ރިލްވާން ރަހީންކޮށް މަރާލައި ކަނޑުފެއްތުމަކީ ދައުލަތުން ބައިވެރިވެގެން ހިންގާފައިވާ ބޮޑު ލާއިންސާނީ ޖަރީމާއެއް: މެންބަރު ވަހީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިލްވާން ރަހީންކޮށް މަރާލައި ކަނޑު ފެއްތުމަކީ ދައުލަތުން ބައިވެރިވެގެން ހިންގާފައިވާ ބޮޑު ލާ އިންސާނީ ޖަރީމާއެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރ މުޙަމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި، ނޫސްވެރިޔާ ރިލްވާން ޢަބަދުﷲ މަރާލި މައްސަލައިގެ ރިޕޯޓާ ބެހޭގޮތުން ކުރެވުނު ބަހުސްގައި، ވަހީދު ވިދާޅުވީ މިރިޕޯރޓުން ވަރަށް ރަނގަޅަށް ދައުލަތުގެ ބައިވެރިވުން އެކަމުގައި އޮތްކަން ފާހަގަކުރެއްވޭކަމަށެވެ. މިމައްސަލަ ފާހަގަ ކުރެވި ފިޔަވަޅެއް ނޭޅި 10 އަހަރު ފާއިތުވެފައިވާ ކަމަށް ވަހީދު ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގައި ފުލުހުންގެ މުއައްސަސާގެ ބައިވެރިވުން އޮތްކަން ހަމަ ރީތިކޮށް އެނގެން އެބައޮތްކަން ފާހަގަ ކުރައްވާ ވަހީދު ވިދާޅުވީ، ފުލުހުންގެ އިންޓެލް އޮފިޝަރުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ގާތަށް ވަޑައިގެން ވަގު ޕާސްޕޯރޓް ހަދަން އުޅެފައި އޮތްކަން ރިޕޯރޓް ފާހަގަވާ ކަމުގައެވެ. އަދި ނިޔާކަނޑައަޅަންތިބި ފަނޑިޔާރުން، އެކަމުގައި ސާބިތު ހިފޭމީހުން ރާއްޖެއިން ބޭރަށް ފުރުވާލަން މަސައްކަތް ކޮށްފައިވާކަން ވެސް ރިޕޯރޓް އެނގެން އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރިޕޯރޓްގައި ފާހަގަ ކޮށްފައިވާ ފަރާތަކީ ސްޕްރީމް ކޯރޓްގެ ފަނޑިޔާރުކަމުން ދާދިފަހުން ވަކިކުރެވުނު ޢަބްދުﷲ ދީދީއެވެ.

"އިސްލާމްދީނުގެ ނަމުގައި މުޅި އިސްލާމްދީނަކީ ތިމަންނަމެންގެ ތަރިކަ މުދަލެއްކަމަށް ދެކިގެން، އަނެކުން ދީނުން ބޭރުކޮށް، އަނެކުން ލާދިނީކޮށް، އަނެކުންގެ މަރުހުއްދަކޮށް، އަނެކުންނަށް ހަމަލާދީ މިކަމެއް،އަދިރި ދައުލަތެއްގެ ގޮތުގައު ހިނގާތާ އެތައްޒަމާނެއްވެއްޖެ." ވަހީދު ވިޅުވިއެވެ.

މަޖިލީހުގައި ރާއްޖޭގައި އަންހެނުންނާއި ފިރިހެނުން ހަމަހަމައޭ ވިދާޅުވުމުން އެ މެމްބަރާ ދިމާއަށް ވެސް "ހެއްދެވި، ނުހެއްދެވި" އަށް ދީނުގެ ނަމުގައި ގޮވަމުންދާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރ ވަހީދު ވިދާޅުވިއެވެ.

ދައުލަތުން އަޙްމަދު ރިލްވާންގެ އާޢިލާގެ ފަރާތުން މަޢާފަށް އެދެން ޖެހޭނެކަމަށް ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުންވެސް އެ އާޢިލާގެ ފަރާތުން މަޢާފަށް އެދެން ޖެހޭނެކަމަށެވެ. އަދި ވަހީދު ވަނީ މަޖިލީހުގެ މެމްބަރެއްގެ ޙައިޞިއްޔަތުން އެ އާޢިލާގެ ފަރާތުން މަޢާފަށް އެދި ވަޑައިގެންފައެވެ.

އަހުމަދު ރިލްވާން ފަދަ އެތައް ބަޔަކަށް ނުރައްކާ އޮވެގެން ފުލުހުންގެ އިންޓެއިލް އެފަދަ ކުދިންގެ ފޯނު އަޑުއަހާ ފާރަލަމުން ދާތާ އެތައް ދުވަހެއްފަހުން 2014 ގެ ޖުލައި 21 ގައި އެކަން، ހުށްޓާލިކަން ރިޕޯރޓުގައި ފާހަގަ ކޮށްފައިވާއިރު ރިލްވާން މަރާލުމުގެ ހާދިސާ ހިނގީ އޭގެ ކުޑަދުވަސްކޮޅެއް ފަހުން، 8 އޯގަސްޓް 2014ގައި ކަން ފާހަގަ ކުރެއްވިއެވެ. އަދި އޭނގެ ކުރިން 24 ޖޫންގައި ދެމީހަކު ކަނޑުފަށްތަން އުޅޭ ކަމުގެ މަޢުލުމާތު ފުލުހުންގެ އިންޓަލް އަށް ލިބިފައިވާކަން ވެސް ރިޕޯރޓްގައި ފާހަގަ ކޮށްފައިވާކަން ފާހަގަ ކުރައްވާ ވަހީދު ވިދާޅުވީ ރިލްވާންގެ މައްސަލަ އަކީ ނޭނގި ހިނގައިފައިވާ ކަމެއް ނޫންކަމުގައެވެ.

"އަޅުގަނޑު ދަންނަވާނީ ދައުލަތުން ބައިވެރިވެގެން ހިންގާފައިވާ ބޮޑު ލާ އިންސާނީ ޖަރީމާއެއް މީ، އަޅުގަނޑުމެން މިއަށްވުރެ ބޮޑަށް ވަކި އެހެން ކަމެއް ކުރާނެކަމެއް ނެތް މިތަނަކު." ވަހީދު ވިދާޅުވިއެވެ.

މަރުޙޫމް ރިލްވާންގެ ޢާއިލާއިން 1850 ދުވަހު އުފުލި ބުރަޔާއި ހިތްވަރު އުނގޫފާރު ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. ރިލްވާންގެ މަރުގެ މައްސަލައިގައި އިހްމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެ، ފުލުހުން ގެ އިދާރާއިން ނެރުއްވައިފައިވާ ނޫސް ބަޔާނަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ 1850 ދުވަހަށް ވުރެ ބޮޑު އިހުމާލެއް އޮންނާނެތޯއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.