ފާނޫޒު - 10

(5 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާލާރް އާއެކު މިހާރު އެތައް ސެޝަނެއް ބޭއްވިއްޖެއެވެ. ނަތީޖާއަކަށް ބަދަލެއް ނާދެއެވެ. އެއީ ކީއްވެެގެން ކަމެއް ވިސްނާ ވިސްނާ ވެސް އޭނާއަކަށް ނޭނގުނެވެ.

"އަހަރެންގެ ލަފަޔަކީ ސާލާރް ގައުމުން ބޭރަށް ނުފޮނުވައި، މިތާ ބަހައްޓައިގެން އޭނާއަށް ފަރުވާތެރިވުން. މިއީ ސަމާލުކަން ހޯދަން އޭނަ ކުރާ ކަމަކަށް ވެސް ވެދާނެ." މިއީ ތެރަޕީ ދޭތާ އެތައް މަހެއް ފަހުން ސާލާރްގެ މައިންބަފައިންނަށް ޑޮކްޓަރު ދިން ލަފައެވެ. އެ ލަފަޔާ އެއްގޮތަށް އިސްލާމްއާބާދުގެ އެންމެ ރަނގަޅު އެއް ޔުނިވަރސިޓީއަށް އުސްމާން ސާލާރް ވެއްދިއެވެ. އޭނާއަށް ވިސްނުނީ އާއިލާ ކައިރީގައި ބެހެއްޓުމުން ސާލާރް އަމިއްލައަށް މަރުވާން ނޫޅޭނެކަމަށެވެ.  

މި ނިންމުމާ މެދު ސާލާރް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ބޭރަށް ފޮނުވަން ބުނީމަ ވެސް އަޅާނުލީ ގޮތަށެވެ.

ޑޮކްޓަރާއެކު އޮތް އެންމެ ފަހު ސެޝަނަށް ފަހު އުސްމާން ސިކަންދަރާއި ޠައްޔިބާ ވަރަށް ގިނައިރު ވަންދެން ސާލާރް އާ ވާހަކަ ދެއްކިއެވެ. މިހާތަނަށް ހޯދަދީފައިވާ އަގުބޮޑު ހުރިހާ އެއްޗެއްގެ ވާހަކަވެސް ހަނދާން ކޮށްދިނެވެ. އޭނައާ މެދު ކުރާ ފޮނި އުއްމީދުގެ ވާހަކަ އާއި ދަރިފުޅު ދެކެ ވަރަށް ލޯބިވާ ވާހަކަ ބުންޏެވެ. ކުރިމަތީގައި ހުރި ގޮނޑިއެއްގައި ޗުވިންގަމެއް ހަފާލަހަފާލާ ސާލާރް އިނެވެ. މަންމަގެ ލޮލުން ފައިބާ ކަރުނައަކަށް ނުވަތަ ބައްޕަގެ މޫނުމަތިން ފެންނަ މޮޅިވެރިކަމަކަށް އޭނާ ކަންބޮޑުވާ ހެން ހީއެއް ނުވެއެވެ. "ކޯޗެއް ހޯދާ ނުދެނީ؟ ކޯޗެއް އިތުރަށް ބޭނުންވަނީ؟ ބައްޕާ ގާތު ބުނެބަލަ؟"

"ސްޕޯޓްސް ކާރެއް." ސާލާރް ބުންޏެވެ.

"އެންމެ ރަނގަޅު. ވަރަށް އަވަހަށް ބައްޕަ ދަރިފުޅަށް ސްޕޯޓްސް ކާރެއް ގަނެދޭނަން. އެކަމަކު ދެން އެކަހަލަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އިނގޭ؟" އުސްމާން ސިކަންދަރު ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

ސަލާރް ބޯ ޖަހާލިއެވެ. ލޮލުން ކަރުނަ ފޮހެލާފައި ޠައްޔިބާ ވެސް ހަމަޖެހިލިއެވެ. ސާލާރް ކޮޓަރިން ނުކުތުމުން އުސްމާނު އޭނާގެ އަންހެނުންނާ ދިމާއަށް އެނބުރިލާފައި ސިނގިރެޓެއް ރޯކޮށްލަމުން ބުންޏެވެ. "ޠައްޔިބާ. މިހާރު ތިކުރާ ބައެއް މަސައްކަތްތައް ހުއްޓާލާފަ އޭނައަށް ފަރުވާތެރިވޭ. އޭނައާއެކު ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަގުތެއް ހޭދަކުރަން މަސައްކަތް ކުރޭ." ފިރިމީހާގެ އަމުރަަށް ކިޔަމަންވުމުގެ ގޮތުން ޠައްޔިބާ ބޯޖަހައިލިއެވެ.

