ސުޕްރީމް ކޯޓް ފަނޑިޔާރުންގެ ޢަދަދު 7 ށް ބަދަލުކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 7 ށް ބަދަލުކޮށް ކޯޓްތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅުނު ބިލް ޖުޑިޝަރީ ކޮމެޓީން ނިންމަވާ މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައިފިއެވެ. މިބިލްގައި އިޞްލާޙު ހުށަހަޅުއްވައިފައި ވަނީ ދިވެހި ރާއްޖޭގެ ކޯޓްތަކުގެ ޤާނޫނުގެ ފަސްވަނަ މާއްދާގައި ބުނާ ސުޕްރީމް ކޯޓް އެކުލެވިގެންވާ ގޮތަށެވެ. ގެނެވުނު އިސްލާޙުގައި ވާގޮތުން ސުޕްރީމް ކޯޓް އެކުލެވިގެންވާނީ، އުއްތަމަފަނޑިޔާރާއި އެކޯޓަށް އައްޔަން ކުރެވޭ ހަ ފަނޑިޔާރުންނާއެކު ޖުމުލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ.

ކޮމެޓީން ބިލް ނިންމެވިގޮތުގެ ރިޕޯރޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ޖުޑިޝަރީ ކޮމެޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ކޮމެޓީން ބިލް ދިރާސާ ކުރެއްވުމުގައި ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ ޢަދަދާމެދު ޚާއްޞަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގެ ޔައުމިއްޔާއާއި ފަސް ފަނޑިޔާރުންނަށް ސުޕްރީމް ކޯރޓްގެ ފަނޑިޔާރުންގެ ޢަދަދު ބަދަލުކުރުމަށް ކުރީގެ ރައްޔިތުންގެ މަޖިލީގައި ކުރެވުނު ބަހުސަތަކާ ގުޅޭ ޔައުމިއްޔާތައްވެސް ދިރާސާ ކުރައްވައިފައިވާކަމުގައެވެ.

ހަތް ފަނޑިޔާރުންނަކީ ކޯޓްތަކުގެ ޤާނޫނު ފުރަތަމަ އެކުލަވާލެއްވި އިރުވެސް ހިމެނޭ ޢަދަދެވެ. ފަސް ފަނޑިޔާރުންނަށް ޢަދަދު ބަދަލުކުރެއްވީ ޤާނޫނަށް ގެނައި އިސްލާޙަކުންނެވެ.

ބިލް ފާސްކޮށްފިނަމަ ދައުލަތަށް އުފުލަންޖެހިދާނެ މާލީ ބުރަޔަކަށްޓަކާ ފިނޭންސް މިނިސްރީން މަޢުލޫމާތު ސާފުކޮށް އެކަންކަމަށް ރިޢާޔަތް ކުރައްވައިފައި ވާނެކަމަށް ވެސް މުޤައްރިރު ވިދާޅުވިއެވެ.

ހެންވޭރުހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަތީފު ވިދާޅުވީ ބިލް ދިރާސާކުރެއްވުމުގައި ބިލް ޤާނޫނަކަށްވުމުން، ދައުލަތުން އުފުލަން ޖެހިދާނެ ބުރައަކަށްޓަކައި ފިނޭންސް މިނިސްޓްރީން ހޯއްދެވި މަޢުލޫމާތު ތަކުން ދެ ފަނޑިޔާރަށް އަހަރަކު 7.9 މިލިއަންރުފިޔާ ޖެހޭކަމަށެވެ. އެ ޢަދަދަކީ އިތުރަށް ވިސްނާ އެޚަރަދު އިތުރަށް ކުޑަ ކުރެވޭނެގޮތްތަކަކަށް ރިޢާޔަތް ކުރައްވަން ޖެހޭނެކަމެއްކަމަށް ދެކެވަޑައި ގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

ސްޕްރީމްކޯޓް ފަނޑިޔާރުންގެ ޢަދަދު 7 ށް ބަދަލުކުރުމަށް ކޯޓްތަކުގެ ޤާނޫނަށް ގެނައި އިސްލާޙަށް މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.