އަދީބު ފިލައިގެން ދިއުމަކީ ދައުލަތުގެ ދިފާޢީ ނިޒާމު މުރާޖާ ކުރަންޖެހޭ ކަމެއް: ސަލީމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޮޑެތި ތުޙުމަތުތަކެއް ކުރެވޭ ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބު ފިލައިގެން ދިއުމަކީ ދައުލަތުގެ ދިފާޢީ ނިޒާމާއި ފުލުހުންގެ ޚިދުމަތާއި އިންޓެލިޖެންސް ސާރވިސް މުރާޖާ ކުރަންޖެހޭ ކަމެއް ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޓަގުބޯޓެއްގައި ފިލައިގެން ގޮސްފައި ވަނިކޮށް ރާއްޖެ ގެނެވުނު ކުރީގެ ނާއިބްރައީސް އަޙަމަދު އަދީބް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ރޭ ނިންމެވި މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މިކަންހިނގައި ދިޔަގޮތް ބައްލަވައި ކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ޖެހޭނެކަމަށް ހޯރަފުށީ ދާއިރާގެ މެމްބްރ ވިދާޅުވިއެވެ. ރާއްޖޭގެ ކުރީގެ ނާއިބް ރައީސްކަން ކުރައްވައިފައިވާ އަދި ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގައިދިޔަ ވަރަށް ބޮޑެތި ވައްކަމާއި މަރުތަކާ ގުޅޭ މައްސަލަތަކުގައި ތުޙުމަތުކުރެވޭ ހައި ޕްރޮފައިލް ބޭފުޅަކު ކުއްލިއަކަށް މިގޮތަށް ގެއްލިގެން ދިއުމަކީ ދިފާޢީނިޒާމާއި އިންޓެލިޖެންސް ނިޒާމު އޮތްގޮތާ މެދު ވިސްނާ އެތަންތަން މުރާޖާކުރަންޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

"ކިހިނެއްތޯ މިގޮތަށް ކުއްލިއަކަށް އަޅުގަނޑުމެންގެ ތެރެއިން ގެއްލިގެންދާނީ؟ ޖެހިގެން އައި ދުވަހު ކޯޓަށް ވަޑައިގެންނެވުމަށް ވެސް އެމަނިކުފާނަށް ވަނީ ޗިޓެއްވެސް ފޮނުވިފައި. އެހުރިހާ ކަމެއް އެހެން އޮއްވާ ކުއްލިއަކަށް މަންޒަރުން ގެއްލިގެން ދިއުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާކަމެއް. ޕާސްޕޯރޓް ހިފަހަށްޓައިފައިވަނިކޮށް، ހައްޔަރު ކުރުމުގެ އަމުރަކަށްވެސް އެދިފައިވަނިކޮށް، އެހުރިހާ ކަމެއް ފޫފަޅައިގެން ގޮސް އެންމެފަހުން އެމަނިކުފާނު ރާއްޖެއިން ފިއްލަވައިވަޑައިގެންނެވީ. މީ ވަރަށް ސީރިއަސްކޮށް ބަލާ ރާއްޖޭގެ ދިފާޢީ ނިޒާމާއި ފުލުހުންގެ ޚިދުމަތާއި އިންޓެލިޖެންސް ސާރވިސްތައް ރިވިއުކޮށް މިކަމުގައި ހުރި މައްސަލަތައް ދެނެގަނެ މިކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމުގެ ސިގުނަލެއް" ހޯރަފުށީ ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ރޭ އަދީބު ދޫކޮށްލި މައްސަލައިގައި މަޖިލީހުގައި ބަހުސް ކޮށްފައިވާއިރު ކްރިމިނަލް ކޯޓްގެ އާ އަމުރެއްގެ ދަށުން މިއަދު ހެދުނު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބެވެ. މިމައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ފާސްކުރެއްވީ 34 މެމްބަރުންގެ އަޣްލަބިއްޔްތުންނެވެ.

ކުއްލި މައްސަލަ ހުށަހަޅަމުން ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ އަދީބަކީ ބޮޑެތި ތުޙުމަތުތަކެއް ކުރެވިފައިވާ ބޭފުޅަކަށްވެފައި އޭނާގެ ޕާސްޕޯރޓް ހިފަހަށްޓައިފައި ވަނިކޮށް ރާއްޖެއިން ފިލައިގެން ގޮސްފައިވަނިކޮށް ގެނެސް ހައްޔަރުގައި ބެހެއްޓުމަށް ކޯޓް އަމުރަކަށް އެދުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ކޯޓުން ނިނެމެވުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއްކަމުގައެވެ. އަދީބަކީ 1.3 ބިލިއަންރުފީޔާގެ ޚިޔާނަތާއި އެންމެ ބޮޑެތި ޖިނާޢީ ކުށްތަކުގެ ތުޙުމަތު ކުރެވޭ މީހަކަށް ވާއިރު އޭނާ ދޫވެފައި ހުރުމަކީ ކަންބޮޑުވާން ޖެހޭކަމެއްކަމަށް އިލްޔާސް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމް ވިދާޅުވީ އަދީބު ފިލާފާނެތީ ހުރިހާ މުއައްސަސާ އެއްގެ ސަމާލުކަމަށް އެކަން ގެނެސްފައިވަނިކޮށް، ފިލައިގެން އަދީބަށް އެހިސާބަށް ވަޑައިގަނެވުނީ ކިހިނެއްތޯ ސުވާލު އުފެދޭކަމަށެވެ. އެގޮތަށް އަދީބަށް ވަޑައިގެންނެވުނީ ކީއްވެ ކަން ބަލަން ޖެހޭ ކަމަށް މީކައިލް ވެސް ވިދާޅުވި އެވެ. މިކަމުން ސާފުވަނީ ޕޮލިސް އިންޓަލިޖެންސް ފެއިލްވެފައި އޮތް ކަން، ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބު ފިއްލަވައިގެން ވަޑައިގެންނެވި މައްސަލައިގައި ސުވާލު އުފައްދަވާ ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ، އަދީބަށް ފިއްލަވައިގެން ވަޑައިގެން އިންޑިއާގައި ޖެހުނީމާ އެއީ ކުޅޭ ޑްރާމާއެއްތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

ބަޔާނެއް ނެގުމަށް އަދީބުގެ ފުރާނައަށް ނުރައްކާ ވަރު ކުރާކަމަށް ލޯޔަރުން ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ޝިޔާމުގެ ވާހަކަފުޅުގައި ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ އަދީބަކީ ރައީސް ޔާމީންގެ ޝަރީޢަތަށް ހުށަހެޅިފައިވާ ހެކިތަކުގެ ތެރެއިން ހެއްކެއްކަމަށް ވާއިރު ވަކި ގޮތަކަށް އަދީބު ލައްވާ ބަޔާނެއް ނެގުމަށް މަސައްކަތްކުރާ ވާހަކަ ލޯޔަރުންގެ ފަރާތުން އިވެމުންދާތީ ކަންބޮޑުވެ ވަށޑައިގަންނަވާ ކަމުގައެވެ.

އަދީބު ފިއްލުވީ ކަމުގައިވިއަސް އަދި ފިލީ ކަމުގައިވިއަސް ހޯމްމިނިސްޓަރާއި ފުލުހުންގެ އިސްވެރިން ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.