***

އިމާމާ އިނީ ހެޑުފޯނު އަޅައިގެން ކޮންމެވެސް އެއްޗެއް އަޑުއަހާށެވެ. ފަހަތުން އައިސް ވަސީމު ހެޑުފޯނު ޖަހައިގަތެވެ. އިމާމާ ހުސިޔާރުކަމާއެކު އަޑުއަހަން އިން އެއްޗެއް ނިއްވައިލިއެވެ.

"އެކަނި މާއެކަނި އިނދެ ކޯޗެއް ތި އަޑުއަހަނީ؟" ހެޑުފޯނު އަޅަމުން ވަސީމު އެހިއެވެ.

އިމާމާ އިނީ ޕްލޭ ލިސްޓު ނިއްވާލައިގެންނެވެ. ކޮޅަށް ތެދުވެފައި ވަސީމުގެ އަތުގައި އޮތް ހެޑުފޯނަށް ދަމަން އޭނާ ފެށިއެވެ.

"ވަސީމު ހާދަ ގޯހޭ. މައިތިރިވެގެން ހުރޭ." އިމާމާ ހުރީ ރުޅި އައިސް ރަތްވެފައެވެ. ވަސީމު ހުރީ ހެޑުފޯނު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އިމާމާގެ ރުޅިގަނޑުން އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. 

"ތި އަޑުއަހާ އެއްޗެއް އަހަން މަވެސް ބޭނުން. އެއީ ގޯހެއްތަ؟ ޖައްސަބަލަ!"

"އެހެން މީހުންނަށް އަޑު އިއްވާނެ ނަމަ އަހަރެން މިތާކު ނީންނާނެ." އޭނާ ފޯނުން ހެޑުފޯނުގެ ވާގަނޑު އުފުރައިލިއެވެ. "އަން. މި ހިފައިގެން ރައްކާވޭ."

ދެއަތުން ފޯނުގައި ބާރަށް ހިފަހައްޓައިގެން އިމާމާ އަނެއްކާވެސް އިށީނެވެ. ވަސީމަށް ހީވީ އިމާމާ ކަމަކާ ފިކުރުބޮޑުވެފައި އިންހެންނެވެ. އެކަމަކު އޭނަ ފިކުރުބޮޑުވާންވީ ކޮންކަމަކާ ހެއްޔެވެ؟

"އަން. ތިހާ ވަރަށް ރުޅި އަންނާކަށް ނުވާނެ." މޭޒުމަތީގައި ހެޑުފޯނު ބާއްވަމުން ވަސީމު ބުންޏެވެ.

"ބޭނުމެއް ނޫން. މިހާރަކު އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނޫން."

"އަސްލު ކޯޗެއް ތި އަޑު އަހަނީ؟"

"ކޯޗެއްހެން ހީވަނީ؟" ހަމަ އެ ރާގައުގައި އިމާމާ ޖަވާބުދިނެވެ.

"ޣަޒަލް ކަން ނޭނގޭ." ވަސީމު ބުންޏެވެ.

"ބުނަންތަ. އުމުރުން ދުވަސްވެފައި ތިބޭ އަންހެނުންގެ ވަރަށް ގިނަ ސިފަތައް އެބަހުރި ވަސީމުގައިގަ؟"

"އެއް ކަމެއް ބުނެބަލަ؟"

"މިސާލަކަށް، މާ ސުވާލު ގިނަކުރުން."

"ދެން...؟"

"އެހެން މީހުންނަށް ފާރަލުން."

"މިހާރަކަށް އައިސް މާ އަމިއްލަ އެދުން ބޮޑުވަމުން އަންނަކަން އެނގޭތަ؟" ވަސީމު ވެސް އިނީ ހިތްހަމަ ނުޖެހިފައެވެ.

"އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއްކަން ވެސް އެނގުނީތަ؟" މިފަހަރު އިމާމާ ވާހަކަ ދެއްކީ ހިނިތުންވުމާ އެކުއެވެ. "ވަސީމު ތިހާ މޮޔަކަމެއް އަހަންނަށް ކުރިއަކުން ނޭނގޭ."

"އަހަރެން ލަދު ގަންނަވަންތަ ތިއުޅެނީ. އެކަމެއް ނުވާނެ."

"ކޮންމެވެސް މީހަކު މިހާރު އެކަން ވެސް ކުރަންވެއްޖެއެއްނު؟"

"މާ މޮޅު ވާހަކަ ދައްކަން އުޅޭނެކަމެއް ނެތް."

"ވެދާނެ އެހެންވެސް."

"ވެދާނެއެއް ނޫން. ޔަގީން. އެކަމަކު ޗުއްޓީ އަށް އައިސް އަނގައިން ނުބުނެ އިންނަ އިނުމަށް ވުރެ ތިގޮތް މާ ރަނގަޅު. ލާހޯރަށް ދިޔަ ފަހުން ވަރަށް ބަދަލުވެއްޖެ."

"ކިޔެވުމާގެން އުޅޭތީ ހީވާގޮތް ތީ."

"އެހެން މީހުން ވެސް ކިޔަވާ."

"ދެން މި ބަހުސް ހުއްޓާލަމާ. މިހާރު ކީއް ތިކުރަނީ؟"

"ވަކި ޚާއްސަ ކަމެއް ނެތް. ގިނަ ވަގުތު މިއުޅެނީ ރައްޓެހިންނާއެކު. ޓެސްޓު ނިމުނީމަ އެހެން ކަމަކާގެން އުޅޭނީ."

"އަހަރެން ހީކުރީ މިހާރު ދެން ވަރަށް އިސްލާހުވެފަ ކަމަށް ހުންނާނީ. އެހެނެއް ނޫން މިވީ."

"އިމާމާއަށް ވުރެ އަހަރެން އެއް އަހަރު ދޮށި. ހުރިހާ ތުހުމަތެއް ހަމަ މިހާރު އަނބުރާ ގެންދޭ."

އިމާމާ ކުއްލިއަކަށް އެއްޗެއް ހަނދާންވިއެވެ. "ކޮބާ ޖެހިގެން ހުރި ގޭގައި އުޅޭ ފިރިހެން ސޮރު؟ އޭނަ މިހާރު ރަނގަޅު ތަ؟"

"އެ ސޮރު؟ އޭނަ އުޅެނީ ފާޑަކަށް. ވަރަށް އެހެން ކަހަލަ ކުއްޖެއް އެއީ. މޫޑު ރަނގަޅަށް ހުރިއްޔާ އެހެން މީހުން ހަތްވަނަ އުޑަށް އުފުލާނެ. މޫޑު ޚަރާބުވެފަ ހުރިއްޔާ ވެއްޔާ މޮޑެލާނެ." ވަސީމު ޖަވާބު ދިނެެވެ.

"އެއީ ވަސީމުގެ ހުރިހާ ރައްޓެހިންވެސް އުޅޭ ގޮތެއްނު؟" އިމާމާ ހިނިތުންވެފައި އިނދެ ވަސީމާ ދިމާކުރިއެވެ.

"ނޫން. އެހެނެއް ނޫން. ގައިމުވެސް އޭނަ އުޅޭ ގޮތަަކަށް އަހަންނެއް ނޫޅެން."

"އޭނާ ކިޔަވަން ބޭރަށް ނުދޭތަ؟" އިމާމާ އަނެއްކާވެސް ސުވާލު ކުރިއެވެ.

"އާނ. ދާގޮތަށް ކުރިން އޮތީ. ކިއްވެގެން ކަމެއް ނޭނގޭ. މިހާރު އޭނަގެ މައިންބަފައިން އޭނާ ބޭރަށް ފޮނުވާކަށް ގަސްދެއް ނުކުރޭ."

"އޭނަ ހުންނަނީ ވެސް ވަރަށް ފާޑަކަށް. ހީވަނީ އެހެން ގަބީލާ އަކުން އައިސް އުޅޭ މީހެެއް ހެން."

