ފާނޫޒު - 25

(26 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެންމެ ރަނގަޅު. އަހަރެން ކަލެއަށް އެހީވާނަން. ކޮށްނުދޭކަށް ނޫން. އެކަމަކު ކަލޭ އަދި ވިސްނައިލަން ރަނގަޅު. ކުރަން ތިއުޅެނީ ވަރަށް ނުރައްކާތެރި ކަމެއް." ހީވަނީ ހަސަން ހަތިޔާރު ބެހެއްޓީހެންނެވެ.

"އަހަރެން ވިސްނައިފިން. އަހަންނަށް އެކަން އޮންނަ ގޮތް ކިޔައިދީ." ސާލާރް އިނީ މިހާރު ހަމަޖެހިފައެވެ.

"އަދި އެބައޮތް އެއް ވާހަކަ. ކަލޭގެ މައިންބަފައިންނަށް އެނގިއްޖެއްޔާ؟"

"ނޭނގޭނެ. އެ މީހުންވީ ކަރާޗީގަ. ދުވަސްކޮޅެއް ވަންދެން އުޅޭނީ އެކޮޅުގަ. އެ މީހުން ތިބި ނަމަ މިކަން އެހައި ފަސޭހައެއް ނުވާނެ." ސާލާރް ބެލީ އޭނާ ރުޅި ނާރުވައި ވޭތޯއެވެ. އެ މީހުން ސައި ބޮމުން ވާހަކަ ދައްކަމުން ދިިޔައެވެ. ހަސަންގެ ސިކުނޑީގައި އެނބުރެނީ އެހެން ކަމެކެވެ. ސާލާރް އެކަމަކާ ނުވިސްނައެވެ. ހަސަން ވިސްނަނީ އެކަންތައް ކުރަން ބޭނުންކުރާނެ މޮޅު އުކުޅެކެވެ. ހަސަންގެ މައްޗަށް ސާލާރުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.

***

ހަސަން ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ރާވައިފިއެވެ. ސާލާރް އޭނާއަށް ލާރިކޮޅެއް ދިނެވެ. ހަސަން ތިން ހެކިވެރިން ހަމަޖެއްސިއެވެ. ހަތަރުވަނަ ހެކިވެރިޔަކީ އޭނާއެވެ. ކާވެނި ރަޖިސްޓްރާ އަށް ޝައްކު އުފެދޭ ކަންކަން މި ކާވެނީގައި ހުއްޓެވެ. އެކަމަކު އޭނާ އަށް ބޮޑު ފީ އެއް ދިނުމުގެ އިތުރުން އިންޒާރެއް ވެސް ދިނެވެ. އެހެންކަމުން ކާވެނިކޮށްދޭން އޭނާ އެއްބަސްވިއެވެ.

ރަޖިސްޓްރާ އާއި ހެކިވެރީން ގޮވައިގެން ހަސަން އައި އިރު ހަވީރު ވަނީއެވެ. އައި ގޮތަށް އެ މީހުން ދިޔައީ ސާލާރްގެ ކޮޓަރިއަށެވެ. ގޮސް ކާވެނި ފޯމުތައް ފުރިއެވެ. ސާލާރް އޮތީ އިމާމާއަށް ހުރިހާ ވާހަކައެއް ކިޔައދީފައެވެ. ކަނޑައެޅިފައިވާ ވަގުތު ފޯނުން ކާވެނީގެ ކޮންޓްރެކްޓް އިއްވިއެވެ. ނާސިރާ (ނޯކަރުގެ ދަރިފުޅު) އަތަށް ދީފައި ކާވެނި ފޯމުގަ ސޮއި ކުރުވަން އިމާމާގެ އަތަށް ފޮނުވިއެވެ. ފޯމުތައް ގެނައުމާއެކު އަވަސްއަވަހަށް އޭނާ ސޮއި ކުރިއެވެ. ނާސިރާ ފޯމުތައް ގެނެސް ސާލާރް އަތަށް ދީފިއެވެ. އެކަމަކު ވެގެން އުޅޭ ގޮތެއް ނޭނގިގެން އޭނާގެ ބޯ ފަޅައިގެން ދަނީއެވެ. ސާލާރްގެ ކޮޓަރީގައި ތިބީ ކޮން ބައެއް ބާވައެވެ؟ އިމާމާ ސޮއިކުރީ ކޮން ފޯމެއްގައި ހެއްޔެވެ؟

ސާލާރްގެ ކޮޓަރީގައި އޭނާ އާ އިމާމާގެ ކާވެނި ކުރެވުނު ކަމަށް ނާސިރާއަށް ޝައްކުވިއެވެ. ނަަމަވެސް ވެގެން އުޅޭ ގޮތެއް ޔަގީންކުރަން އޭނާ ޝައުގުވެރިވިއެވެ. ސާލާރް އަތަށް ފޯމުތައް ދިއްކޮށްލަމުން އޭނާ އަދަބުވެރިކަމާއެކު އެހިއެވެ. "ސާލާރް ސާހިބް، މިއީ ކޮން ފޯމުތަކެއް؟"

"ކަލޭ ބަލަން ޖެހޭ ކަމެއްތަ އެއީ؟ ތިމާއާ ނުބެހޭ ކަންތަކާ ނުބެހި ހުރޭ." ވަރަށް ހަރުކަށި ރާގަކަށް އޭނާ ބުންޏެވެ. "އަދި ހަނދާން ކުރާތި، މި ވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި. އަނގަ މަޑުން ލައިގެން ހުރިއްޔާ ކަލެއަށް ވެސް ރަނގަޅުވާނީ." އޭނާ ނާސިރާއަަށް އިންޒާރު ދިނެވެ.

"އަހަރެން ކީއްވެ އެ ވާހަކަ ދައްކަންވީ؟ އަހަރެން ހަމަ އަހާލީ. އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް އެކައްޗެއް ވެސް ނޭނގޭނެ." އޭނާ ޔަގީންކަން ދިނެވެ. ސާލާރް އަކީ ވަރަށް ރުޅިގަދަ ކުއްޖެކެވެ. އެހެންކަމުން އޭނާ ސާލާރް ދެކެ ޖެހިލުންވެއެވެ. ސާލާރް އޭނާއަށް ކޮޓަރިން ނުކުންނަން އިޝާރާތް ކުރިއެވެ. އޭނާ އެހެން މީހުން ގާތު ބުނެފާނެތީ ސާލާރް ކަންބޮޑެއް ނުވެއެވެ. ބުންޏަސް އޭނާގެ މައްސަލައެއް ވެސް ނެތެވެ.

***

"އަދި އެއްފަހަރު ޖަލާލް އާ ބައްދަލުކުރޭ، ހެޔޮ ނުވާނެ." އިމާމާ ފޯނުން ސާލާރަށް އާދޭސްކުރަނީއެވެ.

ސާލާރް ރުޅި އައެވެ. "އިމާމާ. އިމާމާ އާ އިންނާނަކަށް އޭނާ ބޭނުމެއް ނުވޭ. އެ ވާހަކަ މިހާރު އެތައް ފަހަރަކު ބުނެފި. އޭނައާ އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަން ނުވިސްނިގެން ތިއުޅެނީ ކީއްވެ؟ އޭނަގެ މަައިންބަފައިން އޭނަގެ ކާވެނީގެ ކަންތައް ހަމަޖައްސާ ވާހަކަ އޭނާ ބުނި..."

"އެއީ ހުސް ދޮގު." ސާލާރް ގެ ވާހަކަ ނުނިމެނީސް އިމާމާ ބުންޏެވެ. "އެއީ އަހަރެން އޭނައަށް ގުޅާފާނެތީ ބުނި ވާހަކައެއް. އެހައި އަަވަހަށް އޭނަގެ ކާވެނި ހަމައެއް ނުޖެއްސޭނެ."

"އޭނަ އިމާމާ އާ އިންނަން ބޭނުން ނުވަންޏާ، އިމާމާ އާ ވާހަކަ ދައްކަން ބޭނުން ނުވަންޏާ ވަގުތު ބޭކާރުކުރަނީ ކީއްކުރަން؟"

"އެއީ އަހަރެންގެ ތަގްދީރްގައި ލިޔެވިފައި އޮތް ގޮތް." އިމާމާ ރޮނީއެވެ.

