އިއްޔެއަކީ ތާރީޚީ ދުވަހެކެވެ. މާލޭގައި ދިރިއުޅެމުން ދިޔަ އެތައް ރައްޔިތުންނަށް ހިނިތުން ވުން ގެނުވި ބުރިޖަށް އެއްއަހަރުވީ ދުވަހެވެ.
އަމަލީ މަސައްކަތް ފެށިތާ 33 މަސް ދުވަހުން މިވަރު ބޮޑު ބިޔަ މަސްރޫޢެއް ނިންމާލުމަކީ އަޖައިބެއް ފަދަ ކަމެކެވެ. ހުޅުލެއާއި މާލެ އާއި ދެމެދު ގައި ވާ ފުންކަނޑުގެ ދެކޮޅަށް ދެމޭ އޮއިވަރުގެ ގަދަ ރާޅު ތަކުގެ ތެރޭގައި ދެރަށް ގުޅުވާލަމިދިނީ ފާލަމަކުންނެވެ. ކޮންމެ ދުވަހެއްގެ ސައްވީސް ގަޑިއިރުގެ ބުރަމަސައްކަތާއެކުގައެވެ. ޗައިނާގެ 700 މީހުންނާއި އަދި ބިދޭސީ 300 މީހުން ނާއި އެކު ޖުމުލަ 1000 މީހުން ދެ ދަންފަޅިއަށް މަސައްކަތް ކުރަމުން ދިޔައެވެ.
ދުނިޔޭގައި މުރަކައިން މުރަކައަށް ކަނޑު ހުރަސްކޮށް ފުރަތަމަ އެޅިގެން ދިޔަ މިތާރީޚީ ބުރިޖު ހުޅުވުމާއި އެކު ދުނިޔޭގެ އެކި ގައުމު ތަކުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މިވާހަކަ ކިޔާ ހެދިއެވެ.
1960 ގެ އަހަރު ތަކުގައި ހުޅުލެއާއި ހުޅުލޭގެ ދެކުނު ހުޅަނގު ކަނުގައި އޮތް ގާދު އާއި ގުޅާލީ ފަޅު ހިއްކައިގެންނެވެ. އެއީ ހުޅުލޭގައި މަތިންދާ ބޯޓް ޖެއްސުމަށް ރަންވޭ އެއް އުޅުމަށެވެ. ދިވެހިންގެ އަތްތަކުން ކުރި ބުރަމަސައްކަތުގެ ފޮނިމޭވާ އޭރު ލިބުނު އިރު މިއަދު މާލެއާއި ހުޅުލެ ގުޅުވާލެވިފައިވަނީ ގާދު އާއެވެ.
1990 ގެ އަހަރު ތަކުގައި މާލެ ސަރަހައްދުގެ ކުރެހުންތައް ކުރަހާ ވަރުގަދަ މާލެއެއް ބިޔަ ބޮޑުކޮށް ބިން އިތުރަށް ހިއްކައިގެން ފެތުރިގެންދާ ގޮތަށް ރިޕޯޓެއް ތައްޔާރު ކުރެވުނެވެ. އެރިޕޯޓް ގައި ހުޅުލެއާއި މާލެ ގުޅާލުމާއި އަދި ހުޅުލޭ ފަޅު ހިއްކުން ހިމެނެއެވެ.
1992 ގައި ވިލި މާލެއިން ގޯތި ދޫކުރެވުނު ދުވަސް ވަރުގައި އިޓަލީގެ ކުންފުންޏަކުން މާލެއާއި ވިލިނގިލި ގުޅާލުމުގެ ހުށަ ހެޅުމެއް ހުށަހެޅިއެވެ. އެއީ ކަނޑުން އަޅާ ބުރިޖަކުން ނުވަތަ ކޭބަލް ކާރު މެދުވެރިކޮށެވެ. އެ މަސްރޫޢަށް 80 ވަރަކަށް މިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށް އެމީހުން ލަފާ ކުރިއެވެ. ނަމަ ވެސް ދިވެހި ސަރުކާރަށް އޭރު އުފުލޭވަރުގެ ބުރަޔަކަށް ނުވާތީ އެކަން ނުކުރާން ނިންމީއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުލެއާއި މާލެ އާއި ދެމެދު ވެސް ބުރިޖެއް އެޅޭތޯ ބެލުމުގެ މަސައްކަތް 2005 ވަނަ އަހަރު ފެއްޓެވިއެވެ. ބޭރުގެ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ވެސް ފާޅުކުރިއެވެ. ނަމަވެސް ފަހުން އެކަމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. އަލުން އެފަދަ ކަމެއް ކުރާން ވިސްނީ 2008 ވަނަ އަހަރުއެވެ. އެއަހަރު ވެސް އެކަމުގެ މަސްވަރާތައް ކުރެވުނެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމުގެ އެންމެ ފަހުއަހަރެވެ.