"މިއިން ދުވަހަކު އޭނައާ ދިމާވިތަ؟"

"އާނ. އިއްޔެ ދިމާވި. އަހަރެން ގެއަށް އައި އިރު އޭނާ ބޭރަށް ދަނީ. އަންހެން ކުއްޖަކާ އެކީ."

"އަންހެން ކުއްޖެކޭ؟ ތިބުނާ ކުއްޖާ ހުރީ ޖީންސެއް ލައިގެންތަ؟" ވަސީމު ވަރަށް ޝައުގުވެރިކަމާއެކު ސުވާލުކުރިއެވެ.

"އާނ."

"ބޯ ކުރުކޮށް ކޮށާފައި ހުރި ކުއްޖެއްތަ؟ ވަރަށް ދޮންތަ؟" ވަސީމު ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. "އުރްސާ، އެއީ އޭނަ މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާ."

" އަންހެން ކުއްޖެއްގެ ނަން އެންމެ ފަހުން ތިހެން ކީ ހަނދާން ވޭތަ؟" ވަސީމާ ދިމާކުރުމުގެ ގޮތުން އިމާމާ ސުވާލުކުރިއެވެ.

"އެންމެ ފަހުންނޭ؟ ކޮން އިރަކު؟" ވަސީމު ހަނދާނަށް ގެންނަން މަސައްކަތް ކުރިއެވެ.

"މީގެ ހަތް މަސް ނުވަތަ އަށް މަސް ކުރިން، އޭނަގެ ލޯބިވެރިޔާ އާއި ވާހަކަ ދެއްކި ދުވަސް..."

"އޯހ. އެއީ ޝިބާ. މިހާރު އެ މަންޖެ ވީ ކޮންތާކު ބާ؟"

އޭރު އޭނާގެ ކާރު ވިންޑްސްކްރީނުގައި ބޮޑު އަކުރުން ފޯނު ނަންބަރެއް ލިޔެފައި އޮވޭ." އިމާމާ ހެމުން ހެމުން އެ ނަންބަރު ކިޔައިލިއެވެ.

"އެ ނަންބަރު ހަނދާން ވެސް އެބަހުރި ދޯ؟" ވަސީމު ވެސް ހިނިގަނޑެއް ޖަހައިލިއެވެ.

"ކިހިނެއް ހަނދާން ނެތޭނީ. އަހަރެން ދުވަހަކު ވެސް އެހައި ބޮޑު އަކުރުން ފޯނު ނަންބަރެއް ލިޔެފައި އޮއްވައެއް ނުދެކެން. އެ ވެސް އަދި ކާރެއްގައި." އިމާމާއަށް އަދި ވެސް ހެވެނީއެެވެ.

"މަގޭ ނަންބަރު ވެސް ކާރުގަ ޖަހަންވީ ކަން ނޭނގޭ." ނިތް މަތިން އިސްތަށިގަނޑު މައްޗަށް ނަގަމުން ވަސީމު ބުންޏެވެ.

"ކޮން ނަންބަރެއް؟ ގަންނަން އުޅޭ ފޯނުގެ ނަންބަރު ދޯ؟" އިމާމާ އަނެއްކާވެސް ވަސީމާ ދިމާކުރިއެވެ.

"އަހަރެން މި މަހު ފޯނެއް ގަންނާނަން."

"ބައްޕަ ރުޅި އަންނާނެ، ކާރުގަ ނަންބަރު ޖެހީމަ. އެ ނަންބަރަށް އެންމެ ކުރިން ގުޅާނީ ބައްޕަ."

"ތިއޭ މައްސަލައަކީ. އެކަހަލަ ކަމެއް ކުރަން ނުކެރެނީ އެހެންވެ." ވަސީމު އެ ޚިޔާލު ދޫކޮށްލިއެވެ.

"ލިބިދާނެ ގޯނާ އަކަށް ވުރެ، ޖަޒުބާތު ކޮންްޓްރޯލު ކުރިއްޔާ މާ ރަނގަޅު. ނަންބަރު އިއުލާން ކުރުމަށްވުރެ މާ މުހިއްމު ކަންތައް އެބަހުއްޓެއްނު. ތި ކުޅެން އުޅޭ މޯބައިލް ފޯނު ކުޅިވަރު ސާމިޔާ އަށް އެނގިއްޖެއްޔާ؟"

ވަސީމު އޭނާގެ ވާހަކަ ހުއްޓުވިއެވެ. "އޭނަ ވަކި ކީއްކުރާނީ؟ އަހަރެން ބިރެއް ނުގަނޭ އޭނަ ދެކެ."

