ކުށްމަދުކޮށް އަމާން ވެއްޓެއް ދެމެހެއްޓުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާ ކޮށް ކުރެވިދާނެ ކަންކަމުގެ ޕްލޭނެއް އެކުލަވާލުމަށް ސޭފް އައިލެންޑް މޮޑެލްގެ ދަށުން ފުވައްމުލަކުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
މިމަހުގެ 11 އިން 13 އަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި ޔުނިސެފާއި ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓުގެ އިތުރުން ފުވައްމުލަކުގައި ހުރި މުއައްސަސާތަކުންނާއި ކުލަބު ޖަމްޢިއްޔާތަކުން ބައިވެރިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި، ކުށްކުރުން އިތުރުވާ މައިގަނޑު ސަބަބުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ދެނެގަނެ އެކަންކަން ހައްލުކުރުމުގެ ގޮތުން ކުރެވިދާނެކަންކަމާއި ޒުވާނުން ކުށްކުރުމަށް މަގުފަހިވާ ސަބަބުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ރަށުގައި ހުރި މުއައްސަސާތަކުގެ ފެންވަރުގައި ކުށްމަދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ކުށްމަދު އަމާން ވެށްޓެއް ޤާއިމްވެފައިވާ ރަށަަކަށް ހެދުމަށް މުއައްސަސާތަކަށް އަދާކުރެވިދާނެ ދަޢުރާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.
މީގެއިތުރުން ސޭފް އައިލެންޑް މޮޑެލްގެ ފޭސް އެކަކުން ނުކުތް ނަތީޖާތަކުގެ އިތުރުން މަސައްކަތު ބައްދަލުވުންތަކުގައި ފާހަގަކުރެވޭ ކަންކަމާއި އެކަންކަން ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި އެކަންކަމަށް އެންމެ ފުރަތަމަ ރެސްޕޮންޑްވާނީ ކޮންބައެއްކަމާއި އެންމެ އިސްކަންދީގެން މަސައްކަތްކުރަންވީ ދާއިރާތަކަކީ ކޮބައިކަމާއި ބެހޭގޮތުން މަޝްވަރާކޮށް ޕްލޭނެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.
ސޭފް އައިލެންޑް މޮޑެލްއަކީ ޕްރޯއެކްޓިވް ޕޮލިސިންގ އާއި ޕްރޮބްލެމް އޮރިއެންޓެޑް ޕޮލިސިންގގެ އުކުޅުތަކުގެ ބޭނުން ހިފައިގެން ކުށްމަދުކުރުމާއި ކުށް ހިނގިޔަ ނުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އަދި މިއީ ޔުނިސެފް އިން ފަންޑުކޮށްގެން ޔުނިސެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގަމުންދާ ޕްރޮގްރާމެކެވެ.