މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގައި މިހާރު ހޯދިފައި ހުރި ހެކި ތަކަކީ އެކަށީގެންވާ ހެކި ތަކެއްތޯ ބެލުމަށް މިއަދު ޕްރޮސެކިއުޓަރ ޖެނަރަލް ޢާއިޝަތު ބިޝާމާ ބައްދަލުކުރައްވާނެކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ރިލްވާން ޢަބްދުﷲ ގެއްލުވާލައިފައިވާ މައްސަލައިގެ ތަޙްޤީޤުން ރިލްވާން ޢަބްދުﷲ މަރާލާފައިވާ ކަމަށް ހެކިލިބިވާކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ޙުސްނު ސުޢޫދު ވަނީ ވިދާޅުވެފައެވެ. މިހާތަނަށް ހޯދުނު މަޢުލޫމާތުތަކުން ރިލްވާން ޢަބްދުﷲ ކިޑްނައިޕްކޮށް މަރާލީ ސީރިއާއަށް ދިވެހިން ފޮނުވުމުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާޢތަކުން ކަން ހެނކިންގެ ހެކި ބަހުން ހޯދިފައިވާކަމަށް ކޮމިޝަންގެ ރައީސް ޝިޢޫދު ވިދާޅުވިއެވެ.
މައްސަލައިގެ ފެށުމަކީ، 2010 ވަނައަހަރާއި 2011 ގައި މިނިވަން ފިކުރުގެ ބަޔަކާއި ޖިހާދީ ފިކުރުގެ ބަޔަކާއި ދެމެދުގައި ފެށުނު ފިކުރީ އަރާރުމެއްކަމަށް ސުޢޫދު ފާހަގަ ކުރެއްވިއެވެ. ފިކުރީ އަރާރުން ފެށުނީ ސޯޝަލް މީޑިއާއި މަޢުލޫމާތު ފެތުރުމުގެ ވަޞީލަތްތަކުގައި ނަމަވެސް އެކަން ހޫނުވެ މިނިވަން ފިކުރުގެ މީހުން މެރުމާ ހަމައަށް މިހަމަ ނުޖެހުން ދިޔަކަން ސުޢޫދު ފާހަގަ ކުރެއްވިއެވެ. މިވަން ފިކުރުގެ މީހުން ހާމަކޮށްފައިވާ މަޢުލޫމާތު ތަކުން އެނގޭ ގޮތުގައި އެމީހުންގެ ބޭނުމަކީ ފިކުރީ ގޮތުން ޤައުމަށް ބަދަލުތަކެއް ގެނައުން ކަމަށް ސުޢޫދު ފާހަގަ ކުރެއްވިއެވެ. ރިލްވާން ޢަބްދުﷲ ހިމެނެނީ މިނިވަން ފިކުރުގެ މީހުންގެ ތެރޭގައިއެވެ. މިނިވަން ފިކުރުގެ މީހުން ހަރަކާތްތައް ހިންގަން ފެށި ފަހުން ރިލްވާން އާއި އިތުރު ބައެއްގެ ލިސްޓެއް ހަދައި އެ މީހުން ކިޑްނައިޕްކޮށް މަރާލުމަށް ޓާގެޓްކޮށްފައިވާކަމަށް ސުޢޫދު ވިދާޅުވި އެވެ. އޭގެ ފަހުން އެމީހުން ދިޔައީ ރިލްވާންއަށް ފާރަލަމުން ކަމަށް ވިދާޅުވިއެވެ. އަދި ރިލްވާނާއި އެމީހުންނާ ދެމެދު ކުރެވުނު މުޢަމަލާތް ތަކެއްވެސް ސުޢޫދު ވަނީ ހާމަކުރައްވައިފައެވެ.
އެޖަމާޢަތުގެ ހަރަކާތް ފެށިގެން ހިންގަމުންދާ ގޮތާއި އެކަމަށް ފައިނޭންސް ކުރާ ގޮތްވެސް ސުޢޫދު ވަނީ ވަރަށް ތަފްސީލްކޮށް ހާމަކުރައްވައިފައެވެ.
ސުޢޫދު ވިދާޅުވެފައު ވަނީ ކޮމިޝަނުން ހިންގި ތަޙްޤީޤުން މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ހުޅުމާލޭގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށް ކަމަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށެވެ. ނަމަވެސް ހެކި ބަހުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. މިގޮތަށް ހެކި ލިބިފައި ވިޔަސް ހެކި ބަހުގައި ފަރަގު ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ ވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.