"ބިރު ނުގަންނަކަން އެނގޭ. އެކަމަކު އޭނައަކީ ހަތް ބެއިންގެ ތެރޭގައި ހުރި ހަމައެކަނި އަންހެން ކުއްޖާ. އޭނައާ އެންގޭޖުވާން އުޅޭ އިރު އެކަން ވެސް ދަންނަންވާނެ. ވިސްނާ ނުލާ ކުރާ ކަމަކުން ހީވެސް ނުކުރާހާ ބޮޑު ކަންތައް ގަނޑަކާ ކުރިމަތިލާން ޖެހިދާނެ." އިމާމާ ބޭނުންވީ ވަސީމާ ދިމާކުރާށެވެ.

"އަސްތަޣްފިރުﷲ! މަގޭ ހުރިހާ ކަމެއް ލިޔެވި ނިމިފަ ދޯ މިއޮތީ؟ އަހަރެން ދުވަހަކުވެސް ފޯނެއް ނުގަންނާނަން. ލޯބިވެރިޔަކު ހޯދާކަށް އަހަންނަކަށް ފޯނެއް ބޭނުމެއް ނުވޭ." އޭނާ ގޮނޑީގައި ލެނގިލިއެވެ.

"ވިސްނުނުކަން ރަނގަޅު." މޭޒުމަތީގައި އޮތް ހެޑުފޯނު ނަގަމުން އިމާމާ ބުންޏެވެ.

"ކޯޗެއްތަ އޭރު އަޑު އަހަން އިނީ؟" އިމާމާ ހެޑުފޯނު ނެގުމުން ވަސީމު އަނެއްކާވެސް ހަނދާން ވިއެވެ.

"މާ ޚާއްސަ އެއްޗެއް ނޫން."

***

"ލާހޯރަށް ދަންޏާ އިމާމާގެ ހެދުން ހިފައިގެން ދާންވީނު؟ އޭނާގެ ހެދުންތައް މިހާރު ނިމިފަ ހުރީ. ތި ދާ މަގުމަތީގަ ހޮސްޓެލް އަށް މަޑުކުރެވޭނެ އެއްނު؟" ހާޝިމް މުބީން ގާތު ސަލްމާ ބުންޏެވެ.

"އަހަރެން އުޅޭނީ ވަރަށް އަވަދިނެތި. ހޮސްޓެލް އަށް ނުދެވިދާނެ ފަހަރެއްގަ." އެއީ ހާޝިމް މާ ގަޔާވާ ވާހަކައަކަށް ނުވިއެވެ.

"ޑްރައިވަރު ވެސް ދެ އެއްނު؟ ހާޝީމް ބިޒީ ވިޔަސް އޭނައަށް ހޮސްޓެލް އަށް ދެވޭނެ. މި މޫސުން މިހާރު މި ނިމެނީ. ދެން އިމާމާ އަންނާނެ އިރެއްވެސް އެނގެނީކީ ނޫން. މިހާރު މި ހެދުންތައް ނުފޮނުވިއްޖެއްޔާ މި އެއްޗެހި ވާނީ ބޭކާރު." ސަލްމާ ވަރަށް ތަފްސީލުކޮށް އޮޅުންފިލުވައި ދިނެވެ.  

"އެންމެ ރަނގަޅު. މަށަށް ވަގުތު ނުވެއްޖެއްޔާ ޑްރައިވަރު އަތަށް ދީފަ ފޮނުވާލާނަން." ހާޝިމް އެއްބަސްވިއެވެ.

