ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްލިބޭ ހިމާޔަތް ނިގުޅައިގަނެވޭ: ބައެއް މެމްބަރުން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްލިބޭ ހިމާޔަތް ނިގުޅައިގަނެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބްރުން ވިދާޅުވެއްޖެއެވެ.

ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙާ މެދު ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު ބައެއް މެމްބަރުންވެސް ހިމެނެއެވެ.

ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުޙައްމަދު ޢަބްދުالله ޝަފީޤް ވިދާޅުވީ މި ބިލް ސަރުކާރުން ހުށަހެޅުއްވި މަޤްޞަދެއް އެއްގޮތަކަށްވެސް ސާފު ނުވާކަމުގައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޤާނޫނުން ދީފައިވާ ރައްކާތެރިކަމާއި ހިމާޔަތް މި އިޞްލާޙުގެ ސަބަބުން އެބަ ނިގުޅައިގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފޮޓޯގްރަފީއާއި ސްވެނިއަރ ވިޔަފާރިއާއި، ވޯޓަރ ސްޕޯޓްސް ފަދަ ކަންކަމަކީ ދިވެހި ވިޔަފާރިވެރިން، ޚާއްޞަ ގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ވަރަށް ބޮޑަށް ބޭނުންވެގެން، ބިދޭސީންނަށް އެ ވިޔަފާރީގެ ތެރެއަށް ނުވަދެވޭ ގޮތަށް އެކަން ކުރުމަށް އެދިގެން މަނާ ކުރެވިފައި އޮތް ކަމެއްކަމަށް ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މި އިޞްލާޙު، ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްވެގެން ހިނގައްޖެ ނަމަ އެކަން ނިމުމަކަށް އައިސް އެފަދަ ވިޔަފާރީގެ ތެރެއަށް ބިދޭސީންނަށް ވަދެވޭނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރީގެ އިތުރުން ހޮޓާރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރިތަކުގެ ތެރެއަށް ވެސް ބިދޭސީންނަށް ވަރަށް ފަސޭހަކަމާއެކު ވަދެވޭނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ކޮމިޓީ މަރުޙަލާގައި ވަރަށްބޮޑަށް އެބަޖެހޭ މި ބިލަށް އިޞްލާޙު ގެންނަން. މި އިޞްލާޙު މިއޮތް ގޮތަށް އެއްގޮތަކަށް ވެސް ފާސްކުރަން ހެޔޮވާވަރުގެ ކަމެއް ނޫން މިކީ. އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ ބިދޭސީން ގިނަވާ ވާހަކަ. ބިދޭސީންނަށް ކަންކަން ފަހިވަމުންދާ ވާހަކަ. އެކަން އިތުރުކުރަން، ނޫންނަމަ އެކަމަށް އިތުރު ފަސޭހައެއް ކުރަން އަޅުގަނޑުމެން މި މަޖިލީހުން އެއްވެސް މަސައްކަތެއް ކުރާނެ ކަމަށް އަޅުގަނޑު އުއްމީދެއް ނުކުރަން. އަޅުގަނޑު ހުރިހާ މެންބަރުންގެ ކިބައިން އެދެން އޮތީ، މި ބިލު މިގޮތަށް ފާސްނުކުރައްވައި، އިޤްތިޞާދީ ކޮމިޓީން އިޞްލާޙުގެންނަވައި، ދިވެހި ވިޔަފާރިވެރިންނަށް ފައިދާވާނެ ގޮތަކަށް މި ބިލު އިތުރަށް ފުރިހަމަވެގެންދިޔުން. ވެލިދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދުވިދާޅުވީ ބިލްގެ ހަ ވަނަ މާއްދާ މިހާރު ސަރުކާރުން ފޮނުވާފައި އޮތް ގޮތަށް ފާސްކޮށްފި ނަމަ، ދިވެހިރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ބިދޭސީންނަށް ވަނުމުގެ ފުރުޞަތު ހުޅުވައިލެވެނެކަމުގައެވެ. އެއް މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށުގެ ވިޔަފާރިތަކަށް މިހާރަކު ބިދޭސީންނަކަށް ނުވަދެވޭނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް ބިލު ފާސްކޮށްފި ނަމަ، އެއް މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށުގެ ހުރިހާ ވިޔަފާރިތަކަކަށް ބިދޭސީންނަށް، ފޮރިން އިންވެސްޓަރުންނަށް ވަދެވޭނެ ކަމަށް އޭނާފާހަގަކުރެއްވިއެވެ.

ފޮޓޯގްރަފީއަކީ ދިވެހި ޒުވާނުން ވަރަށް ބޮޑަށް ޝައުޤުވެރިވާ މަސައްކަތެއް ކަން ފާހަގަ ކުރައްވާ. އެއީ މިހާރު ހަމައެކަނި ދިވެހިންނަށް ކުރެވޭ ވިޔަފާރިއެއް ގޮތަށް އޮތް ފުރުޞަތު ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފިނަ ގެއްލިގެންދާނެކަމަށް މާވަށު ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. އަދި ހަމައެއާއެކު ކަންމަތީ ފިހާރަތަކަށް ބިދޭސީންނަށް އައިސް ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވިގެން ދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިބިލާ ގުޅޭ ގޮތުން މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާއަށް ވަޑައިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވަނީ މަޢުލޫމާތު ދެއްވައިފައެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ބިލަކީ ބިދޭސީ ވިޔަފާރި ތަކަށް މަގުފަހިވާގޮތަށް ހުށަހެޅިފައިވާ ބިލެއް ނޫންކަމުގައެވެ. އެކަމަށް ވަކި ޤާނޫނެއް ހެދިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޤަވާއިދާ ޚިލާފަށް ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ލިބެނީ ދިވެހިންގެ ސަބަބުން ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. ބިލްގެ މައިގަނޑު މަފަހޫމަކީ ރާއްޖޭގައި ހިންގޭ ވިޔަފާރިތައް އެއްތަނެއްގައި ރަޖިސްޓްރީ ކުރުން ކަމަށް ވިދާޅުވިއެވެ. މިބިލަށް ގެނެވޭ އިޞްލާޙުގެ ސަބަބުން ވިޔަފާރި އެއް ފެށުމުގެ ކުރިން ރަޖިސްޓްރީ ކުރުމުން، އެވިޔަފާރީގެ ތެރެއިން ފުޅާ ކުރެވޭ އިތުރު ވިޔަފާރިތަކަށް ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ. މިހާރު އޮންނަ ގޮތަށް މަހުފީއާއި ޖުރިމަނާ ފީތަކެއް ވެސް ދައްކަން ނުޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މި ބިލަށް ގެނެވޭ އިސްލާހުގެ ސަބަބުން އޮންލައިން ވިޔަފާރިތައް ވެސް ރަޖިސްޓްރީކުރަން މަޖުބޫރުވާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.