ފަރުޟު ހައްޖުވުމަށް ދައްކަންޖެހޭ ފައިސާގެ 80 އިންސައްތަ ޕެންޝަން ފަންޑުން ދެއްކޭ ގޮތަށް ޤާނޫނު އިސްލާހު ކޮށްފި

ފަރުޟު ހައްޖުވުމަށް ދައްކަންޖެހޭ ފައިސާގެ 80 އިންސައްތަ ޕެންޝަން ފަންޑުން ދެއްކޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނު ޢިސްލާޙު ކުރައްވައިފިއެވެ. ކެނދިކުޅުދޫ ދައިރާގެ މެމްބަރ އަޙަމަދު ޢީސާ މަޖިލީހަަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ދިރާސާކޮށް އިއްޔެ ވަނީ ފާސް ކުރައްވައިފައެވެ. ބިލް ފާސްކުރެއްވީ 70 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

އިޖްތިމާޢީ ކޮމެޓިން ބިލް ދިރާސާ ކުރެއްވި ނަމަވެސް ބިލަށް އިތުރު އިޞްލާހެއް ނުގެނެއެވެ. އެހެންކަމުން ބިލް ފާސްވީ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ގޮތަށެވެ. ނަމަވެސް ބިލް ދިރާސާ ކުރުމުގައި ފާހަގަ ކުރެވުނު ކަންތައްތަކަށް ރިޢާޔަތް ކުރައްވާ ކޮމެޓީގެ ރިޕޯރޓްގައި ހަ ރެކޮމެންޑޭޝަންތަކެއް ވަނީ ހުށަހަޅުއްވައި ފައެވެ.

ފުރަތަ ރެކޮމަންޑޭޝަނެއްގެ ގޮތުގައި ކޮމެޓީ ރިޕޯރޓްގައި ވަނީ ޕެންޝަނާ ބެހޭ ޤާނޫނުގެ މަޤްޞަދު ނުގެއްލޭ ގޮތަށް އެޤާނޫނު އޮތުމަކީ މުހިންމު ކަމަކަމަށެވެ. އެ ޤާނޫނުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ، ވާޒީފާ އަދާކުރާ ހުރިހާ ދިވެހިންނަށް ރިޓެޔަރކުރާ ޢުމުރުގައި ޕެންޝަން ލިބޭނެ ގޮތް މަގުފަހިކޮށް ދިނުމާއި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް ފުދުންތެރި އަދި މާލީ ގޮތުން ވަކިފަރާތަކަށް ބަރޯސާ ނުވެ، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ދެވަނަ ރެކޮމެންޑޭޝަނަކީ ޙައްޖުވުމުގެ އަގު ދެއްކުމަށް ފައިސާ ޖަމާކުރާނެ ޝަރުޢީ ހަމަތަކަށް ފެތޭ ވޮލަންޓްރީ ސްކީމެއް، މޯލްޑިވްސް ރިޓެޔަރމަންޓަ ޕެންޝަން ސްކީމްގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގުމެވެ.

ތިންވަނަ ރެކޮމެންޑޭޝަނަކީ ރިޓެޔަރމަންޓް ޕެންޝަން ސްކީމްގެ މެމްބަރުން އިޚްތިޔާރުކުރާ ހައްޖަށް ގެންދިއުމުގެ ޚިދުމަތްދޭ ފަރާތްތަކަށް  ޖަމާކުރެވޭ ފައިސާ ދޫކުރުމެވެ. 

ހަތަރު ވަނަ ރެކޮމެންޑޭޝަނަކީ ހައްޖުގެ ވުމުގެ އަގު ދެއްކުމަށް ރިޓެޔަރމަންޓް ސޭވިންގ އެކައުންޓް ފައިސާ ދޫކުރާ ގޮތަށް މިހާރު ޤާނޫނުގައި ކަނޑައަޅައިފައިވާ މާއްދާތައް ބާޠިލްވާނެ އިންތިޤާލީ މުއްދަތެއް ކަނޑައެޅުމެވެ.

ފަސްވަނަ ރެކޮމެންޑޭޝަނަކީ ޙައްޖުވުމުގެ އަގުގެ 80 ޕަސަންޓު ދޫކުރުމަށް ޝަރުތު ހަމަވާނީ މަދުވެގެން 420000 ރުފިޔާގެ ބެލެންސް ހުރުމުން ކަމަށް ކަނޑައެޅުމެވެ. އެ މިންވަރަށް 3600 އަށް ވުރެ ގިނަ މީހުންގެ ރިޓެޔަރމަންޓް ސޭވިންގ އެކައުންޓްގައި ފައިސާ ޖަމާވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ހަވަނަ ރެކޮމެންޑޭޝަނަކީ ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ތަޢާރަފްކޮށްފައިވާ ޙައްޖަށް ދިއުމުގެ ސްކީމްތަކުގެ ދަށުން ދިވެހިންނަށް ފަސޭހައިން ހައްޖަށް ދިއުމުގެ މަގު ތަނަވަސް ވަފައި އޮތުމަކީ މުހިންމު ކަމެއްކަމެވެ. އެގޮތުން ވަޒީފާ އަދާކުރާ އެކިއެކި ގިންތީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޙައްޖަށް ދިއުމުގެ ސްކީމްތަކެއް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފް ކުރެވިގެން ދިއުމުން، ޤާނޫނަށް ގެނެވުނު އިޞްލާޙަށް ލުޔެއް ލިބިގެންދާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.