"އޭގެ މާނައަކީ ކޮބާ؟"

"އޭގެ މާނައެއް ސާލާރަކަށް ނުވިސްނޭނެ. އެ ރަށަށް ގޮސް އޭނާ ގާތު ބުނޭ އަހަންނަށް އެހީތެރިވެދޭށޭ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް އަށް އޭނާގެ ހިތުގައި ޚާއްޞަ ގަދަރެއް އޮވޭ. ބުނޭ ރަސޫލާއަށް ޓަކައި އަހަންނާ އިންނާށޭ." އިމާމާ ގިސްލަގިސްލާފައި ރޮނީއެވެ.

އިމާމާގެ ލޮލުން ފައިބަމުންދާ ކަރުނައިން ސާލާރަށް އެއްވެސް އަސަރެއް ނުކުރެއެވެ. "ތީ މިހާރު ކޮން މަޮޔަ ވާހަކައެއް؟ އެހެން ބުނެގެން އޭނަ އިމާމާ އާ އިންނާނެތަ؟" އިމާމާ ޖަވާބެއް ނުދެއެވެ. ގިސްލަގިސްލާފައި ރޮނީއެވެ. "ރޮންޏާ ރޮއި، އެހެން ނޫނީ އަހަންނާ ރަނގަޅަށް ވާހަކަ ދައްކާ."

އިމާމާ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމާއެކު ސާލާރް ގުޅިއެވެ. އޭނާ ފޯނަށް ޖަވާބެއް ނުދިނެވެ. ވިއްސަކަށް މިނެޓު ފަހުން އިމާމާ އަނެއްކާ ވެސް ގުޅިއެވެ.

"ނުރޯނެކަމަށް ވައުދުވޭ، އަހަރެން ވާހަކަ ދައްކާނީ އޭރުން. އެހެންނޫނީ ފޯނު ބައްވާ." އިމާމާގެ އަޑު އިވުމާއެކު ސާލާރް ބުންޏެވެ.

އެ ވާހަކައަށް އެއްޗެއް ނުބުނެ އިމާމާ ކުރީ ސުވާލެކެވެ. "ދާނަންތަ ލާހޯރަށް؟" އޭނާގެ ސާބިތުކަމާ ހެދި ސާލާރް އަންތަރީސް ވިއެވެ. އޭނާގެ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

"އެންމެ ރަނގަޅު. ދާނަން." އޭނާ ހަތިޔާރު ބެހެއްޓިއެވެ. "ކާވެނީގެ ވާހަކަ ބުނެފިންތަ ގޭ މީހުން ގާތު؟"

"ނޫން، އަދި ނުބުނަން." އޭނާ މިހާރު ހުރީ ހަމަޖެހިފައެވެ.

"ބުނާނީ ކޮން އިރަކު؟"

"ނޭނގޭ، ލާހޯރަށް ދަނީ ކޮން އިރަކު؟"

"ވަރަށް އަވަހަށް، ނިންމަންޖެހޭ ކުޑަ ކަމެއް އެބައޮތް، އެހެން ނޫން ނަމަ މިހާރު ހުރީހީ އެ ރަަށުގައި." މިފަހަރު ސާލާރް ހެދީ ދޮގެވެ. ނިންމަން ޖެހޭ އެއްވެސް މަސައްކަތެއް ނެތެވެ. ލާހޯރަށް ދާކަށްވެސް އޭނާ ގަސްދެއް ނުކުރެއެވެ.

"ގެއިން ނުކުމެވޭ ގޮތް ވީމާ ދެން ހަދާނީ ކިހިނެއް؟ ކޮންތާކަށް ދާނީ؟ އެހެން މި އެހީ ޖަލާލްގެ އެހީތެރިކަން ނުލިބޭނެތީ؟" އޭނާ ބޭނުންވީ އިމާމާ ހާސްކުރުވާށެވެ.

"އަހަރެން ތިކަމާ ނުވިސްނަން. އޭނާ އަހަންނަށް އެހީވާނެ." އިމާމާ ބުންޏެވެ.

"އެކަމާ ވިސްނަންވާނެ. ބޭނުންވާ ގޮތަށް ކަންތައް ނުވެދާނެ. އޭރުން ކިހިނެއް ހަދާނީ؟ އޭރުން ބޭނުންވާނީ މައިންބަފައިންގެ އެހީތެރިކަން. ކޯޓަށް ދާން ވިސްނާނެ ކަމެއް ނެތް. އެނބުރި އަންނަން ޖެހޭނީ ގެއަށް."