ތަހްޤީޤުން ފާހަގަ ކުރެވުނު ކަންތައް ހާމަ ކުރައްވަމުން ސުޢޫދު ވިދާޅުވީ 8 އޯގަސްޓް 2014 ވަނަ ދުވަހުގެ ދަންވަރު 1:45 ގައި ހުލުމާލޭ 21 ނަމްބަރު ފްލެޓް ކައިރިން ވަރަށް ބާރަށް ދެތިން ފަހަރަކު ފިރިހެނަކު ބިރުވެރި އަޑަކުން ހަޅޭލަވާގަތް އަޑު، 28 ނަމްބަރ ފްލެޓްގައި އުޅޭ އައި މިނަތު ޞަފާއަށާއި21 ނަމްބަރ ފްލެޓްގައި އުޅޭ މީހަކަށް އިވިފައި ވާކަމުގައެވެ. އަދި 21 ވަނަ ފްލެޓް ކުރިމަތިން ފިރިހެނަކު ރަތް ކާރަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނުކަމަށާއި އެތަނަށް ވަޅިއެއް ވެޓިފައިވާ ތަން ވެސް 21 ނަމްބަރ ފްލެޓްގައި އުޅޭ ދެ މީހަކަށް ފެނިފައިވާ ކަމަށެވެ. އެކަން އެރޭގެ 1:55 ގައި ރިޕޯރޓް ކުރުމާ ގުޅިގެން ފުލުހުން ހުޅުމާލޭ އެކިތަންތަން ބަލާ ފާސްކޮށް ރަތް ކުލައި ކާރެއް ފެނޭތޯ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެރޭ ރިލްވާން ޢަބްދުﷲ ފިޔަވައި އެހެން މީހަކު ހުޅުމާލެއިން 21 ނަމްބަރ ފެލެޓްކައިރިނ ރަތް ކާރަކަށް އެރުވިކަމަށް އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށްވެސް ތަޙްޤީޤުން އެނގޭކަމަށް ސުޢޫދު ވިދާޅުވިއެވެ،
”ހުޅުމާލެ ފެރީން ފައިބައިގެން ރިލްވާން ޢަބްދުﷲ ދިރިއުޅޭ 21 ވަނަ ފްލެޓާ ހަމައަށް ދެވޭނެ ކަމަށް ޤަބޫލު ކުރެވޭނެ ގަޑިއަކީ އެރޭ 1:45 ކަމަށް ވާތީ އާއި އެރޭ 22 ސުންމިނެޓުން ފެށިގެން އެކެއް ޖެހުމާ ހަމައަށް މާލެއިން ހުޅުމާލެއަށްދާ ފެރީއަށް އަޙްމަދު ރިލްވާން އަރަން ދެން މުޙައަމަދު ސުވައިދުއާއި މުޙައްމަދު ޙާމިދު ސައިކަލްގައި ފަސް ފަހަތުން ފާރަލަމުން ދުއްވައިފައި ދިޔަ މަންޒަރު ސީސީ ޓީވީ ފޫޓޭޖް އިން ފެންނާތީ ބަޔަކު އޭނާއާ މެދު ނުރައްކާތެރި ޢަމަލެއް ހިންގަން އުޅެނީކަން އެނެގޭ. އެރޭ ދަންވަރު ރަތް ކުލައިގެ ކާރަކަށް އަރުވައގެން ގެންދިޔަ މީހަކަށް ހެކިން ހެކިބަސްދޭ މީހަކީ އަޙްމަދު ރިލްވާން ޢަބްދުﷲ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޤަބޫލުކުރެވޭ" ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ރިލްވާން ގެއްލުނު ރޭ އޭނާ ހުޅުމާލެއަށް އެރިކަން ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުންޙުކުމުގައި ބުނެފައި ވީނަމަވެސްރިލްވާން ފެރީއަށް އެރިކަން އެ ފެރީއަށް އެރި އެހެން މީހެއްގެ ފަރާތުން އެނގިފައިވާކަމަށާއި އަދި ރިލްވާން ހުޅުމާލެއަށް ފޯރާނެ ކަމަށް ބެލެވޭ ވަގުތު އޭނާގެ މޮބައިލް ފޯނުގެ ސިގްނަލް ހުޅުމާލޭ ސެލް ޓަވަރުތަކަށް ލިބިފައި ހުރުމުން އެ ރޭ ރިލްވާން ހުޅުމާލެ އަށް ދިޔަކަން ކަށަވަރުވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ރިލްވާން ކިޑްނައިޕްކޮށް އެރުވި ރަތްކާރުގެ ރަޖިސްޓްރީ ނަމްބަރާއި އެނަމްބަރ ކާރު ރަޖިސްޓްރީ ކުރެވިފައި ވަނީ ހ ހިލްޓަން އާލިފް ރައޫފުގެ ނަމުގައި ކަމަށް ، އާލިފް ރައޫފު ޕޮލިހަށް ދީފައިވާ ބަޔާނުގައި އިޢުތިރާފް ވެފައިވާ ކަމަށާއި ޓްރާންސްޕޯރޓް އޮތޯރިޓީން ހަދައިދީފައިވާ ރަޖިސްޓްރީންވެސް އެކަންއެނގޭ ކަމަށް ސްޢުދު ވިދާޅުވިއެވެ. އާލިފް ރައޫފް ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ރައްޓެއްސެއްކަމަށްވާ ނޫރައްދީން ބޭނުން ކުރުމަށް ހުޅުމާލެއަށް ކާރު ފޮނުވި ކަމަށް ވިއަސް އެރޭ އެކާރުގެ ކުރީގައި ހުރި އެކަކީ އާލިފް ރައޫފްކަމަށް ސްޢޫދު ވިދާޅުވިއެވެ. ދެން ކާރުގެ ކުރިގައި ދެންހުރީ ކާކުކަންވެސް ތަޙްޤީޤުން ދެނެގަނެވިފައިވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ. ނަމަވެސް އެއީ ކާކުކަމެއް ހާމައެއް ނުކުރައްވައެވެ. އަދި ގަދަކަމުން ރިލްވާން ކާރުގެ ފަހަތަށް އެރުވީ ކާކުކަންވެސް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ. ހާދިސާ ހިންގިރޭ ރިލްވާނަށް ފާރަލީ ދެމީހުންގެ ތެރެއިން ސުވައިދުއަކީ އާލިފް ރައޫފްގެ މުވައްޒަފެއްކަމަށް ވެސް ސުޢޫދު ފަހަގަ ކުރެއްވިއެވެ. ރަތް ކާރުގެ ފަހަތުން ސައިކަލްގައި އިތުރު ތިން މީހުން ދިޔަކަމަށްވެސް ވިދާޅުވިއެވެ.
މި ތަޙްޤީޤަށް ފޮރިން ސިކް އެނަލިސިސްއެއްވެސް ހެދިފައިވާކަން ހާމަކުރައްވާ ސުޢޫދު ވިދާޅުވީ ރިލްވާން ޢަބްދުﷲގެ އިސްތަށިކަމަށް ޝައްކުކުރެވޭ އިސްތަށިތަކެއް އެކާރުގެ ތެރެއިން ހޯދިފައިވާ ކަމަށެވެ. އެ އިސްތަށި ރިލްވާންގެ މަންމަގެ އިސްތަށްޓާ އަޅާ ކިއުމުން އެއީ ތިމާގެ މީހުން ކަން އަދި ރިލްވާން ދަތް އުނގުޅާ ބުރުހުން ނެގި ސާމްޕަލްއާވެސް އިސްތަށްޓާ ދިމާވާކަމަށް ސުޢޫދު ވިދާޅުވިއެވެ.
"އެކާރުން ފެށުނު އިސްތަށި ރިލްވާން އާ ގުޅުން ހުރިކަމަށްވާތީ އަދި އެކާރަށް ރިލްވާންގެ މަންމައާ ތިމާގެ އެއްވެސް މީހަކު އަރާފައ ނުވާކަމަށް ހެކިންގެ ހެކިބަހުން އެނގޭތީ އެކާރުގައި އުފުލީ ރިލްވާންކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ޤަބޫލު ކުރެވޭ." ސުޢޫދު ވިދާޅުވިއެވެ.
ޔާމީން ރަޝީދު މަރާލުމަށް ރާވާ ފައިނޭންސް ކުރި މީހުންނާއި ރިލްވާން ޢަބްދުﷲ ކިޑނައިޕްކޮށް މަރާލުމުގައި ރާވައި ފައިނޭންސ ކުރި މީހުންނާ އެއީ އެއްބައެއް ބައެއް ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލައިގައި އަލަށް ހޯދުނު ހެކިތަކުން ހަތަރު ފަސް މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނެކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި އިތުރު ހެކި ލިބިއްޖެނަމަ އިތުރަށް ވިސްނަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލައިގައި ހެކިބަސް ދިނުމަށް ހަރުކަށި ފިކުރުގެ މީހުން އިންކާރު ކުރާތީ ހެކި ހޯދުމަށް ދަތިވާކަން ސުޢޫދު ފާހަގަ ކުރެއްވިއެވެ.