(7 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ނޫން."
"ކިހިނެއްވީ؟"
"އާމިނާ ގޮވައިގެން ދާނީ."
"ކީކޭ؟ ވާހަކަ ދައްކާކަށް ނޫންތަ އައީ؟ ކުއްލިއަކަށް ވިސްނުން ބަދަލުވީ ކިހިނެއް؟"
ސާލަރް އޭނާ އާ ދިމާއަށް ފާޑަކަށް ބަލައިލިއެވެ. "ހަމަ ހިތަށް އެރީ."
ފުރްގާން އިނީ ހިތްހަމަނުޖެހިފައެވެ.
***
ގެއަށް އާދެވުނު އިރު ރޯދަ ވީއްލާ ގަޑި ކުޑަތަން ވެއްޖެއެވެ. ގެއަށް އައި މަގުމަތީގައި ސާލާރް އައީ ރޯދަ ވީއްލާނެ އެއްޗެއް ގަނެގެންނެވެ. ފުރްގާން ބޭނުންވީ އެ މީހުން ގޮވައިގެން އެގެއަށް ދާށެވެ. ސާލާރް އެގެއަށް ދާކަށް އެއްބަހެއް ނުވިއެވެ. ފުރްގާން އޭނާގެ އަންހެނުން ގާތު ސާލާރް ގެ އެޕާޓްމަންޓަށް އަންނަން ބުންޏެވެ.
އޭނާ އައިސް ރޯދަ ވީއްލަން މޭޒުމަތި ތައްޔާރުކުރިއެވެ. އާމިނާ ވެސް އެމީހުންނާ ބައިވެރިވާން އުޅުނެވެ. އެކަމަކު ފުރްގާން އާއި އޭނާގެ އަންހެނުން އެކަމަށް އެއްބަސްނުވުމުން އޭނާ ސޯފާގައި އިށީނެވެ. ސާލާރް ނިކުތީ ބެލްކަންޏަށެވެ. ސިޓިންރޫމުގައި އިށީނދެލައިގެން އިން އިރު ކުޑަދޮރުން ސާލާރް ފެނެއެވެ. އޭނާ ފޯނުން ވާހަކަ ދައްކަމުން ބެލްކަނީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަނީއެވެ.
ސައީދައްތަގެ ގެއިން ސާލާރްގެ އެޕާޓްމަންޓާ ހަމައަށް އައި އިރު ސާލާރް އެންމެ ފަހަރަކު ވެސް އާމިނާ އާ އަނގަޔަކުން ނުބުނެއެވެ. ގެއަށް އައިސްފައިވެސް އޭނާ އާމިނާ އަކާ ވާހަކައެއް ނުދައްކައެވެ. އޭނާ އާ ވާހަކަ ދައްކަން އިރުއިރުކޮޅާ ފުރްގާން މަސައްކަތް ކުރެއެވެ. ރޯދަ ވީއްލި ވަގުތު ވެސް ސާލާރް އޭނާާއާ އަނގަޔަކުން ނުބުނެއެވެ. ސާލާރް ގެ ހިމޭންކަން އޭނާއަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ.
***
ރޯދަ ވީއްލައިގެން ސާލާރް ދިޔައީ ފުރްގާން އާއެކު މިސްކިތަށެވެ. ނަމާދުކޮށްގެން ފުރްގާން ހޮސްޕިޓަލަށް ދާން ޖެހެއެވެ. ކާރާ ދިމާއަށް ދަމުން ފުރްގާން ބުންޏެވެ. "ހާދަ ނެގިމަޑުވެފަ."
ސާލާރް އޭނާއަށް ބަލާލާފައި ކުރިއަށް ދިޔައެވެ.
"އެއްޗެކޭ ބުންނަ އުޅޭހެން ވެސް ހީވޭ." ފުރްގާން މަސައްކަތް ކުރީ ސާލާރް ލައްވައި ކޮންމެވެސް އެއްޗެއް ބުނުވާށެވެ. ސާލާރް އުޑުމައްޗަށް ބަލައިލިއެވެ. ބިމާއި ދިމާއަށް ދުންފިނި ފައިބާހެން ހީވެއެވެ. އޭނާ ފުން ނޭވައެއް ލުމަށްފަހު އަނެއްކާވެސް ފުރްގާން އަށް ބަލައިލިއެވެ.