"އަހަރެން އެނބުރި ގެއަށް އަންނާނެ ގޮތް އެއީ ނެތް ގޮތެއް."

"ތީ ޖަޒުބާތުގެ އަސަރު." ސާލާރް ބުންޏެވެ.

"ސާލާރަކަށް ނުވިސްނޭނެ." އޭނާގެ އެންމެ އަތްމަތީ ޖުމުލަ ބޭނުންކުރިއެވެ.

ސާލާރް ދޫކޮށްލިއެވެ. "ފެންނަ ގޮތަކަށް ކުރިއަށް ގެންދޭ." ސާލާރް ފޯނު ބޭއްވިއެވެ.

***

"އަސްޖަދާ ދަރިފުޅުގެ ކާވެނި މާދަމާ އޮންނާނެ." އިމާމާގެ ކޮޓަރިއަށް އެރޭ އައިސް ހާޝިމް މުބީން ބުންޏެވެ.

"ބައްޕާ، އަހަރެން އަސްޖަދާ ނީންނާނަން. ރަނގަޅުވާނީ ގަދަކަމުން އަހަރެންގެ ކާވެނި ކުރުވަން ނޫޅޫނިއްޔާ."

"ދެކޮޅު ހަދަންޏާ ފުރާނާ ދުއްވައިލާނަން. ހަނދާންކުރާތި."

އިމާމާ އޭނަގެ ބައްޕަ އަށް ބަލައިލިއެވެ. "ބައްޕާ، އަހަރެން އުޅެނީ މީހަކާ އިނދެގެން." އިމާމާ ބުނެލިއެވެ. "ކާވެންޏަށް އިންކާރު ކުރާ ސަބަބަކީ އެއީ."

ހާޝިމް މުބީންގެ މޫނުމަތީގެ ކުަލަވަރު ބަދަލުވިއެވެ. "ތީ ހުސް ދޮގު."

"ދޮގެއް ނޫން. އަހަރެންގެ ކާވެނި ކުރެވުނީ މީގެ ހަ މަސް ދުވަސް ކުރިން."

"ކާކާ އިނީ؟"

"އެއީ ސިއްރެއް. އެ ވާހަކައެއް ނުބުނެވޭނެ."

އޭނާގެ ރަން ދަރިފުޅު މުސީބާތަކަށް ވެދާނެ ކަމަކަށް ހާޝިމް މުބީން ހުވަފެނުން ވެސް ނުދެކެއެވެ. އައި ރުޅީގައި ތަނެއް ދޮރެއް ނުބަލައި އިމާމާގެ ގައިގައި ތަޅަން ފެށިއެވެ. އެ އަޑުފައްގަނޑަށް ވަސީމް ދުވެފައި އެ ކޮޓަރިއަށް އައެވެ. އައިގޮތަށް އައިސް އިމާމާ އާ ދުރަށް ބައްޕާ ކޮއްޕާލިއެވެ. އިމާމާ ފާރަށް ލެނގިލައިގެން ހުރެ ރޮނީއެވެ.

"ބައްޕާ، ކީއްތިކުރަނީ؟ ސުލްހަވެރިކަމާއެކު މިކަން ހައްލުކުރެވޭނެ."

ވަސީމްގެ ފަހަތުން އާއިލާގެ އެހެން މީހުން ވެސް އެތަނަށް އައެވެ.

"އޭނާ އެހެން މީހަކާ އިނދެފި." ހާޝިމް ހަޅޭއް ލަވައިގަތެވެ.

ވަސީމް އެވާހަކަ ގަބޫލެއް ނުކުރިއެވެ. "ބައްޕާ، އެ ވާނީ ދޮގަކަށް. ކިހިނެއް އޭނާ މީހަކާ އިންނާނީ، އޭނަ އެންމެ ފަހަރަކުވެސް ގެއިން ބޭރަކަށް ނުދޭ."

"އޭނަ މީހަކާ އިނީ މީގެ ހަމަސް ދުވަސް ކުރިން."

އިމާމާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އޭނާ އެކަހަލަ ކަމެއް ކޮށްފާނެކަމަކަށް ވަސީމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނާއަށް ވަރަށް ރަނގަޅަށް އިމާމާ އެނގެއެވެ. އިމާމާ އިސް އުފުލާލާފައި މަޑުމަޑުން ބުންޏެވެ. "އެއީ ތެދެއް، އަހަރެން މީހަކާ އިނދެފިން."