2008 ވަނަ އަހަރު އާސަރުކާރެއް ވެރިކަމާއި ހަވާލުވިއެވެ. އެއި ރައީސް ނަޝިދުގެ ސަރުކާރެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ބޭރުގެ ފަރާތަކާއި ގުޅިގެން ދިރާސާ ތަކެއް ކުރެއްވިކަން ލިޔެކިއުން ތަކުން ފެންނާ އެބަހުއްޓެވެ. އަދި އެއަހަރު ފަހުކޮޅު ސަރުކާރުން ބުރިޖެއް އެޅުމަށް ނިންމެވިކަން ހާމަ ކުރެއްވިއެވެ. ނަމަވެސް އެވެރިކަން ނިމުނު އިރު އެކަން ވާގޮތެއް ނުވިއެވެ.
2013 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގަތް ރާއީސް ޔާމިން ގެ ސަރުކާރުން ބުރިޖެއެއް އެޅުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. 2014 ވަނަ އަހަރު ކުރީ ކޮޅު އެކަންކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ވެސް ކުރެވިގެން ދިޔައެވެ. 2014 ވަނަ އަހަރު އޮގަސްޓުމަހު ރައީސް ޔާމިނު ޗައިނާގައި އޮތް ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިތުމަށް ޗައިނާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގެ ހަވާސާގައި ޗައިނާގެ ރައީސްއާއި އެކު ކުރެވުނު މަސްވަރާތަކުގައި ރާއްޖެއަށް ދޭ ހުރިހާ އެހީ އެއް ބުރިޖު މަސްރޫއަށް ދެއްވުމަށް އެދިވަޑައިގަތެވެ.
2014 ސެޕްޓެމްބަރު މަހު ޗައިނާ ގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި މިކަމުގެ އެއްބަސް ވުމުގައި ދެގައުމުން ސޮއި ކުރިއެވެ. އެކަމަށް ބޭނުންވާ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރ ހިލޭ ލިބުނެވެ. ބާކީ ބައި ދިގުމުއްދަތުން އަދާ ކުރާ ލޯނެއްގެ ގޮތުގައި ހަމަޖެހުނެވެ. މި މަސްރޫޢު ބިޑަށް ހުޅުވާލެވި ޗައިނާގެ ކުންފުންޏެއް ކަމުގައި ވާ ސީ ސީ ސީ ސީ އާއި މަސައްކަތް ހަވާލު ކުރެވުނެވެ. މަސައްކަތުގެ އަގަކީ 200 މިލިއަން ޑޮލަރ އެވެ.
2015 ވަނަ އަހަރު ޑިސެންބަރު މަހު އަމަލީ މަސައްކަތް ކުރާން ފެށުނެވެ. ފުރަތަމަ އެކަމަށް ބޭނުންވާ އަށި ކަނޑުގައި އެޅިއެވެ. އެއީ ވެސް ބުރަ ބޮޑު މަސައްކަތެކެވެ. 2016 ވަނަ އަހަރު ނިމުނުއިރު ކަޑުގައިޖަހަންޖެހޭ މައި ތަނބު ތަކުގެ 37 ހޮޅު ޖަހާ ނިންމިއެވެ. 2017 ވަނަ އަހަރު ނިމުނު އިރު ކޮންކުރީޓް ގެ ބޮޑެތި މަސައްކަތްތައް ވަނީ ނިމިފައެވެ.
މަސައްކަތުގެ ތާވަލަށް ވުރެ ކުރިން ނިންމުމަށް، އެއްދުވަސް ވެސް ނަގާނުލާ ގަދަ އަތްވާ ވާރޭގައި ދިޔައީ މަސައްކަތް ކުރަމުންނެވެ. ޗައިނާ މީހުންގެ އިންޖިނޭރިންގެ މޮޅުކަމާއި މަސައްކަތުގެ ހަލުވިކަން ދިޔައީ ފެންނަމުންނެވެ. އަމާޒަކަށް ވެފައިއޮތީ 2018 ޖުލައި 26 ގައި ބުރިޖު ހުޅުވޭތޯ ބެލުމެވެ. މަސައްކަތް ނިންމަން އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރުގެ ނިޔަލަށެވެ.