"ނޫން. ބުނާނެ އެއްޗެއް ނެތް." ހިނގަމުން ދިޔައިރު ސާލާރް ވައި އަޑުން ބުނި އަޑު އޭނާއަށް އިވުނެވެ. "އެއްވެސް އެއްޗެއް ބުނާކަށް އަހަރެން ނޫޅެން."
ފުރްގާން ހަމްދަރްދީވެފައި ސާލާރްގެ ކޮނޑުމަތީގައި ފިރުމައިލިއެވެ.
"ސާލާރްގެ ހާލަތު އަހަންނަށް އިހުސާސް ކުރެވޭ. އެކަހަލަ ކިތަންމެ ކަމެއް ދިމާވާނެ ހަޔާތުގައި. އިމާމާއަަށްޓަކައި ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިނީމެއްނު. މީހަކަށް ޓަކައި އިންތިޒާރުކުރެވޭނެ އެންމެ ގިނަ ދުވަހަކު އޭނައަށްޓަކައި އިންތިޒާރުވެސް ކުރެވިއްޖެއެއްނު. އަށް އަހަރު ނުވަަތަ ނުވަ އަހަރަކީ ޖޯކެއް ނޫން. ސާލާރަށްޓަކައި ލިޔެވިފައި އޮތް ކުއްޖަކީ މިއީ ކަމަށްވާނަމަ އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ."
ސާލާރް އޭނާ އާ ދިމާއަށް ބަލަން ހުއްޓެވެ.
"މިގެއަށް އަންނަން އިމާމާގެ ތަގްދީރުގައި ލިޔެވިފައި ނެތީ. އެ ވާހަކަ ލިޔެވިފައި އޮތީ އާމިނާގެ ތަގްދީރުގައި. އޭނާ މިގެއަށް އައީ އެހެންވީމާ. އޭނާއާ ކާވެނިކުރިތާ އަދި މިވީ ހަތް ދުވަސް. އަށްވަނަ ދުވަހު އޭނާ އެއިނީ އައިސް ތިގޭގަ. އިމާމާ އާ އިނދެގެން އުޅޭތާ ނުވަ އަހަރުވީ. އެކަމަކު އޭޭނައަށް އަދިވެސް މިގެއަށް އާދެވޭ ގޮތެެއް ނުވޭ. ސާލާރްގެ ތަގްދީރުގައި އިމާމާ ލިޔެވިފައި ނެތްކަން އެވަރުން ނޭނގޭތަ؟"
ފުރްގާން ސާލާރަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ.
"އަހަރެމެންގެ ވަރަށް ގިނަ އެދުންތައް ހުރޭ. ބައެއް އެދުންތައް ފުރިހަމަކޮށްދެއްވާ. ބައެއްކަންކަން ފުރިހަމަކޮށްނުދެއްވާ. އިމާމާ އެނބުރި ސާލާރްގެ ހަޔާތަށް ނައީ ސާލާރް އަށް ރަނގަޅަކަށް ވެސް ވެދާނެ. ސާލާރް ލިޔެވިފައި އޮތީ އާމިނާއަށް ކަމަށްވެދާނެ. އަދި ދުވަސްކޮޅަކުން އެކަމަށްޓަކައި ޝުކުރުވެރިނުވާނެ ކަމެއް ވެސް ނޭނގޭ." ވާހަކައިގައި ތިބެ ކާރު ޕާކަށް އާދެވުނެވެ. ފުރްގާންގެ ކާރު އޮތީ އެންމެ ކުރީ ސަފުގައެވެ.
"އަހަންނަކާ އަދި ދިމައެއް ނުވޭ އެމީހަކު އެދޭ ހުރިހާ އެދުމެއް ފުރިހަމަވެފައި ހުރި މީހަކާ. އެހެންވީމާ ކޮންކަމަކާތަ ޝަކުވާ ތިކުރަނީ؟ އާމިނާ އާއެކު ބާއްޖަވެރި ދިރިއުޅުމެއް އުޅެވޭތޯ ބަލާ."