"ކޮބާ ހެކި؟ ކޮބާ ކާވެނީގެ ސެޓްފިކެޓް؟" ވަސީމް އެހިއެވެ.

"އަހަރެން އަތަކު ނެތް. ސެޓްފިކެޓް އޮތީ އަހަރެންގެ އެއްޗެއްސާއެކު ލާހޯރުގައި."

"ބައްޕާ، މާދަމާ އަހަރެން ލާހޯރަށް ދާނަން. އިމާމާގެ އެއްޗެހި ގެންނަން. އޭރުން އެނގިދާނެ." ވަސީމް ބުންޏެވެ. އިމާމާ އެހެން ބުނެވުނު މޮޔަ ހީވިއެވެ. އޭނާގެ އެއްޗެހީގެ ތެރެއިން އެ މީހުންނަށް ފެންނާނީ ކޯޗެއް ހެއްޔެވެ؟

"ކަލޭ މީހަކާ އިނދެގެން ހުއްޓަސް މައްސަލައެއް ނެތް. ވަރިކުރުވާފައި އަސްޖަދާ ދެވާނަން." ހާޝިމްގެ ނިންމުން އިއްވިއެވެ. އެހެން ބުނެފައި އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާގެ މޫނު ހީވަނީ ރަތް އަނގުރުގަނޑެއް ހެންނެވެ. ފަހަރަކު މީހަކު ކޮޓަރިން ނިކުމެ އެންމެން ހުސްވެއްޖެއެވެ. އޭނާ އެނދުމަތީގައި އިށީނދެއްޖެއެވެ. ކޮށްޓަކަށް ލާފައި އިންނަ ދޫންޏެއްގެ އިހުސާސްތައް މިހާރު އޭނާއަށް އެނގެއެވެ. ކާވެނީގެ ޢަހުދުނާމާގެ ކޮޕީއެއް އޭނާއަށް ސާލާރް ނުފޮނުވީ ނަސީބެކެވެ. އޭނާގެ އަތުގައި ކޮޕީއެއް އޮތް ނަަމަވެސް ބައްޕައަކަށް ނުދެއްކުނީހެވެ. އޭގައި ސާލާރްގެ ނަން އޮތީމައެވެ. ސާލާރްގެ ކިބައިން ސާލާމަތްވުމަކީ ބައްޕައަށް މާ ބޮޑު ކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން ލާހޯރުން ގެންނަ ތަކެތީގެ ތެރެއިން ކާވެނީގެ ސެޓްފިކެޓް ނުފެނިއްޖެނަމަ އެކަކުވެސް އޭނާގެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ.

އިމާމާ ކޮޓަރި ތަޅުލައިގެން ސާލާރަށް ގުޅިއެވެ. ސާލާރަށް އޭނާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. 

"އަދި އެއްފަހަރު ލާހޯރަށް ގޮސް ޖަލާލަށް އަހަރެންގެ ވާހަކަ ކިޔައިދީ. އަހަންނަށް ދެން އިތުރަށް މިތާކު ނޫޅެވޭނެ. އަހަރެން މިގެއިން ނިކުންނަން އެބަޖެހޭ. އެކަމަކު ޖަލާލް ފިޔަވައި އަހަރެން ދާނެ އެހެން ތަނެއް ނެތް. ވަކީލެއް ހޯދާފަ އަހަރެންގެ ފިރިމީހާގެ ހައިސިއްޔަތުން އަހަރެންގެ މައިންބަފައިންނާ ދެކޮޅަށް ދައުވާ އުފުލާ. ގާނޫނާ ޚިލާފަށް އަހަރެން ބަންދުކޮށްގެން އުޅޭތީ."

"ފިރިމީހާ އޭ؟ ތިބުނީ އަހަރެންގެ ވާހަކަތަ؟"

"ވަކީލު ގާތު ސާލާރްގެ ނަން ބުނާނެ ކަމެއް ނެތް. ރަނގަޅުވާނީ ސާލާރް ގެ ރައްޓެއްސަކު ލައްވައި ވަކީލެއް ހޯދިއްޔާ. ޚިޔާލީ ނަމެއް ބޭނުންކުރަން އެ މީހުން ގާތު ބުނޭ. އަހަރެންގެ މައިންބަފައިންނަށް ސާލާރް ކަން އެނގިއްޖެއްޔާ ދުވަސް ދުއްވާލާނެ. އެހެންވާކަށް އަހަރެން ނޭދެން."

