އައްޑޫގައި 5.3 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ރައީސް އިޢުލާން ކުރައްވައިފި

އައްޑޫސިޓީގައި 3.5 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް ފަށްޓަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ އައްޑޫ ސިޓީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫ ބަނދަރު ސަރަޙައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން އިން އައްޑޫސިޓީގެ ދާއިރާތަކަށް ކުރިމަތި ލައްވައިފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި މިރޭ ބާއްވަމުން ގެންދަވާ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މި މެގަ މަޝްރޫޢުގެ ސަބަބުން މުޅި އައްޑޫ އާރާސްތުވެ އައްޑޫގެ އިނދަޖެހިފައިވާ އިގްތިސާދު ކޮޅަށްޖެހިގެންދާނެ ކަމަށެވެ. އަދި މުޅި ޤައުމުގެ އިޤްތިސާދުގެ އިންޖީނަކަށް އައްޑޫ ސިޓީ ބަދަލުވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ޑްރަގުގެ މައްސަލަ ކަމަށެވެ. އެހެން ކަމުން އޭގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން އަލުން އަނބުރައި މުޖުތަމަޢަށް ގެންނެވުމަށްޓަކައި "ރާއްޖޭގައި ޤާއިމްކުރާ އެންމެބޮޑު ޑްރަގްރިހެބިލިޓޭޝަން ސެންޓަރު މި ސިޓީގައި ގާއިމް ކުރާނަން،" ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް އައްޑޫ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައްޑޫސިޓީގައި އިސްލާމިކް ސެންޓަރެއް ވެސް ޤާއިމް ކޮށްދެއްވާނެ ކަމަށެވެ. އެ ސެންޓަރުގައި 2000 މީހުންގެ ޖާގައިގެ މިސްކިތަކާއި، ލައިބްރަރީއާއި ކޮންފަރެންސްތައް ބޭއްވޭނެ ވަސީލަތްތައް ވެސް ހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަޝްރޫޢުގައި ހިމެނޭ ކަންކަމަކީ، އައްޑޫ ސިޓީއަށް އަށް ހާސް ޓޫރިސްޓު އެނދު އިތުރު ކުރުމާއި، އައްޑުއަށް ބިން އިތުރުކުރުމާއި، އައްޑޫގެ ޕޯޓު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރުމާއި އައްޑޫގައި ސަތާރަ ކިލޯ މީޓަރުގެ މަގު ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރަށް މަސް ބަނދަރާއި ކަނޑުމަސް ޕްރޮސެސް ކުރާނެ ފެކްޓްރީއެއް ތަރައްޤީ ކުރެއްވުމާއި، އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވުމާއި، އިޖުތިމާޢީ ގޮތުން ބޭނުންވާ ސްޕޯޓް ކޮމްޕްލެކްސްއެއް އަޅައި ދިނުމާއި ސްވިމިން ޕޫލާއި ފުޓުބޯޅަ ސްޓޭޑިއަމެއް އެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް އެވަސީލަތްތަކުން ދެމެހެއްޓެނިވި އުސޫލަކުން އާމްދަނީ ލިބޭނެގޮތް ހެދުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އައްޑޫގައި ޙިމާޔަތް ކޮށްފައިވާ ތަންތަން ޔުނެސްކޯގެ މިންގަނޑަށް ފައްތައި ހެރިޓޭޖުގެ ސައިޓުތަކެއް ކަނޑައަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ވެ ވަޑައިގެންނެވި ވަޢުދުތައް އަދިވެސް ހަނދުމަފުޅު އެބަހުންނެވި ކަމަށެވެ. އެ ވަޢުދުތައް ސަރުކާރުން ފުއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީއާއި، އެމްއާރުއެމްއާއި، ޢަދާލަތު ޕާޓީއާއި އަދި ވެސް އެތައް ބައެއްގެ ތާއީދާއެކު ކަމަށް ހަނދުމަފުޅު އެބަހުންނެވި ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއް އެއިން އެއްވެސް ފަރާތަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.