ފުރްގާން ކާރުގެ ދޮރު ހުޅުވިއެވެ. ކާރަށް އެރުމުގެ ކުރިން އޭނާ ސާލާރްގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. "މިކަން ހަނދާނުގައި ބަހައްޓާތި. ތިކުރީ ހެޔޮ އަމަލެއް. އެކަމުގެ ހެޔޮ ޖަޒާ ލިބޭނެ. މި ދުނިޔޭގައި ނުލިބުނިއްޔާ އަންނާން އޮތް ދުނިޔޭގައި ލިބޭނެ."
ސާލާރް މޫނު އަރިކޮށްލާފައި ހީނލިއެވެ. ފުރްގާން ހަމަޖެހުމުގެ ނޭވައެއް ލިއެވެ. މިއީ ސާލާރްގެ މޫނުމަތިން މިއަދު ހިނިތުންވުމެއް ފެނުނު ފުރަތަމަ ފަހަރެވެ. ފުރްގާން ވެސް ހީނލާފައި ސާލާރް ގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލިއެވެ. އެއަށްފަހު ކާރަށް އެރިއެވެ. ކާރު ދުއްވާލަން އުޅެނިކޮށް ސާލާރް ކާރުގެ ދޮރުގައި ޓަކި ދިނެެވެ. ފުރްގާން ބިއްލޫރި ގަނޑު ތިިރިކުރިއެވެ.
"ދެންމެ ބުނީ ކީކޭ؟ ހުރިހާ އެދުމެއް ފުދުނު އެއްވެސް މީހަކާ އަދި ދިމައެއް ނުވެއޭތަ؟" ސާލާރް ވަރަށް ހަމަޖެހިގެން ހުރެ ގުދުވެފައި އަހައިލިއެވެ. އޭނާ ހުރީ އާދަޔާ ޚިލާފަށް ހިތްހަމަޖެހިފައެވެ.
"އެހެންވެއްޖެއްޔާ އަހަންނަށް ބަލައިލަބަލަ... އެ މީހަކީ އަހަރެން. މިއަދާ ހަމައަށް އަހަރެން އެދުނު ހުރިހާ އެދުމެއް ވަނީ ފުރިހަމަވެފައި."
ފުރްގާން ހީކުރީ އޭނާ މާޔޫސްވެފައި ހުރިވަރުން ބުނި އެއްޗެއް ކަމަށެވެ.
"ތިޔަ ބުނާ އަހަރެންގެ ހެޔޮ އަމަލަކީ އަހަންނަށް ކުރެވުނިއްޔާ ކުރެވުނު ހެޔޮ ކަމެއްގެ ބަދަލު. މި ދުނިޔެ މަތީގައި އަހަންނަށް ލިބުނު އިނާމަކީ އެއީ. އަންނާން އޮތް ދުނިިޔެއަށް އިންތިޒާރުކުރާކަށް އަހަންނަކަށް ނުޖެހުނު. އަހަރެންގެ ތަގްދީރު މީގެ ނުވަ އަހަރު ކުރިން އޮތް ގޮތަށް ބަދަލުވެއްޖެ." އޭނާ ވާހަކަ ދެއްކީ ލަސްލަހުންނެވެ.
"އަހަރެން އެ މީހަކު ދެއްވާތޯ އެދި ދެންނެވި އަންހެން މީހާ އަހަންނަށް ލިބިއްޖެ. އިމާމާ ހާޝިމް އެ އިނީ މިހާރު އަހަރެންގެ ގޭގައި."
ފުރްގާން ހައިރާންވެ އަންތަރީސްވެފައި ސާލާރް ދިޔަތަން ބަލަން އިނެވެ. ސާލާރް ދެއްކި ވާހަކަ އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. "އަހަންނަށް ރަނގަޅަށް އަޑު ނީވުނީ ތޯއްޗެއް. ނުވަތަ އޭނަ އެހެރީ ބޯ ގޮވާފަ. އެހެންނޫނީ މެދުވެރިކުރެއްވި ގޮތް ގަބޫލުކުރީ."