ބުރިޖު ހަދަމުން ދިޔައިރު މާލޭގެ ބޮޑު ތަކުރުފާނު މަގު ފުޅާކުރުމަށާއި ތާރު އެޅުމަށް މަސައްކަތް ކުރެވެމުން ދިޔައެވެ. ހަމަ އެގޮތަށް ހުޅުލެއިން ހުޅުމާލެއަށް ދިއުމަށް ފުޅާ މަގެއް ހެދުމަށް ފަޅުހިއްކާ ހަތަރު ކިލޯ މީޓަރުގެ މަގެއް ތާރު އަޅައިގެން ހެދިއެވެ.މާލޭން ބުރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގު ފުޅާ ކުރެވުނީ މާލޭ އުތުރު ފަރާތުގައިވާ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން މާލޭގެ އިރުމައްޗާއި ދެކުނުފަރާތް ހިމެނޭގޮތަށް ކަޅުތުއްކަލާ ކޮށި(ސިފައިންގެ މަރުކަޒު)ގެ ހުޅަނގު ކަނާ ހަމަ އަށެވެ.
ދިވެހިންގެ ތެރެއިން ބައެއް މީހުން މަސައްކަތް ހިނގަމުން ދިޔައިރުވެސް މިއީ ނުވާނޭ ކަމެއް ކަމަށް ބުނަމުން ދިޔައެވެ. އަދި އެކުންފުނީގެ ނާގާބިލްކަން ދެއްކުމަށް ތަފާތު އަޑުތައް ފަތުރަމުން ދިޔައެވެ. ބައެއް ޓީވީ ޗެނަލްތަކުން އެކަމަށް ހަޖޫޖަހަމުންވެސް ދިޔައެވެ. އަދި ބްރިޖް ނޭޅޭނެ ކަމަށް ބުނަމުން ދިޔަ މީހުންގެ ބަސް ތަކަށް ބީރު ކަންފަތެއް ދެމުން އެމީހުންގެ މަސައްކަތް ގެންދިޔަ ހަލުވިކަން ފެނިފައިވެއެވެ. އެތަށް ބަޔަކު އެވާހަކަ ދައްކަމުން ދިޔައެވެ. ކޮންމެ ދުވަހަކު މަސައްކަތް ހިގަމުންދާ ގޮތް ފޫހިކަމެއްނެތި ބަލާ މީހުންވެސް ތިއްބެވެ. ހެދުނާއި ހަވީރާ ރޭގަނޑެވެ. 33 މަސްދުވަހުގެ ބުރަމަސައްކަތާއެކު ޗައިނަގެ ސީ ސީ ސީ ސީ ކުންފުނިން ރާއްޖޭގައި ހިންގި މިމަސްރޫއު އަކީ 21 ވަނަ ގަރުނުގެ ސިލްކުރޫޓަށް އިތުރުވި ބޮޅެއް ކަމުގައި އެމީހުން ދެކެއެވެ.
ރާއްޖޭގެ އެންމެ ގިނަ މީހުން ބައިވެރިވި، އަދި އެންމެ ބޮޑު ހަވާ އެރުވުމުގެ ހަރަކާތާއެކުގައި ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވިގެން ދިޔައެވެ. އޮގަސްޓްމަހުގެ 30 ވަނަ ދުވަހުގެރޭ 8.30 ހެދި ގޮނޑުދޮށް ސަރަހައްދުގައި އޮތް ރަސްމިއްޔާތުގައި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ރަސްމީކޮށް ހުޅުވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިނު ޢަބްދުލްގައްޔޫމް އާއި ޗައިނާގެ ރައީސްގެ ޚާއްސަ މަންދޫބު ޗައިނާ އިންޓަރ ނޭޝަނަލް ކޯޕަރޭޝަންގެ ޗެއަރ މަން ޝިއާއޮތާއޮ އެވެ.
ބްރިޖް ހުޅުވިރޭ ފުރަތަމަ އެބުރިޖު މަތިން ދަތުރު ކުރެއްވީ ރައީސް ޢަބްދުﷲ ޔާމިންގެ ދެކަނބަލުންނެވެ. އެއަށް ފަހު ދައުވަތު އެރުވުނު ޚާއްސަ މެހެމާނުންނަށް ބުރިޖު މަތިން ދަތުރު ކޮށްލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އަދި އެއް ހަފުތާ ވަންދެން ބްރިޖުމަތީގައި ފައިމަގުގައި ހިނގާފައި އުޅުމާއި ތަފާތު ހަރަކާތްތަށް ބޭއްވުނެވެ. ފަސް މީހެއްގެ ކައިވެނިވެސް ސަރުކާރުގެ ޚަރަދުގައި ބާއްވަވާ ދެއްވިއެވެ. އާންމު ދުއްވުންތަކަށް ބްރިޖު ހުޅުވާލެވުނީ 2018 ސެޕްޓެމްބަރ 7 ވަނަ ދުވަހު ހަތަރެއް ޖެހިއިރުއެވެ.
