ޑރ. ޖަމީލު އިދިކޮޅު ފަރާތްތަކާއެކު އުޅުއްވުމަކީ ޕާޓީއަށް ލިބޭ ގެއްލުމެއް: ޖޭޕީ

ޖުމްހޫރީޕާޓީގެ މެމްބަރު އަދި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑުވައިޒަރ ޑރ. މުޙައްމަދު ޖަމީލު އަޙުމަދު އިދިކޮޅު ފަރާތްތަކާ އެކު އުޅުއްވުމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ލިބޭ ގެއްލުމެއް ކަމަށް އެޕާޓީގެ ނާއިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ސަޢުދު ވިދާޅުވީ ޖޭޕީއަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނި ސަރުކާރަށް ވާގި ދިނުމުގައި އޮންނާނެ ޕާޓީއެއް ކަމަށް ލީޑަރު ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައި ކަމަށެވެ. "ލީޑަރު އެހެން ވިދާޅުވެފައިވަނިކޮށް ޑރ. ޖަމީލް ޖޭޕީގައި ހުންނަވައިގެން އަމިއްލަގޮތްތަކެއް ކުރިއަށް ނެރުއްވައިގެން އިދިކޮޅުފަރާތްތަކާއެކު ކެމްޕޭން ދަތުރުތަކުގައި ބައިވެރިވެ އެފަރާތްތަކާއެކު އުޅުއްވުމަކީ ޕާޓީއަށް ލިބޭ ގެއްލުމެއް،" ސަޢުދު ވިދާޅުވިއެވެ. އޭނާވިދާޅުވީ އެކަމުގެ ސަބަބުން ޕާޓީ ބަދުނާމުވާ ކަމަށާއި ޑރ. ޖަމީލާ ބެހޭ ގޮތުން ތަފާތު ޝަކުވާ ޕާޓީއަށް ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބައެއް އަރިއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ޑރ. ޖަމީލް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެއީ ޕާޓީގެ ޢަސާސީ ޤަވާޢިދާ ޚިލާފު ކަމެއް ކަމަށް ބުނެ އެކަން ބަލައި ދިނުމަށް ޖޭޕީގެ ކައުންސިލް މެމްބަރު މުޙައްމަދު ސަޢީދު މިއަދުވަނީ ޑރ. ޖަމީލްގެ މައްސަލަ ބައްލައިވައި ދެއްވުމަށް އެދި ސުލޫކީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފައި ކަމަށް ވެސް ސަޢުދު ވިދާޅުވިއެވެ. ސުލޫކީ ކޮމިޓީން ވަރަށް އަވަހަށް އެކަން ބައްލަވައި ގޮތެއް ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސަޢުދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.