އިމާމާ އޭނާ ބިރުގެންފައި ހުރިވަރެއް ސާލާރަށް ކިޔައެއް ނުދެއެވެ. ސާލާރް އެ ވާހަކައެއް ނުވެސް އަހައެވެ. ޖެހިގެން އައި ދުވަހު އެގާރަ ޖެހިއިރު ހާޝިމް މުބީނަށް ވަކީލަކު ފޯނު ކުރިއެވެ. އަދި އިމާމާ އާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. އިމާމާގެ ފިރިމީހާ ކޯޓަށް މައްސަލަ ވެއްދި ވާހަކަ ވެސް ބުންޏެވެ. ހާޝިމް މުބީނަށް އިތުރު ހެއްކެއް ބޭނުމެއް ނުވިއެވެ. އައި ރުޅީގައި ތޫފާނެއްހެން ގޮސް އިމާމާގެ ކޮޓަރިއަށް ވަދެ ވަރުބަލިވަންދެން އިމާމާ ގައިގައި ތެޅިއެވެ.

"ކަލޭގެ ދުވަސް ދުއްވައިލާނަން، ބަލަން ހުންނާތި. މީގެ ފަހުން އަހަރެމެންގެ އެއްވެސް އެހީތެރިކަމެއް ކަލެއަށް ނުލިބޭނެ. މައިންބަފައިންގެ އިއްޒަތުން ޖުވާ ކުޅޭ ދަރިންނަށް އެ ނޫން އަދަބެއް ނޯންނާނެ. ކަލޭގެ ހަޔާތް ކުޑަކަން ބަލާބަލަ، އަހަރެމެން ވީ ގުރުބާނީގެ އަގު އަދާ ކުރަން އަހަރެމެން ގޮވައިގެން ކޯޓަށް ތިދަނީ. އަހަރެމެންގެ ބުރަ މަސައްކަތުގެ އަގު އަދާކުރަން ކަލެއަށް އެ ނޫން ގޮތެއް ނުފެނުނު ތަ؟ ތިކަަހަލަ އަންހެން ދަރިން އުފަންވާ ދުވަހު ދިރިއޮއްވައި ވަޅުލާންވީ."

އިމާމާގެ ގައިގައި އަދިވެސް ހާޝިމް ތަޅަނީއެވެ. ބައްޕަގެ އިހުސާސްތައް އޭނާއަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އޭނާގެ އަމިއްލަ އިހުސާސްތައް ބައްޕައަށް ކިޔައެއް ނުދެވުނެވެ.

"އަހަރެމެންގެ އިއްޒަތް މުޅިން ވެއްޔާ މޮޑެލައިފި. އެއްވެސް ބަޔަކާ ކުރިމަތިލާން ދެން އަހަރެމެންނަކަށް ނުކެރޭނެ. ކަލޭ އަހަރެމެން ދިރިތިއްބައި ވަޅުލައިފި." ހާޝިމްގެ ފަހަތުން ސަލްމާ ވެސް އެކޮޓަރިއަށް ވަނެވެ. އެކަމަކު ހާޝިމް ހުއްޓުވަން އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ.

"އަހަރެމެންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކަލޭ ނަގާލައިފި." ހާޝިމް ހަޅޭއްލަވަމުން ދިޔައެވެ. "ކަލޭ ތީ އަހަރެންގެ ދަރިއަކަށް ނުވިނަމައޭ މިހާރު ހިތަށް އަރާ. ނުވަތަ ވިހޭ ދުވަހު މަރުވި ނަމައޭ، ނުވަތަ އެ ދުވަހު އަހަރެންގެ ދެ އަތުން ކަލޭ މަރައިލެވުނު ނަމައޭ ހިތަށް އަރާ."

ހާޝިމްގެ ހަޅޭކަކަށް ނުވަތަ އަނިޔާއަކަށް މިއަދު އިމާމާ ހިތާމައެއް ނުކުރެއެވެ. އޭނާގެ ބޮލުގައި އެޅުވި ހުރިހައި އިލްޒާމެއް ހިތާހިތުން ގަބޫލުކުރިއެެވެ. ހިމޭނުން ހުރީއެވެ.

