ޖަމީލް އުސްމާނު ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ގެމަނަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޖަމީލް އުސްމާން (ޖޭޔޫ) އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފިއެވެ.

އޭނާއަކީ މިހާރުވެސް އެދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މެމްބަރެވެ. މިއަދަކީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހެވެ. މިއަދު ހަވީރު 4:00 އަށް އެ މުއްދަތު ހަމަވާނެއެވެ. އިއްޔެގެ ނިޔަލަށް 366 ކެންޑިޑޭޓުންވަނީ އީސީއަށް ފޯމު ހުށަހަޅުއްވައިފައެވެ.

ޖަމީލް އުސްމާން ކެންޑިޑެސީ ފޯމު މި ހުށަހެޅުއްވީ އެދާއިރާއަށް އޭނާ ވާދަ ނުކުރައްވައި ޖޭޕީން އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ޢަލީ ޢާދިލަށް ޕީޕީއެމުން ތާއިދު ކުރަން ނިންމި ކަމުގެ ވާހަކަތައް ވެސް ދެކެވިފައިވަނިކޮށްނެވެ.

އެކަމާބެހޭ ގޮތުން ޖަމީލް އުސްމާން ކުރިން ވިދާޅުވެފައިވަނީ އެފަދަ އެއްވެސް އެންގެވުމެއް ޕީޕީއެމްއަކުން އަންގަވާފައި ނުވާ ކަމަށެވެ. އެފަދަ އެންގެވުމެއް ޕާޓީން ރަސްމީކޮށް އެންގެވި ނަމަ އެއަށް އިޖާބަ ދެއްވީސް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 6 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.