މަސްވެރިކަމުގެ ތިން ޤަރާރު މަޖިލީހުން ފާސްކުރައްވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ސަރުކާރުން ހުށަހެޅި މަސްވެރިކަމާބެހޭ ޤަރާރުތަކުގެ ތެރެއިން ތިން ޤަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރައްވައިފިއެވެ. އިޤްތިޞާދީ ކޮމެޓީން ދިރާސާ ކުރައްވައި ނިންމަފައިވަނީ އެޤަރާރުތައް މަޖިލީހަށް ހުށަހެޅުނު ގޮތަށް ފާސް ކުރުމަށެވެ. އެހެންކަމުން އެ ތިން ޤަރާރުވެސް ފާސްވެގެން ގޮސްފައި ވަނީ ހުށަހެޅިފައިވާ ގޮތަށެވެ.

މަޖިލީހުން މިއަދު ފާސްކުރެއްވީ ބޭރުގެ ބޯޓް ފަހަރަށް މަސްވިއްކާ ޤަރާރާއި ގޭދޮށު މަސްފެކްޓްރީ ހެދުމާބެހޭ ޤަރާރާއި ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ޤާއިމުކުރުމާ ބެހޭ ޤަރާރު ނުވަތަ ކަންނެލި ޖަގަހަތައް ހެދުމާބެހޭ ޤަރާރެވެ. މަޖިލީހަށް ހުށަހަޅައިފައިވާ ޤަރާރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުށަހެޅި ޤަރާރު ކުރިން ވަނީ މަޖިލީހުން ފާސްކުރައްވައިފައެވެ. އެއީ ބޭރުގެ ބޯޓްފަހަރު ދިވެހި ކަނޑުތަކުގައި މަސް ވެރިކަންކުރުން ހުއްޓުވުމަށް ހުށެހެޅި ޤަރާރެވެ. މަޖިލީހުން ގޮތެއް ނުނިމި މިހާރު އޮތީ އިންޑިއާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ޤަރާރެވެ.

ގޭދޮށު މަސްފެކްޓްރީ ޤަރާރު މަޖިލީހަށް ހުށަހަޅުއްވައިފައި ވަނީ މަސްވެރިކަމުގެ ސިނާޢަތު ފުޅާކޮށް އެމަސައްކަތުގެ ނަފާ ވީހާވެސް ފުޅާ ދައިރާއެއްގައި ދިވެހިންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރަންޖެހިފައިވާތީކަމަށް ޤަރާރުގައި ބުނެއެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމަށް، ދިވެހިން ބާނާމަސް ރާއްޖޭގައި ޕްރޮސެސްކޮށް "ވެލިޔު އެޑް ޕްރޮޑަކްޓްސް" ގެ ގޮތުގައި ރާއްޖޭގެ ރިސޯރޓ ތަކާއި ބޭރުގެ މާރކެޓްތަކަށް ބޭރުކުރުމަކީ މުހިންމު ކަމެއްކަން ޤަރާރުގައި ފާހަގަ ކުރައްވައިފައި ވެއެވެ.  ކައުން ސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭދޮށު މަސް ޕްލާންޓްތައް ތަރައްޤީކޮށް ހިންގުމަކީ އިޤްތިޞާދީގޮތުން ދިވެހި އިންވެސްޓަރުންނަށް ނަފާހުރި ވިޔަފާރިއެއްކަން ފާހަގަ ކުރައްވާ އަދި އެއީ ދިވެހި މަސްވެރިން ބާނާމަހަށް ރަނގަޅު އަގެއް ލިބިގެންދާނެ ކަމެއްކަމަށް ވެސް ޤަރާރުގައި ފާހަގަ ކުރައްވައިފައި ވެއެވެ.

ރަށްރަށުގައި ޤާއިމުކުރެވޭ މަސްބަންދުކުރާ ޕްލާންޓްތަކުގައި ބޭނުންކުރާނެ މެޝިނަރީ އާއި އިކުއިޕްމެންޓް (ޓެކްނޮލޮޖީ) ކަނޑައެޅުމާއި އެކަމަށް ބޭނުންވާ ބިން ރަށު ކައުންސިލްތަކުން ދޫކުރުމުގެ އުޞޫލުތައް ކަނޑައެޅުމަށް ޤަރާރުގައި ވަނީ ގޮވާލައްވައިފައެވެ. އަދި މިވިޔަފާރީގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ބައިވެރި ވެވޭނެ އުޞޫލުތަކެއް ކަނޑަ އެޅުމަށް ޤަރާރުގައި ގޮވާލައިފައި ވެއެވެ. މަސްވެރިންގެ އަތުން މަސްގަނެ، ޕްރޮސެސްކުރާނެ ގޭދޮށު މަސްޕްލާންޓް ތަރައްޤީކޮށް ހިންގުމަށް ފުރުޞަތު ހުޅުވާލުމަށް ކަމާބެހޭ ވުޒާރާއަށާއި ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކުރުމަށް ޤަރާގައި ބަޔާންކުރައްވައިފައި ވެއެވެ.