ވަރުބަލިވެގެން ހާޝިމް އޭނާގެ ގައިގައި ތެޅުން ހުއްޓާލައިފިއެެވެ. ހާޝިމަށް ހުރީ މާނޭވާ ލެވިފައެވެ. އަނގައިންވެސް ނުބުނެ އޭނާގެ ކުރިމަތީގައި ހުއްޓިލައިގެން އިމާމާ ހުރީއެވެ.

"ކަލެއަށް އަދިވެސް ވަގުތު އެބަައޮތް. ކަލޭ އިނދެގެން އުޅޭ މީހާ ގާތުން ވަރި ވެގެން އަސްޖަދާ އިނދޭ. އަހަރެމެން ކަލެއަށް މާފުކުރާނަން." ދެން ވާހަކަ ދެއްކީ ސަލްމާ އެވެ.

"އަހަރެން އިސްލާމް ދީން ޚިޔާރުކުރީ ކުރީގެ ގޮތަށް އެނބުރިދާކަށް ނޫން. އަހަރެން ގާދިޔާނީންގެ ފިކުރަކަށް އެނބުރި ނުދާނަން." އިމާމާ މަޑުމަޑުން ވާހަކަ ދެއްކިއެވެ. އޭނާ ހުރީ ގޮތުގައެވެ. "އަހަރެން މިނިވަން ކުރޭ، މިގެއިން ދިޔަދީ."

"މިގެއިން ނިކުމެގެން ކަލޭ ހިނގައްޖެނަމަ މުޅި ދުނިޔެ ވެސް ކަލެއަށް މަލާމާތްކުރާނެ. ކަލެއަކަށް ނޭނގޭނެ މީހުންގެ ގޮތެއް. ވިހަ ކިނބޫތަކެއް ހެން އެންމެން ތިބޭނީ ކަލެ ދިރުވައިލަން ތައްޔާރަށް. އަހަރެމެންގެ އަގު ވައްޓާލަން ކަލެއާ އިން މީހަކީ ބޮޑު މުސީބާތެއް. އޭނާ ކަލޭގެ ހަޔާތްވެސް ބަރުބާދުކޮށްލާނެ. އޭނަ ކަލެޔާ އިންނާނީ އަހަރެމެންގެ މުދަލާއި ފައިސާގެ ދަހިވެތިކަމުގަ. އެ މުދަލާއި ތަނަވަސްކަން ދޫކޮށް ގެއިން ނިކުމެގެން ހިނގައްޖެނަމަ އޭނާ ކަލޭ ނަގައި މަގުމައްޗަަށް އެއްލައިލާނެ. އޭރުން ކަލޭ ވަންނާނެ ތަނެއް ނުހުންނާނެ." ސަލްމާ ބެލީ އިމާމާގެ ހިތަށް ބިރުވެރިކަން ވެއްދޭތޯއެވެ. "ކަލެއަށް އަދިވެސް ވަގުތު އެބައޮތް. އަދިވެސް ވަގުތު އެބައޮތް."

"ނޫން މަންމާ، އަހަންނަކަށް ވަގުތެއް ނެތް. ކަންތައް ކުރަންވީ ގޮތް އަހަރެން ނިންމައިފިން. އަހަރެން ނިންމި ގޮތް މިހާރު ބުނެފިން.  އަހަންނަކަށް މި ދިރިއުޅުމެއް ނޫޅެވޭނެ. އަހަރެން ދިޔަދީ. އާއިލާއިން އަހަރެން ބޭރުކުރަންޏާ އެކަންތައް ވެސް ކޮށްދީ. ވާރުތައިން އަހަރެން އުނިކުރަންޏާ އެކަންވެސް ކުރޭز  އަހަރެންގެ ޝަކުވާއެއް ނެތް. އަހަރެން ކަންތައް ކުރާނެގޮތް ބުނެފިން. ހަޔާތުގެ ބާކީބައި ވޭތިކުރާނެ ގޮތް އަހަރެން ޚިޔާރުކޮށްފިން. މަންމައަށް ވެސް އަދި އެހެން މީހަކަށް ވެސް ދެން އަހަރެންގެ ނިންމުން ބަދަލެއް ނުކުރެވޭނެ."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.