ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން

(މި ލިޔުން މިއަދު ހެނދުނު ޝާއިއުކުރި އިރު ބައެއް ކުށް ހުރުމާއެކު މިހާރު މިވަނީ އިސްލާހުކޮށް އަލުން ޝާއިއުކޮށްފައެވެ.)

 މަތިވެރި ކުރެއްވުން

މާތްﷲއީ އެކަލާނގެއީ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި ، އޭގެ ތެރއިން އިރާދަ ކުރައްވައި އެއްޗެއް މާތް ކުރައްވައި، ޚިޔާރު ކުރައްވައި، ރަސްކަލާނގެއެވެ. އެކަލާނގެ ހަތް އުޑު ހައްދަވައި އޭގެ ތެރެއިން ހަތްވަނަ އުޑު ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ ސުވަރުގެތައް ހައްދަވައި ފިރްދައުސު ނަމަކަށް ކިޔުނު، ސުވަރުގެ ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ މަލާއިކަތުން ހައްދަވައި އެ ބޭކަލުންގެ ތެރެއިން ޖިބްރީލުގެފާނާއި ،މީކާއީލުގެފާނާއި، އިސްރާފީލުގެފާނު ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ އާދަމުގެ ދަރިން  ހައްދަވައި އޭގެ ތެރެއިން މުއުމިނުތަކުން ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ މުއުމިނުތަކުންގެ ތެރެއިން ނަބީބޭކަލުން ޚިޔާރު ކުރެއްވިއެވެ. ނަބީބޭކަލުންގެ ތެރެއިން ރަސޫލު ބޭކަލުން ، ރަސޫލު ބޭކަލުންގެ ތެރެއިން އުލުލްޢަޒްމުން ޚިޔާރު ކުރެއްވިއެވެ. އުލުލްޢަޒްމުންގެ ތެރެއިން ދެ ޚަލީލުން (ދެ މިތުރުން ) ޚިޔާރު ކުރެއްވިއެވެ.  މި ދެ ޚަލީލުންގެ ތެރެއިން محمد صلى الله عليه وسلم ޚިޔާރު ކުރެއްވިއެވެ.

އެންމެ މާތް ދުވަސްތައް

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި އަންނަ ދަލީލުތަކުން އެ ކަން އެނގެއެވެ.

1- މާތް ﷲ ވަޙީ ކުރެއްވިއެވެ.  " وَ ٱلْفَجْرِ وَلَيَالٍ عَشْرٍ [1] - ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ. " އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ.

2- ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ " وَيَذْكُرُوا۟ ٱسْمَ ٱللَّـهِ فِىٓ أَيَّامٍ مَّعْلُومَـٰتٍ [2] - އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ. "   މާތް ﷲ ރުއްސުންލެއްވި އިބް ޢައްބާސް ވިދާޅުވާ ގޮތުގައި " ކަޑައެޅި އެނގިގެންވާ ދުވަސްތަކަކީ"  ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.

3- "  މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ބުޚާރީ ރިވާކުރެއްވިއެވެ. ރަސޫލުﷲ - صلى الله عليه وسلم -  ޙަދީޘް ކުރެއްވިއެވެ. " مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ  ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ [3] – މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ.  އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު  އެބުރި ނައި މީހާ ފިޔަވައެވެ. "

4- މާތް ﷲ އެ  ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ - صلى الله عليه وسلم -  ޙަދީޘް ކުރެއްވިއެވެ.  " مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ وَلَا أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَأَكْثِرُوا فِيهِنَّ مِنْ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ [4] - މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ އަދި ﷲގެ ޙަޟްރަތުގައި މާތްކަން ބޮޑުވެގެންވާ  ދުވަސްތަކެއް ނުވެއެވެ.  ފެހެ ، ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހްލީލު ކިޔުމާއި، ތަކްބީރު ކިޔުމާއި، ޙަމްދުކުރުން ގިނަކުރާށެވެ! "

5- މާތްﷲ ރުއްސުން ލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނު އަރިހުން ރިވާ ވެގެންވެއެވެ. ރަސޫލުﷲ  صلى االه عليه وسلم ޙަދީޘް ކުރެއްވިއެވެ." إِنَّ الْعَشْرَ عَشْرُ الْأَضْحَى وَالْوَتْرَ يَوْمُ عَرَفَةَ وَالشَّفْعَ يَوْمُ النَّحْرِ[5] - ހަމަކަށަވަރުން ދިހަ ދުވަހަކީ އަޟްޙާގެ ދިހަ ދުވަހެވެ.ވަތުރަކީ ޢަރަފާތު ދުވަހެވެ. ޝަފްޢަކީ ބޮޑު ޢީދު ދުވަހެވެ.

