ފާނޫޒު - 20

(20 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިމާމާ އިނީ އާއިލާ އާއެކު ކާ މޭޒު ދޮށުގައެވެ. "ކިހިނެއް އިމްތިހާނު؟" އޭނާގެ ބައްޕަ އެހިއެވެ.

"ވަރަށް ރަނގަޅު." ތަށްޓަށް ބަތް އަޅަމުން އިމާމާ ބުންޏެވެ.

"ރަނގަޅު. އިމްތިހާނުގެ ބިރެއް މިހާރަކު ނޯންނާނެ. މާދަމާއިން ފެށިގެން ބާޒާރު ކުރަން ފަށަންވީ." ހާޝިމް ބުންޏެވެ.

އިމާމާ އިނީ އެ ވާހަކައަށް ތައްޔާރުވެގެނެއް ނޫނެެވެ. "ކޮން ކަމަކަށް؟"

"ފުރަތަމަ ގަހަނާ ގަންނަން ދޭ. ދެން ފަރުނީޗަރު ފިހާރައަށް. ދެން ހުރި ކަންތައްތަކަަށް ވެސް މަޑުމަޑުން ތައްޔާރުވަމުން ދޭ." އިމާާމާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހާޝިމް ވާހަކަ ދެއްކީ އޭނާގެ އަންހެނުންނާ އެވެ.

"ކީއްވެ ބައްޕާ؟ ކޮން ކަމަކު ތަ ބާޒާރު ކުރަނީ؟" އިމާމާ އަނެއްކާ ވެސް އެހިއެވެ.

"ކާވެނީގެ ތާރީޚު ކަނޑައެޅި ވާހަކައެއް މަންމަ ނުބުނޭތަ؟"

އޭނާގެ އަތުގައި އޮތް ސަމުސާ ބަތް ތަށްޓަށް ވެއްޓުނެވެ. "އަހަރެންގެ ކާވެނި؟" ހައިރާންވެފައި މަންމަ އާއި ބައްޕައަށް އޭނާ ބަލައިލިއެވެ.

"އަހަރެން ގާތު ނުވެސް އަހާ އެވަރު ބޮޑު ނިންމުމެއް ނިންމީ ކިިހިނެއް؟" އިމާމާގެ މޫނުމަތިން ފާޅުވަނީ ނުރުހުމުގެ އަސަރެވެ.

"ޗުއްޓީއަށް ކުރިން އައިމަ މި ވާހަަކަ ދައްކާފަ އޮންނާނީ." ހާޝިމް ހަރުކަށި ރާގަކަސް ބުންޏެވެ.

"އަހަރެން އޭރު އެއްބަހެއް ނުވަން. އަހަރެން..."

"އެއްބަސް ނުވިޔަސް ފަރުވާލެއް ނެތް. އަސްޖަދުގެ އާއިލާ އާ މަޝްވަރާކޮށްފިން މިހާރު." ރުޅި އައިސްފައި ހާޝިމް ބުންޏެވެ.

ކާ މޭޒުދޮށުގައި އެންމެން ތިބި އިރު މުޅި ތަނަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ކުއްލިއަކަށް އިމާމާ މޭޒުދޮށުން ތެދުވެއްޖެއެވެ. "ބައްޕާ، އަހަންނަށް މާފު ކުރޭ. އަހަންނަށް އަސްޖަދާ ކާވެންޏެއް ނުކުރެވޭނެ މިހާރަކު. ކާވެނީގެ ތާރީޚު ކަނޑައެޅީ ބައްޕަ، ކާވެނި ފަސްކުރަން ބުނެދީ. އެހެން ނޫނީ އަހަރެން ބުނެފާނަން."

ހާޝިމް ރުޅި އައިސް ރަތް ވެއްޖެއެވެ.

"ކަލޭ އިންނާނީ އަސްޖަދާ. ކަނޑައަޅާފައި އޮތް ތާރީޚުގައި ކާވެނި ކުރެވޭނެ." އޭނާ ހަޅޭއް ލަވައިގަތެވެ.

"ތީ އިންސާފުވެރި ނިންމުމެއް ނޫން، ބައްޕާ." އިމާމާ އިނީ ރޮވެން ކާރިވެފައެވެ.

"މިހާރު އަހަންނަށް އިންސާފުވެރި ކަމާއި ބޭ އިންސާފު ކިޔައިދޭ ހިސާބަށް ދިޔައީތަ؟" ހާޝިމްގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ.

"އަހަރެން އަދި ކާވެނިކުރާކަށް ބޭނުމެއް ނޫނޭ ބުނީމަ އަހަންނަށް މަޖުބޫރު ތިކުރަނީ ކީއްވެ؟" އިމާމާ އަށް ރޮވިއްޖެއެވެ.