ނުވަވަނަ ބާބު
ލާހޯރަށް އާދެވުމުން ދެން އޮތީ އެހީތެރިކަމެއް ލިބޭނެ ގޮތެއް ހޯދުމެވެ. އެކަމަކު އެހީއަކަށް އެދި ދާނީ ކާކު ގާތަށް ހެއްޔެވެ؟ އޭނާއަކަށް އެނބުރި ހޮސްޓެލްއަކަށް ނުދެވޭނެއެވެ. ޖުވައިރިއްޔާ އަށް، ނުވަތަ އެހެން ރައްޓެއްސަކަށް ވެސް ގުޅޭކަށް ނެތެވެ. އޭނާގެ މައިންބަފައިން އެންމެ ފުރަތަމަ ތުހުމަތު ކުރާނީ އެމީހުންނަށް ކަމުގައި ވާތީއެވެ. އޭނާގެ މައިންބަފައިން ދާދި އަވަހަށް ލާހޯރަށް އައިސް އޭނާ ހޯދުމުގެ މަސައްކަތް ފަށާނެއެވެ. މިހާރު ނުފަށާކަމެއް ވެސް ނޭނގެއެވެ. ރައްޓެއްސެއްގެ ގެއަށް ހިނގައްޖެނަމަ ނަފުސު ނުރައްކަލަށް ހުށަހެޅޭނެއެވެ. އޭނާއަށް އޮތް ހަމައެކަނި ގޮތަކީ ޞަބީހާ ގެ ގެއަށް ދިއުމެވެ. އެކަމަކު ޞަބީހާ ޕިޝާވަރުން އެނބުރި އައިކަމެއް ވެސް ނޭނގެއެވެ.
އޭނާ ހީކުރި ގޮތަށް ޞަބީހާގެ އާއިލާ ވީ އަދިވެސް ޕިޝާވަރުގައެވެ. "ކޮންއިރަކުން އަންނާނީ؟" އޭނާ ދޮރުވާނު ގާތު އެހިއެވެ. ދޮރުވާނު އޭނާ ފެނުމުން ދޮރު ހުޅުވިއެވެ. މީގެ ކުރިން ބައްދަލުވެފައި ހުރީމައެވެ.
"އެހެން ބުނާކަށް ނޭނގޭ. ދެތިން ދުވަހެއްގެ ތެރޭގައި އަތުވެދާނެހެން ހީވަނީ." އޭނާ ބުންޏެވެ.
"ޕިޝާވަރުން ގުޅޭނެ ނަންބަރެއް އެބައޮތްތަ؟" ކިތަންމެ މަސައްކަތެއް ކުރިއަސް މޫނުމަތިން ހާސްކަން ފޮރުވޭގޮތެއް ނުވެއެވެ.
ގުޅޭން ނަންބަރެއް އެބައޮތްކަމަށް ދޮރުވާނު ބުންޏެވެ. އިމާމާގެ ހާސްކަން ކޮންމެވެސް ވަރަކަށް ފިލިއެވެ. އެ މީހާ ފޯނު ނަންބަރު ގެނެސްދޭން ދެން ސިޓިންރޫމުގައި އޭނާ މަޑުކުރިއެވެ. ނަންބަރު ލިބުމުން އެ ނަަންބަރަށް އޭނާގެ އަތުގައި އޮތް ފޯނުން ގުޅިއެވެ. ފޯނަށް ޖަވާބު ދިނީ ފިރިހެެނެކެވެ. ޞަބީހާ މިވަގުތު ގޭގައި ނޫޅޭކަމަށް އޭނާ ބުންޏެވެ. އިރުކޮޅަކުން އަންނާނެ ކަމަށް ވެސް ބުންޏެވެ.
"އަހަންނަށް އަދި ޞަބީހާ އާ ގުޅޭގޮތެއް ނުވޭ. އޭނާއާ ގުޅެންދެން އަހަރެން މިތާ މަޑުކޮށްލާނަން." އޭނާ ދޮރުވާނު ގާތު ބުންޏެވެ.
ގަޑިއެއްގެ އިރު ފަހުން އޭނާއަށް ޞަބީހާ އާ ގުޅުނެވެ. ފޯނުކުުރުމުން އޭނާގެ އެކުވެރިޔާ ހައިރާންވިއެވެ. ބުނެވެން އޮތް އެންމެ ކުރުކޮށް އިމާމާ އޭނާ ގެއިން ފިލައިގެން އައި ވާހަކަ ޞަބީޙާއަށް ކިޔައިދިނެވެ. ނަމަވެސް ސާލާރް އާ ކާވެނިކުރި ވާހަކައެއް ނުބުނެއެވެ. ޞަބީޙާ އެކަމާ މެދު ދެކޭ ގޮތް ނޭނގޭތީއެވެ.
