ގައުމުތަކުން ރާއްޖޭގައި މަޝްރޫއުތައް ހިންގަނީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން: ރައީސް ސާލިހު

ގައުމުތަކުން ރާއްޖޭގައި މަޝްރޫއުތައް ހިންގަނީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 300 ދުވަހަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި މަޝްރޫއުތައް ހިންގަންވާނީ ދިވެހި ރައްޔިތުންނަށް އެހީވެދިނުމުގެ ގޮތުން ކަމަށެވެ.

ދުވަސް ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވަކި މީހަކު ވެރިކަމުގައި ހުރެގެން ކަމެއް ކޮށްދޭނެ ކަމަށް ބުނާ ނަމަ އެއީ ގޯހެއް ކަމަށެވެ. އަދި ތިލަމާލެ ބްރިޖު ޗައިނާއިން ހިލޭ އަޅައިދޭނެ ކަމަށް ބުނި ކަމަށް ޔާމީން ވިދާޅުވި އިރު ސިނަމާލޭ ބްރިޖު ނުވަތަ ފުރަތަމަ ބްރިޖު ހިލޭ ނޭޅީ ކީއްވެގެންކަން އެނގެން ޖެހޭ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެފައިވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަ ތިލަމާލެ ބްރިޖު ހިލޭ އަޅައިދޭނެ ކަމަށް ޗައިނާގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އިންޑިއާގެ އެފްކޮން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރަނީ 2024 ވަނަ އަހަރުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.