޭނެ. ރަށުތެރެ ބަލަން ދާނަމަ ވަރަށް ވަރުބަލިވާނެ." ފުރުގާން ބުނެލިއެވެ.
"އަަހަރެން ވަރުބައްޔެއް ނުވާނެ. ޔުނިސެފުން ކުރާ ދަތުރުތަކާއި ދާންޖެހޭ ތަންތަން އެނގޭނަމަ ތިހެނެއް ނުބުނާނެ. ފަތިސް ނަމާދަށްފަހު އަހަރެން ތައްޔާރުވެގެން ހުންނާނަން. ގަޑިއެއް ބުނޭ."
"ފަސްގަޑި ބައި."
(ނުނިމޭ)
V reethi kiyaahiyvaa vaahakaeh komme dhuvahakuves kiyaalan beynuvey