"ރަނގަޅުވާނީ ކޯޓަށް ދިޔައިއްޔާ." ޞަބީޙާ ލަފާ ދިނެވެ. "މިހާރު ތިހިރީ ދީން ބަދަލުކޮށްގެން. ޤާނޫނުން ޙިމާޔަތް ލިބޭނެ."
"ކޯޓަށް ދާކަށް ބޭނުމެއް ނޫން."
"ކީއްވެ؟"
"ކޯޓަށް ދާން ކުރިން ވިސްނިން." އިމާމާ ބުންޏެވެ. "އެކަމަކު އަހަރެން ކޯޓަށް ދާކަށް ބޭނުމެއް ނޫން. އަހަރެންގެ ބައްޕަ ދަންނަމެއްނު؟ ބައްޕަގެ ހައިސިއްޔަތު އެނގެއެއްނު؟ ކޯޓަށް ހިނގައްޖެއްޔާ ނޫސްވެރިންނަށް ބޮޑު ޚަބަރެއް ލިބުނީ. އަހަރެންގެ ޢާއިލާ ލަދުގަންނަވާކަށް ބޭނުމެއް ނޫން. ދީން ބަދަލުކޮށްގެން ޤާނޫނުން ޙިމާޔަތް ހޯދަން މަސައްކަތް ކުރާ އަންހެން ކުދިންނަށް ވާ ގޮތް އެނގެއެއްނު؟ އެކުދީން ފޮނުވަނީ ދާރުލް އަމާން އަށް. އެއީ ޖަލެއް ކަހަލަ ތަނެއް. އެހެން ނޫނަސް މައްސަލަ ނުނިމި ދިގުލާނެ އެތައް އަހަރަކަށް. އަހަރެންގެ އާއިލާއިން މައްސަލައަކަށް ފަހު މައްސަލައެއް ހުށަހަޅާނެ. ނިންމުމެއް ނިންމަން އަހަރެއް ނަގާނެ. އޭގެ އިތުރުން އެ މީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ކޯޓުން ލިބިދިނަސް މީހުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތްވާނެ ގޮތެއް ނޯންނާނެ. ނަތީޖާއަކަށް ވާނީ އާއިލާއާއެކު އުޅެންދާން މަޖުބޫރުވުން. ދާރުލް އަމާނަށް ދިއުމުގެ ވިސްނުމެއް އަހަރެންގެ ނެތް. އަދި އިތުރު މުސީބާތެއްގެ ތެރެއަށް އާއިލާ ވައްޓާލުމުގެ ފިކުރެއްވެސް ނެތް. އަހަރެން ގެއިން ނިކުމެގެން އައީ ހިމޭންކަމާއި މަޑުމައިތިރި ކަމާއެކު. ދިރިއުޅުމުގެ ބާކީ ބައި ހޭދަ ކުރަން ބޭނުންވަނީ އެގޮތުގައި."
"ތިބުނާ އެއްޗެއް އަހަންނަށް ވިސްނޭ، އިމާމާ." ޞަބީޙާ ބުންޏެވެ. "ބޭނުންވިޔަސް ނުވިޔަސް އަމިއްލަ އަށް ތި އުފެއްދި މައްސަލައާއި ކުރިމަތިލާން ޖެހޭނެ. ތިގޭ މީހުން އިމާމާ ހޯދަން މަސައްކަތް ކުރާނެ. އަދި އެ މަސައްކަތް ފެށުމަށްފަހު އަހަންނާއި އަހަރެންގެ އާއިލާއާއި ސުވާލުކުރާނެ. އަހަރެމެން އިމާމާ އަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވިޔަސް ތި އާއިލާ އިން އަހަރެމެންނާ ދިމާއަށް އަންނާނެ. އަހަރެންގެ ބައްޕަ ވެސް ބުނާނީ އަހަރެން މި ބުނާ ގޮތަށް، ޤާނޫން ޙިމާޔަތް ހޯދަން. އިމާމާގެ ކޮޅަށް މައްސަލަ ނިމޭނެ ކަމާ މެދަކު އަހަރެން ޝައްކެއް ނުކުރަން."
