ބޯ ބުރިކޮށްލުމަށްފަހު ރިލްވާން ވަނީ ކަނޑު ފައްތާފައި: ރިޕޯޓު

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ދޯންޏަކަށް އަރުވައިގެން ގެންގޮސް ބޯ ބުރިކޮށްލުމަށް ފަހު ވަނީ ކަނޑު ފައްތާފައިކަން މަރުތަކާބެހޭ ކޮމިޝަނުން އެކުލަވާލި ރިޕޯޓުން ހާމަ ވެއްޖެއެވެ.

ސަރުކާރުން އެކުލަވާލި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ރިޕޯޓުގެ ބަހުސް މިއަދު ކުރިޔަށްދާއިރު ރިލްވާނަށް ވީގޮތް ރިޕޯޓުގައި އޮތީ ސިއްރު ހެއްކެއްގެ ހެކި ބަހާއެކުގައެވެ.

ރިޕޯޓުގައިވާ ގޮތުން މާލެއިން ހުޅުމާލެއަށް ރިލްވާން ދިޔުމާއެކު ބަޔަކު ކާރެއްގައި އޭނާ ރަހީނުކޮށްގެން ގެންގޮސް ފުރަތަމަ އެރުވީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑިންގީ އަކަށެވެ. ޑީންގީގައި ދެން ރިލްވާން ގެންދިޔައީ ކަނޑުމަތީ އޮތް ދޯންޏަކަށެވެ. އެއީ އއ. އުކުޅަހު މާވަޑިއާގޭ މުޙަންމަދު ރާޝިދުގެ ދޯންޏެއް ކަމަށާއި، ރާޝިދުގެ އިތުރުން ހަމަ އެގޭ އަލްގިސް ކިޔާ މީހަކުވެސް ރިލްވާން ގެއްލުނު ދުވަސްވަރު މި ދޯނި ގެންގުޅެފައިވާ ކަމަށް ރިޕޯޓުން އެނގެއެވެ. މިއީ ހުއިފިލަނޑާގެ މަސައްކަތުގައި ބޭނުންކުރި ދޯންޏެކެވެ. ރިލްވާންގެ ކަންތައް ނިންމާލުމަށް މިދޯނި ހަމަޖައްސާ ދީފައި ވަނީ ސ. ފޭދޫ ގުރަހާގޭ އަގްލީލް (ކިޑޫ) ކިޔާ މީހެއް ކަމަށްވެސް ރިޕޯޓުން އެނގެއެވެ.

ދޯންޏަށް އަރުވައި ރިލްވާންގެ ބޯ ބުރިކޮށްލުމަށްފަހު ހަށިގަނޑު ވަނީ ކަނޑު ފައްތާފައެވެ. ރިލްވާން މަރާލުމުގެ ކުރިން އޭނާއަށް ޝަހާދަތް ލައިދިން ކަމަށްވެސް ބުނެވެއެވެ.

ރިޕޯޓުގައި ވާގޮތުން ރިލްވާނަށް ފާރަލަމުން އެރޭ ދިޔައީ އާލިފް ރައުފް އާއި އަޒްލީފް ރައޫފާއި މުޙަންމަދު ނާޒިމް (މުނާއްކޮ) ކިޔާ މީހަކު ރާވައިގެންނެވެ. ރިލްވާން ދިރިއުޅޭ ފްލެޓް ކައިރިން އޭނާ ގަދަކަމުން ކާރަށް އަރުވައިގެން ގެންދިޔައިރު އެ ކާރުގައި ތިބި ކަމަށް ވަނީ އާލިފްގެ އިތުރުން ނާޒިމް އާއި ޝައްފާފު ކިޔާ މީހެކެވެ. ޑިންގީއަށް އެރުވީ ކާރުގައި ހުޅުމާލޭ އަތިރިމައްޗަށް ގެންދިޔުމަށް ފަހުއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.