ހާޝިމް އަށް ހުސް ވަގުތުކޮޅެއް ލިބުނީ ހަވީރު ފަހެއް ވެސް ޖެހިފަހުންނެވެ. އޭނާ ނިންމީ ޕާރުސަލް ހިފައިގެން އަމިއްލައަށް ހޮސްޓެލް އަށް ދާށެވެ. މިއީ އިމާމާ އެތަނަށް ވެއްދި ފަހުން އޭނާ ހޮސްޓެލްއަށް ދިޔަ ފުރަތަމަ ފަހަރެވެ. ދޮރުވާނު ގާތު އިމާމާ އަށް ގޮވަން ބުނެފައި މަޑުކޮށްލައިގެން ހުރީ އެވެ. ދިހަ މިނެޓު ފާއިތުވެ ހިނގައްޖެއެވެ. ވިހި މިނެޓު ވެސް ވީއެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލާން ފަށައިފިއެވެ. އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އަންހެން ކުއްޖަކާ އެކީ ދޮރުވާނު އަންނަ ތަން ފެނިއްޖެއެވެ. އެއީ އިމާމާގެ ކުޑައިރުގެ ރައްޓެއްސެކެވެ.

"އައްސަލާމު އަލައިކުމް، ހާޝިމްބެ!" ޖުވައިރިއްޔާ ސަލާން ގޮވާލިއެވެ.

"ވަޢަލައިކުމުއްސަލާމް، ދަރިފުޅާ، ހާލު ކިހިނެއް؟"

"ވަރަށް ރަނގަޅު. ޝުކުރިއްޔާ."

"ހާޝިމްބެ މިއައީ ސަލްމާއްތަ އިމާމާ އަށް ފޮނުވި ހެދުން ހިފައިގެން. މިތާ ހުންނަތާ މިހާރު ގަޑިއެއް ހައި އިރުވެއްޖެ. އެކަމަކު އިމާމާގެ ޚަބަރެއް ނުވި." ހާޝީމު ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.

"އިމާމާ ދިޔައީ ބާޒާރަށް. އަހަރެން އޭނައާ ތި ޕާރުސަލް ހަވާލުކޮށް ދީފާނަން."

ޖުވައިރިއްޔާ އަތަށް ޕާރުސަލް ދީފައި ހާޝީމް ހިނގައްޖެއެވެ. ޕާރުސަލް ހިފައިގެން ޖުވައިރިއްޔާ ހޮސްޓެލްއަށް ދިޔައެވެ. އޭނާގެ މޫނުމަތިން ހިިނިތުންވުން ގެއްލުނެވެ. އޭނާ ހުރީ މާޔޫސް ވެފައެވެ. ކޮޓަރިއަށް ދާން އެނބުރުނު އިރު ސަރުދާރު ފެނުމުން ޖުވައިރިއްޔާ ހިނިތުންވެލިއެވެ.

"އިމާމާގެ ބައްޕަ ބުނީ ކީކޭ؟ އިމާމާ ރަނގަޅުތަ؟" ސަރުދާރު ސުވާލުކުރިއެވެ.

"އާނ. އިމާމާ ވީ އިސްލާމްއާބާދުގަ. ހާޝިމްބެ އައީ މަންމަ އަހަންނަށް ފޮނުވި ހެދުން ހިފައިގެން. ހާޝިމްބެ އަތަށް ޕާރުސަލް ދިނީ އިމާމާ." އެއް ނޭވާ އިން ޖުވައިރިއްޔާ ދޮގު ފަތިވަރެއް އަމުނައިލިއެވެ.

ސަރުދާރު ހަމަޖެހުމުގެ ނޭވާ އެއް ލިއެވެ. "އަލްހަމްދުލިﷲ ޝުކުރު. ހަފްތާ ބަންދުގަ ރަށަށް ދާ ވާހަކަ އިމާމާ ބުނި. އަހަރެން ހީކުރީ ބަލިވެ އުޅެނީ ކަމަށް." ސަރުދާރުގެ ހާސްކަން ފިލައިފިއެވެ.

ޖުވައިރިއްޔާ ކޮޓަރި ތެރެއަށް ވަނުމާއެކު ރާބިއާ ފުންމައިގެން ތެދުވިއެވެ. "ކޮބާ އިމާމާ. އިސްލާމްއާބާދުގަ ދޯ؟"

"ނޫން."

ޖުވައިރިއްޔާގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ ރާބިޔާ ސުވާލު ކުރިއެވެ. "ކޮންތާކަށްބާ އެ ދިޔައީ؟"

"މަށަށް ކިހިނެއް އެނގެނީ؟ އޭނާ ދަމުން ބުނީ ގެއަށް ދާ ވާހަކަ، އެކަމަކު ގެއަކަށް ނުދޭ." ޕާރުސަލް އެނދު މައްޗަށް އެއްލައިލަމުން ޖުވައިރިއްޔާ ބުންޏެވެ.

"ސަރުދާރު ގާތު ކީކޭ ތިބުނީ؟" ރާބިޔާ އިނީ ވަރަށް ކަންބޮޑުވެފައެވެ.

"ކީކޭ ބުނާނީ؟ ދޮގު ހަދާފަ މިއައީ. އޭނަ އިސްލާމްއާބާދަށް ނުދެއޭ އަހަރެން ބުނި ނަމަ މުޅި މިތަން އެފުށް މިފުށަށް ޖެހޭނެ. މިތަނަށް ގިޔާމަތް ވާނެ. އޭނަ ފުލުހުންނަށް ގުޅާނެ."

"އިމާމާ ބައްޕަ ގާތު ކީކޭ ބުނީ؟" ރާބިޔާ އެހިއެވެ.

"ހާޝިމްބެ ގާތު ވެސް ދޮގު ހަދާފަ މިއައީ. އަހަރެން ބުނިން ބާޒާރަށޭ ދިޔައީ."

"ދެން ކިހިނެއް ހަދާނީ؟" ރާބިޔާ އިނީ ވަރަށް ބޮޑަށް ހާސްވެފައެވެ.

"އަހަރެން ކަންބޮޑުވަނީ، އޭނާ ނައިއްޔާ، އަހަރެން ބޮޑު އަނދަވަޅަކަށް ވެއްޓޭނެތީ. އެންމެން ހީކުރަނީ އިމާމާގެ އެންމެ ގާތް އެކުވެރިޔަކީ އަހަރެން ކަމަށް. އަދި އަހަންނަށް އެނގި ހުރެ އޭނާގެ ބައްޕައާ ސަރުދާރަށް ދޮގު ހެދީ ކަމަށް." ޖުވައިރިއްޔާ އިނީ ގޮތް ހުސްވެފައެވެ.

"އެކްސިޑެންޓެއް ވީބާ؟ އިމާމާ އަކީ ގޯސް މަގަކުން..." ރާބިޔާގެ ހާސްކަން ވެސް ދިޔައީ އިތުރުވަމުންނެވެ.

"ދެން ކިހިނެއް ހަދާނީ؟ އަހަރުމެންނަށް މި ވާހަކަ އެއްވެސް މީހަކާ ނުވެސް ދެއްކޭނެ." ޖުވައިރިއްޔާ ހާސްވެގެން ނިޔަފަތި ކާން ފަށައިފިއެވެ.

"ޒައިނަބާ ވާހަކަ ދައްކަމާ؟" ރާބިޔާ ޚިޔާލެއް ދިނެވެ.

"ރާބިޔާ. އޭނައާ ވާހަކަ ދައްކައިގެން ކޮން ނަތީޖާއެއް ނެރެވޭނީ؟ ހަމަޖެހިބަލަ!" ޖުވައިރއްޔާ ރުޅި އަންނަ ގޮތް ވިއެވެ.

"އެންމެ ރަނގަޅު. ބަލަން ތިބެމާ. މިރޭ ނޫނީ މާދަމާ ހެނދުނު ވެސް އޭނަ އަތުވެދާނެ. އޭރުން މައްސަލަ ހައްލުވީ. ހެނދުނު ނައިއްޔާ ސަރުދާރަށް ކިޔައިދޭނީ." ރާބިޔާގެ ވާހަކައަކަށް ޖުވައިރިއްޔާ ޖަވާބެއް ނުދިނެވެ. އޭނާގެ މޫނުމަތިން ހާސްކަން ފާޅުވެއެވެ.