"އެކަމަކު މިވަގުތަށް، ގޭގައި މަޑުކުރޭ. ބައްޕަ އާއި ވާހަކަ ދައްކައިގެން މާދަމާ ލާހޯރަށް ދެވޭތޯ ބަލާނަން. ދޮރުވާނު އަތަށް ފޯނު ދީބަލަ."
އިމާމާ ދޮރުވާނު އަތަށް ފޯނު ދިނެވެ. ފޯނު ބޭއްވުމަށްފަހު އޭނާ ބުންޏެވެ. "ޞަބީޙާ ކޮއްކޮ ބުނީ އެ މީހުން އަންނަންދެން އޭނާގެ ކޮޓަރީގައި ހުންނާށޭ."
އިމާމާ ޞަބީޙާގެ ކޮޓަރިއަށް ދިޔައެވެ. ޞަބީހާ އާއި ވާހަކަ ދެއްކުމުން އޭނާގެ ކަންބޮޑުވުން ވީ އިތުރެވެ. ޞަބީޙާ އެގޮތަށް ވާހަކަ ދެއްކީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. ޞަބީޙާއަށް ވެސް އެ ޢާއިލާއަށް ވެސް އޭނާގެ ފަރާތުން މައްސަލަތަކެއް ކުރިމަތިވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ކޯޓަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާއަށް ޞަބީހާގެ އާއިލާއިން އެހީތެރިކަން ފޯރުކޮށްދިންކަން ބައްޕަ ހާޝިމް މުބީން އަށް އެނގޭ ދުވަހަކު އެ މީހުންގެ ދުވަސް ދުއްވައިލާނެއެވެ. ކޯޓަށް ދާން ޞަބީޙާ ބާރު އަޅަނީ އެހެންވީމާ ކަމަށް ވެދާނެއެވެ. އެހެން ނަަމަވެސް ކޯޓާއި ހަމައަށް ދާން ދަތުރުކުރަން ޖެހޭ މަގު އަދި މާ އުނދަގުލެވެ.
ޤަދަރުވެރި ޢާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖަކު މައިންބަފައިންނާ ދެކޮޅަށް ދީން ބަދަލުކުރުމުން އާއިލާއަށް ލިބޭ މަލާމާތަށް އެ މީހުން ރައްދު ދޭނެއެވެ. އިމާމާއަށް ނޭނގެނީ އާއިލާ އިން އެކަން ކުރާނެ ގޮތެކެވެ. އެކަމަކު އޭނާއަށް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އަބުރު ހިފެހެއްޓުމުގެ ނަމުގައި ކިތަންމެ ނުލަފާ ކަމެއް ކުރަން ވެސް ބައްޕަ ފަސްނުޖެހޭނެ ކަމެވެ.
އެ ފިކުރުގައި އިންދާ ޞަބީޙާގެ ކުލާހުގެ އެހެން ކުއްޖެއްގެ މަތިން އޭނާ ހަނދާންވިއެވެ. އެއީ މަރިޔަމް ސިބްތެ ޢަލީ އެވެ. މަރިޔަމް ސިބްތެ ޢަލީ އާއި އޭނާއާ ދެ ތިން ފަހަރަކު މިގެއިން ބައްދަލުވިއެވެ. އެއީ އޭނާ ދީން ބަދަލުކުރި ވާހަަކަ ޞަބީޙާ ބުނި ހަމައެކަނި އެކުވެރިޔާ އެވެ. އެކަން އެނގުމުން މަރިޔަމް ވަރަށް އުފާކުރިއެވެ. އަދި ދުވަހަކުވެސް އެހީތެރިކަމެއް ބޭނުން ނަަަމަ އޭނާ ގާތު ބުނުމަށް އެދުނެވެ. އެ ދުވަހަަށް ފަހު އޭނާއާ ބައްދަލުވި ކޮންމެ ފަހަރަކުވެސް އު ހުށަހެޅުން އެގޮތަށް އޮންނާނެ ކަމަށް ބުންޏެވެެ.