6- އިބްނު ޙަޖަރު  "އަލް ފަތުޙު " ގައި ވިދާޅުވިއެވެ. "  ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް  މާތްވުމުގެ ސަބަބަކީ ،  އެ ދުވަސްތަކުގައި އެންމެހައި ބޮޑެތި އަޅުކަންތައް ޖަމާވެފައިވާތީއެވެ. ނަމާދު ކުރުމާއި، ރޯދަ ހިފުމާއި ، ޞަދަޤާތް ދިނުމާއި ، ޙައްޖުވުން ފަދަ ޢިބާދާތުގެ މުހިއްމު އަޅުކަންތައް  އެހެން ދުވަސްތަކެއްގައި ޝާމިލުވެފައެއް ނުވެއެވެ.

7- އެންމެ ބޮޑެތި ޢިލްމު ވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އެންމެ މާތް ރޭތަކަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކެވެ.

ދިހަ ދުވަހުގައި ކުރެވެން ހުރި ޞާލިޙު ޢަމަލުތައް

މި ދުވަސްތަކުގައި ކުރެވެން އޮތް ޞާލިޙު ޢަމަލުތައް ވަރަށް ގިނައެވެ. ޢިލްމު ވެރިން ފާހަގަ ކުރައްވާ ބައެއް ކަންތައްތަކަކީ :-

1-  ރޯދަ ހިފުން :  ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ. " އެކަލޭގެފާނު ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. [6]"  މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީން ޙަފްޞަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. " ރަސޫލާ صلى الله عليه وسلم  ތިން ކަމެއް ދޫކޮށްނުލައްވައި ކުރެއްވިއެވެ. އެއީ ޙައްޖު މަހުގެ ދިހަ ދުވަހު ރޯދަފުޅު ހިއްޕެވުމާއި ،  ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވުމާއި ، ޟޫޙާގެ ދެ ރަކްޢަތް ކުރެއްވުމެވެ. " [7] މި ރޯދަ ހިފަން ފަށާނީ ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި ނުވަ ދުވަހުގެ ތެރޭގައި ކުޅަދާނަވެގެންވީ މިންވަރަކަށް ޯދަ ހިފާނީއެވެ. ހުރިހާ ދުވަހަކުހިފުން ލާޒިމުވެގެން ނުވެއެވެ. ދެދުވަހުން ދެދުވަހުން ވިޔަސް ވީހާ ގިނައިން ހިފތޯ މަސައްކަތް ކުރުން ހުށްޓެވެ.

