ޙައްޖަކީ ޙައްޖާޖީންނަށް އުނދަގޫ ކުރުމަށް ޓަކައި ސިޔާސީ ޝިޢާރުތައް އުފުލޭ ސިޔާސީ ސިންތާއެއް ނޫން - އަލްޢުޘައިމީން

ޙައްޖަކީ އީމާންކަމުގެ ބައްދަލުވުމެއް ކަމަށާއި އެއީ ސިޔާސީ ޝިޢާރުތައް އުފުލުމަށް އޮތް ސިންތާއެއް ނޫންކަމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ އަމީން ޢާއްމު ޑރ. ޔޫސުފު ބިން އަޙްމަދުލް ޢުޘައިމީން ވިދާޅުވެއްޖެއެވެ.

އޭނާ ސަޢުދީ ޢަރަބިއްޔާގެ ނޫސް އޭޖެންސީއަށް ދެއްވި ބަޔާނެއްގައި، ކަށަވަރުކޮށް ދެއްވި ގޮތުގައި މިފަދަ ޢަމަލުތަކުގެ ސަބަބުން ޙައްޖާޖީންނަށް ކުރިމަތިލަންޖެހޭ އުނދަގޫތައް ވަރަށް ގިނައެވެ. އޭނާ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކަށާއި އިސްލާމީ މުޖްތަމަޢުތަކުގެ ޙައްޖާޖީންނަށް  ސަޢޫދީ ސަރުކާރާއެކު އެއްބާރުލުމަށް ގޮވައިލެއްވިއެވެ. އަދި ޙައްޖުވެރިންނަށް ޓަކައި ސަޢޫދީ ސަރުކާރުން ޤާއިމުކޮށްފައިވާ ޚިދްމަތްތަކާއި ލުއިފަސޭހަތަކުގެ ބޭނުން ހެޔޮ ގޮތުގައި ކުރުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި 1408 ހ ވަނައަހަރު އުރްދުންގެ ވެރިރަށް ޢައްމާނުގައި ބޭއްވުނު އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމެވުންތަކަށް ހުރިހާ އިސްލާމީ ޤައުމުތަކަކުންނާއި އިސްލާމީ މުޖްތަމަޢުތަކުން ޢަމަލު ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

މި ނިންމުންތައް ބުނާގޮތުގައި ސަޢޫދީ ސަރުކާރުން ޙައްޖާޖީންނަށް ޚިދްމަތް ދިނުމަށާއި އެމީހުންނަށް ބޭނުންވާ އަމްނާއި އަމާންކަން ޖާމިނުކޮށް ދިނުމަށާއި ދެ ޙަރަމުފުޅު ގަސްތުކޮށްގެން އަންނަ މީހުންނަށް ހަމަހިމޭންކަމާއި ހިތްހަމަޖެހުން މަތީގައި މަނާސިކުތައް އަދާކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމަކީ ސަޢޫދީ ސަރުކާރުން ވަރަށް ދަހިވެތިވެ އެކަންކަމަށް ސަމާލުކަން ދޭ ކަންތައްތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި، ޙައްޖާޖީންގެ ތެރެއިން އެއްވެސް ބަޔަކު ޙައްޖުގެ މަނާސިކުތަކުގެ ތެރޭގައި ސިޔާސީ ނުވަތަ މަޒްހަބީ އެއްވެސް ޝިޢާރެއް ފާޅުކޮށް އެހެން ޙައްޖާޖީންނާއި މުޢުތަމަރީންގެ ހަމަހިމޭންކަން ކިލަނބުވެދާނެ  ކަމެއް ކުރުމަށް ސަޢޫދީ ސަރުކާރުން ޖާގައެއް ނުދޭނެއެވެ. އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ އަމީނު ޢާއްމު އަލްޢުޘައިމީން ޙައްޖުވެރީންނަށާއި މުޢުތަމިރީންނަށް  ގޮވައިލެއްވީ ﷲ ސުބްޙާނަހޫ ވަ ތާޢަލާ ޝަރްޢު ކުރައްވާފައިވާ ގޮތަށް އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށްދެއްވާފައިވާ ގޮތަށް މަނާސިކުތައް އަދާކުރުމަށް ވަގުތު ހުސްކޮށްލުމަށެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.