ބުރިޖު ހައިވޭގައި އެކުސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖު ހައިވޭގައި އެކްސިޑެންޓެއްގައި ހިނގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއެކުސިޑެންޓު ހިނގީ ދެ ސައިކަލް ޖެހިގެންނެވެ.

އޭގެ ތެރެއިން ދެމީހަކު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެނެސްފައެވެ. ހޮސްޕީޓަލަށް ގެނެސްފައިވަނީ 21 އަހަރުގެ އަންހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވީ މި މީހުން ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިރޭ 7:00 ގައި ކަމަށެވެ.

އޭގެ ތެރެއިން 21 އަހަރުގެ އަންހެންމީހާގެ ހަތަރެސްފައި މަށައިގެން ގޮސްފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި 20 އަހަރުގެ ފިރިހެން މީހާގެ ވެސް ހަތަރެސް ފައި މަށައިގެން ގޮސްފައިވެއެވެ. އަދި އޭނާގެ މަތީ ތުންފަތާއި ކަނާތު ބުމަ ވަނީ ފަޅައިގެން ގޮސްފައެވެ. އޭގެ އިތުރަށް އޭނާގެ ދެ ދަތް ބިންދައިގެން ގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ. އެ ދެމީހުންނަށް ވެސް ފަރުވާ ދެމުންދަނީ ބޭސް އަޅާ ކޮޓަރީގައެވެ.

އެ ދެމީހުންގެ އިތުރަށް ދެން އަނިޔާވި ދެ މީހުން ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެމީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓުގައި އަނިޔާވީ ދެ ސައިކަލުގައި ތިބި 4 މީހުންނަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.