ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރި، ޒިއްމާދާރު ޒުވާން ޖީލެއް ބިނާކުރުން: ރައީސުލްޖުމްހޫރިއްޔާ

ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތައުލީމާއި ތަމްރީނު ދީގެން، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިހް ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ޒުވާޏުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ގެންދަވާނީ އެ ލަނޑުދަނޑީ ހާސިލް ކުރެވޭނެ މަގުން ކަމުގައެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހަަށް އ.ދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ ތަޢުލީމު ފޯރުކޮށްދޭ ގޮތަށް ހެޔޮ ބަދަލެއް ގެނައުމެވެ. މި ޝިޢަރުގެ މައިގަނޑު އަމާޒަކީ ތަފާތުކުރުމެއް ނެތި ހުރިހާ އަންހެން، ފިރިހެން ކުދިންނަށް ހަމަހަމަ ތައުލީމީ ފުރުސަތު ފަހިކޮށްދިނުމެވެ. އ.ދ. އިން 2030އަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ހުރިހާ އެންމެންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށް ދިނުމެވެ.

ދުވަހުގެ ޝިއާރަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ "ސަރުކާރުންވެސް އެންމެ ބޮޑު އަމާޒަކީ، ޒަމާނީ ތަޢުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމެވެ. ޒަމާނީ ތަޢުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމެވެ. ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، އެ ލަނޑުދަނޑި ޙާޞިލްކުރެވޭނެ މަގުންނެވެ. ބޭނުމަކީ، ޤައުމާއިގެން ކުރިއަށް ދިޔުމުގެ ރޫޙާއި، ވަޠަނީ ލޯބި ހުރި، ޢަދުލު އިންޞާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ޤައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުން" ކަމުގައެވެ.

ދިވެހި ޒުވާނުންނަކީ ގައުމުގެ މިހަރުގެ ހާލަތަށް ބަލާއިރު ވަރަށް ނަސީބުވެރި ބައެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން " ދިވެހި ޒުވާނުންނަކީ، ލޯތްބާއި އެކުވެރިކަމާއި އަމާންކަމާއެކު ދިރިއުޅުމުގެ މަތިވެރި ނިޢުމަތް ލިބިފައިވާ ބައެކެވެ. އެންމެ ޅަފަތުން ފެށިގެން، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެފައިވާ ބައެކެވެ. އެންމެ ތުއްތު ޢުމުރުން ފެށިގެން، ޒުވާން ޢުމުރު ނިމެންދެންވެސް، އަދި އޭގެ ފަހަށްވެސް، ރާއްޖެއާއި ރާއްޖޭން ބޭރުންވެސް، ތަޢުލީމް ޙާޞިލްކުރުމުގެ ފަހި ފުރުޞަތުތައް ލިބިފައިވާ ބައެއް" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ޒުވާނުންނަކީ ގައުމުގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ބަޔަކަށް ހެދޭނީ ޒުވާނުން ބިނާކުރަން އިސްކަންދީގެން ކަމަށެވެ. އަދި ގައުމަށް ބޭނުންވަނީ އުފެއްދުންތެިރި، އައު އީޖާދުތަކަށް ފިކުރު ހިންގާ، ރިވެތި އަޚްލާގާއި އިޖްތިމާއީ ރީ ތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒިއްމާދާރު ޒުވާނުން ކަމުގައެވެ.

މީގެ އިތުރުން ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ ގައުމަށް ލިބޭ ތަރައްގީކަމަށް ރައިސް ވިދާޅުވިއެވެ. އަދި ޒުވާނުން ޒިއްމާދާރު ވުމަކީ ގައުމު އިސްލާހު ކުރުމުގެ ތަޅުދަނޑިކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހަކީ އޯގަސްޓު މަހުގެ 12ވަނަ ދުވަހެވެ. އޯގަސްޓު މަހުގެ 12ވަނަ ދުވަސް ޒުވާނުންގެ ގޮތުގައި ފާހަގަކުރުމަށް ކަނޑައެޅީ 1999ވަނަ އަހަރުއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.