ބްރިޖު ހުޅުވުމުގެ ކުރިން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އާއި ދެމެދު މީހުން ދަތުރު ކުރަމުން ދިޔައީ ކަނޑުމަގުންނެވެ. އޭރު ދުވާލަކު 25 ހާސް މީހުން ކަނޑުމަގުން ދެކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. ބްރިޖު ހުޅުވުމާއި އެކު ދަތުރު ފަތުރަށް ލިބުނުފަސޭހާއި އެކު އެއަދަދު މަދުވަމުން ދިޔައެވެ. މިހާރު އާންމުކޮށް ކަނޑު މަގުން ދަތުރު ކުރަނީ ދެހާހަށް ވުރެ ވެސް މަދު އަދަދެއްގެ މީހުންނެވެ. ބްރިޖު ހުޅުވަންވާއިރަށް މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީން ބަސް ޓަރމިނަލެއް ގާއިމު ކުރިއެވެ. އެއަރ ކޮންޑިޝަން ކުރި ބޮޑެތި ބަސްތަކެއް ހޯދިއެވެ. ފުރަތަމަ ކޮޅު ހިލޭ ދަތުރުތައް އޮތަސް ފަހުން އަގު ނަގާން ފެށިއެވެ. އެއް އަހަރުވީ އެއިރު ވެސް ބްރިޖު ހުރަސް ކުރުމަކަށް އަދި ފީއެއް ނުނަގައެވެ.
ދަތުރު ފަތުރާއި ވިޔަފާރި އަށް މިކަމުން އެތަށް ގުނައެއްގެ ފައިދާ ކުރިއެވެ. ހުޅުމާލޭގައި އިތުރު ކެފޭތަކާއި ރެސްޓޯރަންޓް ތައް ހުޅުވިގެން ދިޔައެވެ.ޓެކްސީ ކުރާފަރާތަކާއި ޕިކަޕާ ލޮރީތަކުގެ އާންމުދަނީ އިތުރުވެގެން ދިޔައެވެ. އެއަރ ޕޯޓުން ފުރަންދާ މީހުންނަށާއި އަންނަ މީހުންނަށް ނުހަނު ފަސޭހަވެގެން ދިޔައެވެ. މާލެ އާއި ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އާއިލާތައް ފަސޭހައިން ބައްދަލުވެ އުޅެވެން ފެށިއެވެ. ދުވަހަކު ހަމަ ލޮލުން ހުޅުމާލެ ނުދެކޭ އެތައް ބަޔަކަށް ޚާއްސަކޮށް ދުވަސްވީ ރަށްވެހިންނަށް ހުޅުމާލެ ބަލައިލަން ލިބުނެވެ. ޒުވާނުންނަށް ހިތްފަސޭހަކަމާއިއެކު ސައިކަލާއި ކާރުގައި ދުއްވާލަން ލިބުނެވެ. ހުސްވަގުތު ހެޔޮގޮތުގައި ބޭނުން ކުރާން ފެށުނެވެ. މާލޭގެ ތޮއްޖެހުމާއި ދަތުރު ފަތުރަށް ލުއިކަމެއް ގެނުވިއެވެ. ހުޅުމާލެ އާއި މާލޭގައިގުދަންކޮށްފައިވާ ވިޔަފާރި މުދާ ފަސޭހޭކަމާއި އެކު އުފުލާ ހަދަން ފެށިއެވެ.
މިއީ އެތައްދުވަހެއް ވާންދެން ދިވެހިން ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެން ދިޔަ ދިވެހި ރާއްޖޭގައި ގާއިމު ކުރެވުނު ފުރަތަމަ ބުރިޖެވެ. މާތް ﷲ އަށް ހަމްދު ޝުކުރާއި ހުއްޓެވެ. ބްރިޖެއްގެ އުފާވެރިކަން ގެނެސްދެއްވި ސީނުކަރައިގެ ރައީސް ޝީޖިންގ ޕިން އާއި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަން ކުރެއްވި ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް ފައްފަށުން ޝުކުރިއްޔާއެވެ.