2- ޢަރަފާތު ދުވަހު ރޯދަ ހިފުން : އެ ދުވަހަކީ ރަސޫލާގެ ސުންނަތުން ކަށަވަރުކޮށް ސާބިތުވެފައިވާ ދުވަހެކެވެ. އެކަމަކު  އެ ދުވަހުރޯދަ ހިފުން ސުންނަތް ވާނީ ޙައްޖުގެ ފަރީޟާ އަދާނުކުރާ މީހުންނަށެވެ. އެ ދުވަހު ރޯދަ ހިފުމަކީ ފާއިތުވެދިޔައަހަރާއި ކުރިއަށް އޮތް އަހަރުގައި ކުރެވޭ ކުދި ފާފަތައް ފުއްސަވާ ދެއްވާނެ ކަމެއް ކަމަށް ރަސޫލާ  صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. " سُئِلَ عَنْ صِيَامِ يَوْمِ عَرَفَةَ فَقَالَ :« يُكَفِّرُ سَنَتَيْنِ سَنَةً مَاضِيَةً وَسَنَةً مُسْتَقْبَلَةً [8] - ޢަރަފާތު ދުވަހު ރޯދަހިފުމަ ބެހޭގޮތުން ސުވާލު ދެންނއވުމުން ޙަދީސް ކުރެއްވިއެވެ. އެއީ ވޭތުވެދިޔާ އަހަރާއި ކުރިއަށް އަހަރުގެ ފާފަތައް ފުއްސަވާނެ ކަމެކެވެ. " މާތް ﷲ ރުއްސުންލެއްވި ޢާލީ ބުނު އަޞި ޠާލިބު ޢަރަފާތު ދުވަހު ރޯދަފުޅު ހިއްޕަވައި އެ ދުވަހު ރޯދަހިފިުމުގެ މާތްކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު "ތިމަންކަމަނާގެ އަރިހުގައި ޢަރަފާތު ދުވަހަށްވުރެ ރޯދަހިފުން ލޮބުވެތިވެގެންވާ އެހެން ދުވަހެއް ނުވެއެވެ. "މާތް ﷲ ރުއްސުންލެއްވި ޢުޘްމާނު ބުނު ޢައްފާނަކީ ޢަރަފާތު ދުވަހު ރޯދަފުޅު ހިއްޕެވި ބޭކަލެކެވެ.  އިބްނު ޢުމަރަށް އެ ދުވަހު ރޯދަ ހިފުމާ ބެހޭގޮތުން ދެންނެވުނު ސުވާލުގެ ޖަވާުގައި ވިދާޅުވިއެވެ. " އެއީ ރޯދަ ހިފުން އެންމެ އަވްލާވެގެންވާ ދުވަހެވެ. "

3- ނަމާދު ކުރުން : މި ދުވަސްތަކުގައި ފަރްޟު ނަމާދުތައް އެ ނަމާދުތަކުގެ ވަގުތުގައި  ކުރުމަށް އަވަސްވެ ގަތުމާއި ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރުމަކީ ސުންނަތްވެގެންވާ  ކަމެކެވެ. ޚާޢްޞަ ގޮތެއްގައި ދަމު ނަމާދު ކުރުމަށް ސަމާލުކަން ދިނުން މުސްތަޙައްބު ވެގެން ވެއެވެ.

4- ތަކްބީރު ކިޔުމާއި ތަހްލީލު ކިޔުމާއި ޙަމްދުކުރުން : މަތީގައި އިސްވެ ބަޔާން ކުރި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވާ ޙަދީސުން މިއީ ސުންނަތް ކަމެއް ކަން އެނގެއެވެ. އަލްއިމާމުލް ބުޚާރީ ވިދާޅޫވާ ގޮތުގައި  އިބްނު ޢުމަރާއި އަބޫ ހުރައިރަތުގެފާނު މި ދުވަސްތަކުގައި ބާޒާރަށް ވަޑައިގެން ތަކްބީރު ވިދާޅވިއެވެ. އަދި އެ ދެބޭކަލުންނާއެކު މީސްތަކުން ވެސް ތަކްބީރު ކިޔާ އުޅުނޫއެވެ. އެ ދުވަސްތަކު އިބްނު ޢުމަރު މިނާގައްޔާއި ދާންކޮޅުމަތީގައްޔާއި ފޭލުގެކޮޅުތެރޭގައްޔާއި މަޖިލިސްތަކުގައްޔާއި މަގުމަތީގައި ހިންގަވާއިރު ތަކްބީރު ވިދާޅުވިއެވެ.