***

ޖުވައިރިއްޔާ އާއި ރާބިޔާ އަކަށް އެރޭ އުޅެއުޅެ ނިދޭގޮތެެއް ނުވިއެވެ. ދެ ކުދީން ތިބީ ބިރުން ފިތްކަނޑައިގެން ދާވަރު ވެފައެވެ. މާދަމާ އިމާމާ ހޮސްޓެލް އަށް ނައިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ދެ ކުދީންގެ ސިކުނޑީގައި އެނބުރެނީ އެ ސުވާލެެވެ. އިމާމާ ނައިއްޔާ އެ ކުދީންގެ މުސްތަގުބަލް ޚަރާބު ވީއެވެ. އިމާމާގެ އާއިލާ އިން ހުރިހާ ބަދުނާމެއް އަޅުވާނީ އެކުދީންގެ ބޮލުގައި ކަން އެނގެއެވެ. އިމާމާގެ ބައްޕަ އަށާއި ސަރުދާރަށް ދޮގު ހެދީތީ އިމާމާއަށް ބައިއަތު ހިފީކަމަށް އެމީހުން ނިންމާނެއެވެ.

އިތުރު ސުވާލެއް އަނެއްކާވެސް ފެންމަތިވިއެވެ. އިމާމާ ހުރީ ކޮންތާކު ހެއްޔެވެ؟ އޭނާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އަހަރެއް ހައި ދުވަހުގެ ތެރޭގައި އިމާމާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެ ކުދީންނަށް އެނގެއެވެ. ބޭރަށް ދާން ބުންޏަސް އެ ކުދިންނާއެކު އޭނާ މިހާރަކު ނުދެއެވެ. އަަބަދުވެސް އިންނަނީ ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައެވެ. ކިޔެވުމަށް ވެސް މާ ބޮޑު ޝަައުގުވެރިކަމެއް ނުދެއެވެ.

"ހަނދާން ވޭތަ، އެއްކަލަ ދުވަހު ބާޒާރަށް ދާން ބުނީމަ ނުގޮސް، ފަހުން ބޭރަށް ދިޔަ ހަނދާން؟ އެ ދުވަހު ދިޔަ ތަނަކަށް މިއަދު ވެސް އެ ދިޔައީ. ޔަގީން. މޮޔައިންތަކެއް ހެން އަހަރުމެން އޭނާ އެ ދުވަހު ދެއްކި ހުރިހާ ވާހަކައެއް ގަބޫލުކުރީމު." އެ ދުވަހު ކަންތައް ވީ ގޮތް ހަނދާނަށް ގެންނަމުން ރަބިޔާ ބުންޏެވެ.

"އެކަމަކު އިމާމާ އަކީ އެކަހަލަ ކުއްޖެއް ނޫން. އަހަންނަށް އޭނާ އެނގޭ ކުޑައިރުން ފެށިގެން ވެސް. ދުވަހަކުވެސް އޭނަ އުޅުނު ގޮތެއް ނޫން މިއީ." އިމާމާ އަށް ޝައްކުކުރާކަށް ޖުވައިރިއްޔާ އަދިވެސް ބޭނުމެއް ނުވެއެވެ.

"މީހަކު ބަދަލުވާކަށް މާ ގިނަ ދުވަހެއް ނުނަގާނެ. ބޭނުންވަނީ އެންމެ ސިފައެއް. އީމާންތެރިކަން ބަލިކަށިވުން." ރާބިޔާ ވާހަކަ ދެއްކިއެވެ.

"ރާބިޔާ. އޭނާ އަސްޖަދާ އެންގޭޖުވީ އަމިއްލަ ރުހުމާއެކު. އަސްޖަދު ދެކެ އެނާ ވަރަށް ލޯބިވޭ. ތި ހީކުރާ ކަހަލަ ކަމެެއް ކުރަންވީ ކީއްވެ؟" އެކުވެރިޔާގެ ދިފާއުގައި ޖުވައިރިއްޔާ ވާހަކަ ދެއްކިއެވެ.

"އެހެން ވެއްޖެއްޔާ އަހަރެން ގާތު އޭނަ ހުރި ތަނެއް ބުނޭ؟ އޭނައާ ބައްދަލުކުރަން ރަށުގަ ހުރެފަ އޭނާގެ ބައްޕަ މިތަނަށް އައީ. އޭގެ މާނައަކީ އޭނާ ގެއަަކަށް ނުދެއޭ. އެކަމަކު އަހަރުމެން ގާތު ބުނީ ގެއަށް ދާ ވާހަކަ." ރާބިޔާ ބުންޏެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.