ބޭރުގެ ބޯޓް ފަހަރަށް މަސް ވިއްކާ ޤަރާރާއި ގޭދޮށު މަސް ފެކްޓްރީގެ ޤަރާރު މަޖިލީހުން ބަލައިގެންފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން މަޖިލީހަށް ހުށަހަޅައިފައިވާ މަސްވެރިކަމާ ގުޅޭ ޤަރާރުތަކުގެ ތެރެއިން އިތުރު ދެޤަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ. މިއަދު މަޖިލީހުން ބައިލައިގެންފައިވަނީ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ހުށަހެޅި ޤަރާރަކާއި ރަށުކައުންސިލާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސްފެކްޓަރީ ޤާއިމްކުރުމާ ގުޅޭގޮތުން ހުށަހެޅި ޤަރާރެވެ. މިދެ ޤަރާރުވެސް މަޖިލީހުން ބަލައިގެންފައިވަނީ 68 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

މިދެޤަރާރުގެ އިތުރުން ސަރުކާރުން ހުށަހަޅުއްވައިފައިވާ ތިން ޤަރާރެއްގެ މަސައްކަތް މަޖިލީހުގެ އެކިމަރުޙަލާތަކުގައި އެބައޮތެވެ. އެއީ  މިހާރު ކޮމެޓީ މަރުޙަލާގައިވާ ބޭރުގެ ބޯޓްފަހަރު ދިވެހި ކަނޑުތަކުގައި މަސް ވެރިކަންކުރުން ހުއްޓުވުމަށް ހުށެހެޅި ޤަރާރާއި މިއަދު މަޖިލީހުގައި އިބްތިދާއީ ބަހުސް ފެށްޓެވި ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ޤާއިމުކުރުމާ ބެހޭ ޤަރާރަކާއި ފުރަތަމަ ކިޔުން އިއްވައިފައިވާ، އިންޑިއާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ޤަރާރެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މިޤަރާރު ތަކަކީ މަސްވެރިކަމާ ބެހޭ ޤާނޫނެއް ޑްރާފްޓް ކުރުމުގައި މައިގަޑު ފަސް އަސާސެއްގެ ގޮތުގައި ބައްލަވާނެ ޤަރާރުތަކެއް ކަމަށް އެމްޑީޕީގެ މަޖިލީސް މެމްބަރުންނާއި ރިޔާސަތުންވެސް ވަނީ ވިދާޅުވެ ފައެވެ. މަޖިލީހަށް އެޤަރާރުތައް ހުށަހަޅުއްވައި ފައިވަނީ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ބައެއް މެމްބަރުން ފާހަގަ ކުރައްވާ ގޮތުގައި އެޤަރާރުތަކަކީ ސަރުކާރުން ކަންކަން ނުކުރެވޭތީ އެކަންކަން ފޮރުވުމަށް މަޖިލީހަށް ހުށަހަޅައިގެން އުޅޭ ޤަރާރު ތަކެކށެވެ.

ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމު ވިދާޅުވީ ސަރުކާރުގެ އިޚްލާސްތެރިކަމެއް ހުރިނަމަ ޤަރާރުތައް ހުށަނާޅައި ވެސް މަސްވެރިންނަށް ކޮށްދެވޭނެ ކިތަންމެ ކަންތައްތަކެއް އެބަހުރިކަމުގައެވެ. އެފަދަ ބައެއް ކަންކަން އޭނާ ވަނީ މަޖިލީހުގައި ހާމަ ކުރައްވައިފައެވެ.

އިދިކޮޅު މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ބޭރުގެ ބޯޓްފަހަރު ރާއްޖެއަށް ވަދެ ދިވެހި މަސްވެރިންގެ އަތުން މަސްގަތުމާ ގުޅޭ ޤަރާރާ ބެހޭގޮތުންނެވެ. އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ އެފުރުޞަތު ހުޅުވާލުމުން ޑްރަޤްގެ ވިޔަފާރީއާއ ހިޔުމަންޓްރެފިކިންގެ އިތުރުން ހަތިޔާރު އެތެރެ ކުރުން ފަދަ ޤާނޫނާ ޚިލާފު އެތައް ކަންކަމަށް މަގުފަހިވެގެން ދާނެކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.