ބޭރުގެ ބޯޓް ފަހަރަށް މަސްވިއްކާ ޤަރާރުގައި މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް މަސްގަތުމުގެ ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް ދިވެހި މަސްވެރިން ބާނާ މަސް މެދުވެރިއެއް ނެތި ސީދާ ބޭރުގެ ފަރާތްތަކަށް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ބަޔާންކުރައްވައފައި ވެއެވެ. އެހެން ކަމުން އެކަމަށް ހުއްދަދިނުމަކީ މިހާރުން މިހާރަށް ކުރުން މުހިންމު ކަމެއްކަމަށް ޤަރާރުގައި ބަޔާންކުރައްވައިފައި ވެއެވެ. ބޭރުގެ ފަރާތްތަކުގެ އިތުރުން، ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް މަސްގަތުމުގެ ފުރުޞަތުދިނުމަށް ގޮވާލަމުން، ދިވެހި މަސްވެރިން އަތުން މަސް ގަތުމަށް ހަތަރު ފަރާތަކާއެކު ކުރެ ވިފައިވާ އެއްބަސްވުންތައް ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ބާތިލުކުރުމަށްވެސް ޤަރާރުގައި ގޮވާލައިފައި ވެއެވެ. ބޭރުގެ ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްގަތުމާ ގުޅޭ ގޮތުން އެނަލިސިސް ހަދައި، އެ ފަދަ ފަރާތްތައް ހުއްދަދިނުމަށާއި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެސް މަސްގަނެވޭނެ ގޮތަށް ބަލައި، އެ ފަރާތްތަކަށް ވެސް މަސްގަނެވޭނެ މަގު ފަހިކޮށްދިނުމަށް ވަނީ ގޮވާލައްވައިފައެވެ.

މަޖިލީހަށް ހުށަހެޅިގެން ދިޔަ ފަސްޤަރާރުގެ ތެރެއިން ކަންނެލި ޖަގަހަތައް ނުވަތަ އޮފްޝޯ ޕްލެޓްފޯމްތައް ހެދުމާ ބެހޭ ޤަރާރާބެހޭ ގޮތުން ކުރެއްވި ބަހުސްގައި، އެ ކަންނެލި ގަހަތައް ތަރައްޤީކުރެވޭނީ ފަސްތަރީގެ ރިސޯރޓް ފެންވަރުގައި ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ. ކަންނެލި ޖަގަހަތައް ޤާއިމް ކުރުމާބެހޭގޮތުން ހުށަހެޅިފައިވާ ޤަރާރާ ބެހޭގޮތުން ވާހަކަ ދެއްކެވި އެމެޑީޕީގެ މެމްބަރުން ވިދާޅުވީ ޕްލެޓް ފޯމްތަކުގެ މައިގަނޑު މަސައްކަތަކަށް ވާނީ މަސްގަނެ މަސް ޕްރޮސެސްކުރުން ކަމުގައިވިއަސް އެ ވިޔަފާރިއާއެކު އެތައް ބައިވަރު ވިޔަފާރިއެއް އެތަނުގައު ފުޅާ ވެގެންދާނެ ކަމުގައެވެ. އޮފްޝޯ ޕްލެޓުފޯމުތައް ޤާއިމް ކުރުމުގެ ވާހަކަ ދައްކަނީ އެއީ ކުރެވޭނެ ކަމެއްކަން ޔަޤީން ކުރުމަށްފަހު ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ ދިރާސާތައްކޮށް ކަމާބެހޭ ބޭރުގެ ތަޖުރިބާކާރުންނާއެކު މަޝްވަރާކޮށްފައިވާނެކަމަށްވެސް އެ މެމްބަރުން ވިދާޅުވިއެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޕްލެޓުފޯމުތައް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.