5- ތައުބާވެ އުރެދުންތަކާ ދުރުހެލިވުން : ކުރެވޭ ހެޔޮ ޢަމަލުތައް ޤަބޫލު ކުރެއްވުން އޮތީ ތައުބާވެ އުރެދުންތަކާ ދުރުހެލިވެވުނު މިންވަރެއްގެ މަތީގައެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި ﷲގެ ޙަޟްރަތާ ފޭވެވެނީ އުރެދުންތަކުގެ ސަބަބުނމުސްލިމުންނަކީ އެމީހުންގެ ޢަމަލުތަކާއި، ވަގުތުތަކުގައި، ﷲގެ ބަރަކާތާއި ފުއްސެވުމާއި ،ރުއްސެވުމުގެ ތެރޭގައި އުޅޭ ބަޔެކެވެ. ކުރާ ޢަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު ޢަމަލަކީ ﷲއަށް ކިޔަމަން ގަނެ ، ﷲގެ ޠާޢާތުގައި ކުރާ  އަމަލުތަކާއި ހޭދަ ކުރާ ވަގުތުތަކެވެ. މާތް ﷲ ވަޙީ ކުރައްވަނީ " مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا [9] - ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. " ﷲއަށް ކިޔަމަންގަތުމަކީ ފާފައިން ޠާހިރުވުމެއް ވެސް މެއެވެ. ނަމާދު ކުރުމަކީ ކުށްފާފަތަކުން ޠާހިރު ވުމެކެވެ. ރޯދައަކީ ކުށް ފާފަތަކުން ޠާހިރުވުމެކެވެ. ޒަކާތް ދިނުމަކީ ކުށް ފާފަތަކުން ޠާހިރުވުމެކެވެ.  ހަމަ އެ ފަދައިން ޙައްޖު ވުމަކީ ވެސް ފާފަތައް ފުއްސަވާ ދެއްވާ އަޅުކަމެކެވެ. މިހުރިހާ އަޅުކަންތަކެއްމި ދިހަ ދުވަހުގެ ތެރޭގައި ހިމެނެއެވެ.

6- ﷲއަށް ޛިކްރު ކުރުން :  ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބަހަކީ ޛިކްރެވެ.  އެއީ ދުނިޔެއާއި އާޚިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނެ ކަމެކެވެ. ޛިކްރު ކުރާ މީހާ ކުފްރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި،  ނަރަކައިގެ ގިނި ހިލަތަކުގެ ފިހުމުން ރައްކައުތެރިކޮށް ދެއްވާނެއެވެ. ﷲއަށް ޛިކްރު ކުރާ މީހާގެ މައްޗަށް ﷲގެ ރަޙްމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެތެވެ . އެއީ މުއުމިނާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. މާތްﷲ ފަރްޟު ކުރެއްވި އެންމެހާ އަޅުކަންތަކާ  ޛިކްރު ކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވެއެވެ.

7- އުޟްޙިޔާ ކަތިލުން : ޢީދު ދުވަހު ޢީދު ނަމާދަށް ފަހު އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.  ޙަނަފީ މަޒްހަބުގައި އެއީ ވާޖިބު ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ރަސޫލުﷲގެފާނު  ޢިދު ދުވަހު ދެ ކަންބަޅި ކަތިލެއްވިއެވެ. އުޟްޙިޔާ ކަތިލުމަށްފަހު އޭގެ މަސް ތިންބައިކޮށްފައި އެއްބައި ފަޤީރުންނަށް ޞަދަޤާތް ކުރާނީއެވެ. އަނެއް ބައި ދޭނީ ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރީންނަށެވެ. އަނެއްބައި  ތިމާއަށެވެ. ޙަނަފީން ވިދާޅުވާ ގޮތުގައި ރަނގަޅި ބޮޑުބައި ޞަދަޤާތް ކުރުމެވެ.


[1] - الفجر : 1-2
[2]  - الحج :  28
[3]  - رواه الترمذى وصححه الألبانى
[4]  - رواه أحمد
[5] - رواه أحمد
[6] - رواه البيهقى وأحمد
[7]  - رواه النسائى . ޙައްޖުމަހުގެ ދިހަދުވަހުގެ މުރާދަކީ އެ މަހުގެ ފުރަތަމަ ނުވަ ދުވަހެވެ. ދިހަވަނަ ދުވަހަކީ ޢީދު ދުވަސްކަމުން އެ ދުވަހު ރޯދައެއް ނުހިފޭނެއެވެ. ކޮންމެ މަހެއްގެ ތިން ދުވަހަކީހަނދުމަހުގެ 13، 14އަދި 15  ވަނަ ދުވަހެވެ.
[8]  -  رواه البيهقى
[9] - الأنعام : 160

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.