"އެއީ އަހަންނަށް ލިބިފައި އޮތް ހައްގެއް ވީމަ!" ހާޝިމް އިމާމާ އާ ދިމާއަށް ހަޅޭއް ލަވަމުން ދިޔައެވެ. ދަތްކުނޑިވިކައިގެން ހުރެ އޭނާ ކާ ކޮޓަރިން ނިކުމެއްޖެއެވެ.

"ކާން އާދޭ." ސަލްމާ މުބީން ހާޝިމްގެ ފަހަތުން އާދޭސް ކުރަމުން ދިޔައެވެ. "އަހަރެން އޭނައާ ވާހަކަ ދައްކާނަން. ތިހައި ރުޅި ގަދަ ނުވެބަލަ. އަހަރެން އެ މަންޖެ ހަމައަކަށް އަޅުވާނަން."

މަަންމަ ނުކުތުމާއެކު އިމާމާ ވަސީމާ ދިމާއަށް ހަޅޭއް ލަވަން ފެއްޓިއެވެ. "މިތަނުން ދުރަށް ދޭ! ހަމަ މިހާރު ނުކުމޭ!"

"މިިހާރު ކިހިނެއްވީ؟ އަހަރެން ކުރީ ކީއް؟" ހައިރާންވެފައި ވަސީމް އެހިއެވެ.

'ދޮގު ހަދައިގެން އަހަންނަށް އޮޅުވާލައިގެން އަހަރެން މިތަނަށް ގެނައި މީހަކީ ތީ. ލާހޯރުގައި ހުއްޓާ މިކަން އެނގުނު ނަމަ އަހަރެން އިސްލާމްއާބާދަކަށް ނާންނާނަން."

"އަހަރެން ކަންތައް ކުރީ ބައްޕަ ބުނި ގޮތަށް. ކާވެނީގެ ވާހަކަ ބުނަން ބައްޕަ އޮތީ އަހަންނަށް މަނާ ކޮށްފައި." ކުށެއް ނެތްކަން ސާބިތުކޮށްދެމުން ވަސީމް ބުންޏެވެ.

"ދެން ބައްޕަ ގާތަށް ދޭ. މިތާ އިންނާނެ ކަމެއް ނެތް." އިމާމާ އަށް ރުޅި މައިތިރިއެއް ނުކުރެވެއެވެ. އިތުރު ވާހަކައެއް ނުދައްކައި ވަސީމް ނިކުތެވެ.

ކޮޓަރިއަށް އައިސް އިމާމާ އެނދުގައި އިށީނދެެއްޖެއެވެ. އޭނާގެ ފައި ދަށުން ހަގީގަތުގައި ވެސް ބިންގަނޑު ދެމިގެންފިއެވެ. އޭނާއާ މެދު އާއިލާ އިން މިގޮތަށް ކަންތައް ކޮށްފާނޭ ކަމަކަށް އޭނާގެ ހިތަށް ވެސް ނާރައެވެ. މިހާރު ހަރުކަށި ވެދާނެ ކަމަކަށް އުއްމީދެއް ނުކުރެއެވެ. މިކަހަލަ ހައިޖާނުގަނޑެއް ކުރިމަތިވެދާނެ ކަމަކަށް އޭނާއަށް އަދި ވެސް ގަބޫލުކުރަން ދައްޗެވެ. އޭނާގެ ހިތް ކުދިކުދި ވެއްޖެއެވެ. "މިހެން ދޫކޮށްލައިގެން ނުވާނެ. މި ކަމާ ކުރިމަތިލާން ވާނެ. ކޮންމެވެސް ގޮތަކުން ޖަލާލް އަށް ގުޅަންވީ. މިހާރު ޖަލާލް އޮންނާނީ އޭނާގެ މައިންބަފައިނާ މަޝްވަރާކޮށްފަ. މިކަމުން ސަލާމަތް ވެވޭނީ އޭނަޔާ ވާހަކަދެއްކިގެން." އޭނާ ހާސްވެފައިހުރެ ކޮޓަރީގައި ދެކޮޅަށް ހިނގަނީއެވެ.

