ބޭނުމަކީ އަޣުލަބިއްތު އޮތުމެއްނޫން، ކަންކަމަށް އެއްބާރުލުންދޭނެ މެމްބަރުން ތިބުން: ރައީސް

ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ސަރުކާރަށް އަޣުލަބިއްޔަތު އެބައޮތް ކަމަށާއި އެހެންނަމަވެސް ބޭނުންވަނީ ހަމައެކަނި އަޣުލަބިއްޔަތު ނޫން ކަމަށާ ބޭނުންވަނީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް އެއްބާރުލުންދީ އެހީތެރިވާނެ މެމްނަރުން ތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ދާއިރާތަކަށް ކުރިމަތި ލައްވައިފައިވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައްމަތިން އަދިވެސް ހަނދާން އެބަހުރި ކަމަށެވެ.

"އަޅުގަނޑު ހަމަގައިމުވެސް އެދުވަހު ރައްޔިތުންނަށްވީ ވަޢުދަކީ އަޅުގަނޑު މިޤައުމު އިސްލާޙު ކުރާނަމޭ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިހުރި ކޮރަޕްޝަނާއި ވައްކަންތައް ބަލައި އެ ވައްކަންކުރިބަޔަކު އެ ޚިޔާނާތްތެރިވި ބަޔަކު އިންސާފުގެ ކުރިމައްޗަށް އަޅުގަނޑު ގެނެސްދޭނަމޭ.  ނޭނގޭގޮތަށް މަރާލެވިފައިވާ ގެއްލުވަލެވިފައިވާ މީހުންގެ މަރުގެ ޙަގީގަތްތައް ހޯދައި އެކަންކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް އަޅުގަނޑު ގެނެސްދޭނަމޭ. އެވީ ވަޢުދާ އެއްގޮތަށް ޢަމަލުކުރަން އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފަށައިފިން،" ރައީސް ވިދާޅުވިއެވެ.

އެކަންތައްތައް ބަލައި ތަޙުޤީގުކުރެވޭނެ ދަޢުލަތުގެ މުޢައްސަސާތައް އެބަހުރި ކަމަށާއި އަދި ޝަރީޢަތް ކުރެވޭނެ ތަންތަން ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް މުޢައްސަސާއަކަށް ރައްޔިތުންގެ އިތުބާރެއް އޭރަކުއެއްނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ޚުދު އެމަނިކުފާނު ވެސް އެތަންތަނަށް އޭރު އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޖެހުނީ ޤާނުނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން އެކަންތައްތައް ބަލާނެ ކޮމިޝަންތައް ހަދަން. އެ ކޮމިޝަންތަކަށް ޤާނޫނީ ބާރު ހޯދައިދޭން އަޅުގަނޑު ބޭނުންވީ. އެހެން ކަމުން އެކޮމިޝަންތައް ހެދުމަށްފަހުގައި އެބާރު ހޯދުމަށްޓަކައި އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ބިލްތައް ފޮނުވިން. ބަލައިގެންފި. ކޮމިޓީއަށް ފޮނުވި. އަނބުރައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށްވެސް ގެނައި. އެއަށްފަހުގައި ދެން މިފެނުނީ އެއީ ޤާނޫނު އަސާސީއާ ޚިލާފު އެއްޗެކޭ އެއަކަށް ނެތޭ ވޯޓަށް އެހޭކަށެއް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު އޮތަސް އެވަރުން ފުދޭކަށްނެތް ކަމަށެވެ.

"އަޅުގަނޑު ހަމަގައިމުވެސް ރައްޔިތުންގެ މަޖިލީހުގައި ބޭނުންވަނީ ހަމައެކަނި ސަރުކާރަށް އަޣުލަބިއްޔަތު އޮތުމެއްނޫން. އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންތައްތައް ކުރުމަށް ތާއިދު ކުރާނެ އެއްބާރުލުންދޭނެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބެންވީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އަދި މިއީ ވަރަށް ވިސްނުންތެރިކަމާއެކީގައި ގޮތް ނިންމަންޖެހިފައިވާ އިންތިޚާބެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ވަރަށް ސާފު ކަމަށާއި ރައްޔިތުން އެދުވަހު ބޭނުންވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ކަމަށް ރައީސް އިބްރާހީމް ވިދާޅުވިއެވެ. އެދުވަހު ރައްޔިތުން ނިންމީ "ރައީސް ޔަމީނަށް ދެން ފުރުސަތެއް ނުދޭން. އަދި އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި ކަންތައްތައް ތަކުރާރުވިޔަ ނުދޭން. އެއީ އެސަރުކާރުގައި ހިނގާފައި ހުރި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ދެން ތަކުރާރުވިޔަ ނުދިނުމަށް ނިންމި ނިންމުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.