އިތުރު އެއްގަޑީއިރުގެ ބަޙުސަށް ފަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ގާނޫނަށް އިޞްލާޙު ގެނަމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އައްސަވާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވެއްޖެއެވެ.
މިއަދުބާއްވާ ދައުރުން ބޭރުގެ ދެވަނަ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ އިތުރު އެއްގަޑީއިރު ބިލަށް ބަހުސް ކޮށްފައި މިއަދު ގެ 2:30 ގައި ބިލު ބަލައި ގަތުމަށް ވޯޓަށް އެއްސެވޭނެ ކަމަށް ލަފާ ކުރައްވާކަމަށެވެ. މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރިޔާސަތުން އިޢުލާން ކުރައްވައިފައި ވަނީ ބިލަށް ބަހުސް ކުރުމަށް އެދި ވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ފުރުޞަތު ދެއްވާނެކަމަށެވެ. އަދި މަޖިލީހުން ބިލު ބަލައިގަތުމަށްފަހު ބިލުފޮނުވޭނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ކަމަށްވެސް މަޖިލީހުގެ ރިޔާސަތުން ވިދާޅުވިއެވެ.
މިއަދު ޖަލްސާއަށް ބިލު ހުށަހަޅުއްވަމުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވީ މިދިޔައަހަރު މަޖިލީހުން ފާސްކުރެއްވި ޚާއްޞަ ޤާނޫނުގެ ދަށުން އެއްއަހަރު ދުވަހުގެ ތެރޭގައި ލޯކައުންކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށް ގިނަ މަސައްކަތްތަކެއްކުރެއްވިކަމަށެވެ. ނަމަވެސް އެކޮމިޝަނުން ޤަބޫލުކުރައްވާ ގޮތުން ޤާނޫނީ ގޮތުން އިންތިޚާބު ބޭއްވުމަށް އެޅިފައިވާ ތަޅެއްގެ ގޮތުގައި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަން ޖެހޭކަމަށް ޤާނޫނުގައި އޮތުން ފާހަގަކުރައްވާކަމަށެވެ. އެހެން ކަމުން އެންމެ ފުރަތަމަ ކަމަކަށް އެތަޅު ނައްޓުވާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޤާނޫނަށް އިޞްލާޙު ހުށަހެޅިފައިވާކަން ފާހަގަ ކުރެއްވިއެވެ.
މިހާރު ޤާނޫނަށް ހުށަހަޅައިފައިވާ އިޞްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭނެއެވެ. ނަމަވެސް އިންތިހާބު ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވަން ޖެހޭނެއެވެ. އިންތިހާބު ބާއްވާ މުއްދަތު އިއުލާންކުރާތާ ހަތްދުވަސް ތެރޭގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅަންޖެހޭ އުސޫލުތައް އެކުލަވާލައި އާއްމުކުރަންޖެހޭނެ އެވެ.
ގާނޫނަށް ހުށަހަޅައިފައިވާ އިޞްލާޙުގައި ބުނާ ގޮތުން ގާނޫނަށް ގެންނަ އިޞްލާޙު ތަސްދީޤުކޮށް އަމަލުކުރަންފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އިލެކްޝަންްސް ކޮމިޝަނުން ފަށްޓަވަން ޖެހޭނެއެވެ. ނަމަވެސް އެމަސައްކަތް ކުރަން ފަށަންވާނީ މަދުވެގެން ތިން ދުވަސް ކުރިން އެކަން އިއުލާންކުރުމަށް ފަހުގައި ކަމަށްވެސް ޚާއްޞަ ޤާނޫނަށް ހުށަހެޅި އިޞްލާޙުގައި ވެއެވެ. އިޞްލާޙުގައި، އިންތިހާބު އަވަސް ކުރުމަށް އިންތިހާބާ ބެހޭ އެެހެން ގާނޫނުގައިވާ މުއްދަތުތައް ވެސް ވަނީ ކުރުކޮށްފައެވެ.