މަރިޔަމް އެހީވާނީ ކޮން މިންވަރަކަށް ކަމެއް އިމާމާ އަކަށް ނޭނގެއެވެ. އަދި މި ވަގުތު އޭނާގެ މަތިން ހަނދާންވީ ކީއްވެގެން ކަމެއް ވެސް އޭނާއަކަށް ނުވިސްނެއެވެ. ނަމަވެސް މަރިޔަމް އަށް ފޯނުކުރުމަކީ މި ވަގުތަށް އޮތް އެންމެ ރަނގަޅު ހައްލުކަމުގެ އޭނާއަށް ވިސްނުނެވެ. އޭނާ ފޯނު ނަގައިގެން މަރިޔަމް އަށް ގުޅަން ބެލިއިރު ފޯނުގެ ޗާޖެއް ނެތެވެ. ސިޓިންރޫމަށް ގޮސް ޑައިރީ އިން އޭނާ މަރިޔަމްގެ ނަންބަރު ހޯދިއެވެ.
ފޯނަށް ޖަވާބު ދިނީ ޑރ. ސިބްތެ ޢަލީ އެވެ. "މަރިޔަމް އާ ގުޅިދާނެތަ؟ މީ މަރިޔަމް ގެ ރައްޓެއްސެއް." އޭނާ ބުންޏެވެ. މިއީ އޭނާ މަރިޔަމް އަށް ފޯނުކުރާ ފުރަތަމަ ފަހަރެވެ. ޑރ. ސިބްތެ ޢަލީ މަރިޔަމް އަށް ގޮވިއެވެ.
"ހެލޯ މަރިޔަމް. މީ އިމާމާ."
"އިމާމާ... އިމާމާ ހާޝިމް؟" މަރިޔަމް ހައިރާންވިއެވެ.
"އާނ، އަހަރެން މަރިޔަމްގެ އެހީތެރިކަން ބޭނުން."
އިމާމާ މަރިޔަމް އަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. "ކޮންތާކު މިހާރު ތިހިރީ؟" އިމާމާގެ ވާހަކަ ނިމުމުން މަރިޔަމް އެހިއެވެ.
(ނުނިމޭ)
imaamaa ah saalaar neyguny keehvebaa
އެނގުނު.
"އާމިނާ ސާލާރް އަށް ބަލަ އިލި އެވެ. އޭނާގެ މޫނުމަތިން ހައިރާންވެފައި ހުރިކަން ފާހަގަވެއެވެ. އޭނާގެ ސާބިތުކަން ފެނިފައި ސާލާރް ހައިރާންވިއެވެ. އެއްވެސް ހާސްކަމެއް، ނުތަނަވަސްކަމެ އް އޭނާގެ މޫނުމަތިން މިހާރަކު ނުފެނެ އެވެ."
އެެއޮތީނު.މޮޅު ލިޔުން ހުންނާނީ މިހެން.
މިސައިޓްގައި ލިޔުއްވާ ވާހަކަތަކަކީ އިސްލާމީ އިމުގެ ތެރެއިން ، އުފަލާ ހިތާމައާއި ލޯތްބާ ޖަޒުބާތު ގެނެސްދެވޭގޮތަށް ލިޔުއްވާފައިހުންނަ ވާހަކަތަކަކަށްވާތީ ، ވާހަކަ ލިޔުންތެރިޔާ އަށާއި ސައިޓްގެ އިދާރީ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރުވެރިވަން.
ma sha Allah. v shauguveri, furihama vaahakaeh,mi vaahaka tharujama koh alhugandu mena hamayah gensdhevvaa Aminath saeedh ah v bodah shukuriyya. jazakillah khair.
!!Yeah!what a relief
ސާލާރް ކަހަލަ ނަސީބުގަދަ މީހަކަށް މަ ނުވިނަމަވެސް ސާލާރަށްޓަކައި އުފަލުންގޮސް ލޮލުން ކަރުނަ ހިލި ހިތަށް ހަމަޖެހުން ލިބިއްޖެ.
އާމިނާ ކައިވެނިކުރެވުމުން ތިމަންނަ ކުދިން ކައިރިއަށް ދާނީއޭ އެދައްތަ ބުނި ހިސާބުން ޔަގީންކޮށްފިން އާމިނާ އެއީ ސާލާރް ގެ އިމާމާކަމަށް.