ޖަލާލަށް ގުޅަން ދަންވަރު އޭނާ ކޮޓަރިން ނުކުތެވެ. އޭނާގެ މައިންބަފައިންނާ ހުރިހާ ބެއިން މިހާރު ތިބޭނީ ނިދާފައި ކަން އިމާމާއަށް އެނގެއެވެ. ފޯނު އަތްގަނޑު ނަގައި ޖަލާލްގެ ނަންބަރު ޖެހިއެވެ. ފޯނަށް ޖަވާބެއް ނުދެއެވެ. ބައިގަޑި އިރުވަންދެން އެތައްފަހަރަކު އޭނާ އެ ނަންބަރަށް ގުޅިއެވެ. ރާބިޔާ އާއި ޖުވައިރިއްޔާ އަށް ގުޅޭނެ ގޮތެއް ވެސް ނެތެވެ. އެ ކުދިން ތިބީ ހޮސްޓެލްގައެވެ. ދެން އޭނާ ގުޅީ ޞަބީހާ އަަށެވެ. ފޯނު ނެގީ ޞަބީހާގެ ބައްޕައެވެ. ޞަބީހާ ވީ މަންމައާއެކު ކާވެންޏަކަށް ޕިޝާވަރަށް ގޮސް ކަމަށް ޞަބީހާގެ ބައްޕަ ބުންޏެވެ. ޖެހިގެން އަންނަ ދުވަހު އޭނާ ވެސް ޕިޝާވަރަށް ދާނެ ކަމަށް ބުންޏެވެ.

"ޕިޝާވަރް؟" އިމާމާ ހާސްވިއެވެ.

"ކީކޭ ބުނެދޭންވީ ޞަބީހާ ގާތު؟ ބޭބެ ގާތު ބުނަންވީނު؟"

"ނޫން، ބޭބޭ." އިމާމާ މަޑުމަޑުން ބުންޏެވެ. ޞަބީހާގެ ބައްޕަ ގާތު ބުނާނީ ވެސް ކީކޭހެއްޔެވެ؟ މާޔޫސްވެފައި ހުރެ އޭނާ ފޯނު ބޭއްވިއެވެ. އަނެއްކާވެސް އޭނާ ޖަލާލްގެ ގެއަށް ގުޅިއެވެ. އޭނާގެ އަތުން މީހަކު ފޯނުގެ އަތްގަނޑު އަތުލިއެވެ. އެއީ އިމާމާގެ ބައްޕައެވެ.

"ކާކަށް ތި ގުޅަނީ؟"

"ރައްޓެއްސަކަށް." އިސްދަށަށް ޖަހައިގެން އިނދެ އިމާމާ ބުންޏެވެ. ބައްޕަ އާ ހަތަރުކަޅި ހަމަކޮށްެގެން ހުރެ ދޮގު ހަދާކަށް އޭނާއަށް ނުކުރޭނެއެވެ.

"ބައްޕަ ގުޅައިދޭނަން." އެހެން ބުނެފައި ހާޝިމް ފޯނުގެ "ރީޑަޔަލް" ފިތަށް އޮބައިލިއެވެ. ކަންފަތުގައި ފޯނުގެ އަތްގަނޑު ޖެއްސިއެވެ. ހަދާނެ ގޮތެއް ނެނގި ބައްޕައަށް ބަލަހައްޓައިގެން އިމާމާ އިނެވެ. އިރުކޮޅަކުން އޭނާ ފޯނުގެ އަތްގަނޑު ބޭއްވިއެވެ.

"މި ގަޑީގަ ތި ފޯނު ކުރަނީ ކޮން ރައްޓެއްސަކަށް؟" ހަރުކަށި ރާގަކަށް ހާޝިމް ސުވާލުކުރިއެވެ.

"ޒައިނަބް." ފޯނުން ފެންނާން އޮތީވެސް ޒައިނަބްގެ ނަމެވެ. ޖާލާލް އާ މެދު ޝައްކު ކޮށްފާނެ އެއްވެސް ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ކޮން ކަމަކު؟"

"ޖުވައިރިއްޔާ ގާތު ވާހަކަ އެއް ބުނުވަން ވެގެން." ޖެހިލުން ވެފައި އިނދެ އިމާމާ ބުންޏެވެ.

"ބައްޕަ ގާތު ތި ވާހަކަ ބުނޭ. ބައްޕަ ޖުވައިރިއްޔާ ގާތު ބުނެދީފާނަން. ދަރިފުޅާ، ބައްޕަ ގާތު ތެދަށް ބުނޭ، ދަރިފުޅު އެހެން މީހަކާ ގުޅުމެއް އޮތީތަ؟" ހާޝިމް އެހިއެވެ.

ހާޝިމަށް ބަލަން އިރުކޮޅަކު އިނދެގައި އިމާމާޖަވާބު ދިނެވެ. "އާނ."

ހާޝިމަށް އެ ވާހަކަ ގަބޫލުކުރަން ދަތިވިއެވެ. އޭނާ ސުވާލު ތަކުރާރު ކުރިއެވެ. ޖަވާބުގައި އިމާމާ ބޯ ޖަހައިލިއެވެ. ބަލާކަށް ނުހުރެ ހާޝިމް އިމާމާގެ މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ. "އަހަންނަށް އެހެން ހީވެއްޖެ."

ކޯތާފަތުގައި އަތް އަޅައިގެން ފުން ޚިޔާލަކަށް ގެއްލިފައި ބައްޕަ އަށް ބަލަހައްޓައިގެން އިމާމާ އިނެވެ. މިއީ ބައްޕަ އޭނާއަށް އަތް އިސްކުރި ފުރަތަމަ ފަހަރެވެ. އޭނާއަކީ ބައްޕަގެ ރަންދަރިއެވެ. އޭނާގެ ގައިގައި ބައްޕަ ޖަހާފާނެކަމަކަށް އިމާމާގެ ހިތަކަށް ނާރައެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީ އެވެ.

"އަސްޖަދު ނޫން މީހަކާ ނީނދެވޭނެ. އެހެން މީހަކަށް ޝައުގެވެރިވިޔަސް އެ މީހަކު މަތިން ހަނދާން ނައްތާލަން ޖެހޭނީ.. ހަމަ މިހާރު. ދުވަހަކުވެސް އެހެން މީހަކާ އިންނާކަށް ހުއްދައެއް ނުދޭނަން. ހަމަ މިހާރު ކޮޓަރިއަށް ދޭ. ފޯނު ކައިރިން ދެން ފެނިއްޖެއްޔާ ދެ ފައި ބިންދާލާނަން." ހާޝިމް ރުޅި އައިސްގެން ތުރުތުރު އަޅައެވެ.

އިމާމާ އެ ދިޔަ ގޮތަށް ގޮސް އެނދުމައްޗަށް ވެއްޓި ރޯން ފެށިއެވެ. ބައްޕަ ކަންތައް ކުރި ގޮތުން އޭނާގެ ހިތް ފަޅައިގެން ހިނގައްޖެއެވެ. އެތައް އިރަކު ރުއިމަށްފަހު އެނދުން ތެދުވެ ކުޑަ ދޮރުން ބޭރު ބަލައިލިއެވެ. ތިރިން ފެންނަނީ އޭނާގެ ގޭގެ ބަގީޗާއެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ސާލާރްގެ ގޭގެ ފާރަށެވެ. ސާލާރްގެ ކޮޓަރި ހުންނަނީ ތިރީ ފަންގިފިލާގައެވެ. ކޮޓަރިތެރެއިން މީހެއްގެ ހަރަކާތް ފެނެއެވެ. އެ ވާނީ ސާލާރަށެވެ.

ފަޅި ސިކުންތެއްގެ ތެރޭގައި މޮޅު ބުއްދިއެއް ކުރެވިއްޖެއެވެ. އޭނާ އަށް އެހީގެ އަތެއް ފޯރުކޮށްދެވޭނީ ހަމައެކަނި ސާލާރަށެވެ. ވަރަށް މަސައްކަތުން ސާލާރްގެ ކާރުގެ ވިންޑްސްކްރީނުގައި ބޮޑު އަކުރުން ލިޔެފައި އޮންނަ ސާލާރްގެ ނަންބަރު ހަނދާނަށް ގެނައެވެ. އެ ނަންބަރު ހިތުން ކިޔަމުން ކަރުދާސްކޮޅެއްގައި ނޯޓު ކުރިއެވެ. ދަންވަރު ތިނެއް ޖެހި އިރު ސިއްރުސިއްރުން ސިޓިންރޫމަށް ގޮސް ސާލާރަށް ގުޅިއެވެ.

ފޯން ރިންގުވާން ފެށިއިރު ސާލާރް އޮތީ ނިދާފައެވެ. ފޯނު ރިންގުވާ އަޑަށް އޭނާއަށް ހޭލެވިއްޖެއެވެ. ފޯނު އަތުޖެހޭތޯ އެނދުގެ އަރިމަތީގައި ހުރި މޭޒުމަތީގައި އަތް ހާކާލިއެވެ.

"ހެލޯ." ނިދި އަޑަކުން އޭނާ ބުނެލިއެވެ. އިމާމާއަށް އެއީ ސާލާރްގެ އަޑުކަން އެނގުނެވެ. "ހެލޯ؟" ސާލާރް އަނެއްކާވެސް ބުނެލިއެވެ.

"ސާލާރް، މަށޭ، އިމާމާ." އިމާމާ ބުންޏެވެ.

ކޮން އިމާމާއެއްތޯ އަހަން އުޅެނިކޮށް އޭނާއަށް އެއީ ކާކުކަން އެނގިއްޖެއެވެ. ސާލާރް ފުންމަިއގެން ތެދުވެ އެނދުގައި އިށީނދެއްޖެއެވެ.

"މީ ވަސީމްގެ ކޮއްކޮ."

"މަށަށް އެނގޭ." ބޮކި ދިއްލާލާފައި ގަޑިން ވީ އިރެއް ބަލައިލިއެވެ. މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. އިމާމާގެ އަޑެއް ނީވުމުން ސާލާރް އަނެއްކާވެސް ބުނެލިއެވެ. "ހެލޯ."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.