ޖޭއެސްސީއަށް ވަކީލަކު ހޮވުމުގެ އިންތިޚާބު ބާއްވައިދޭނަން: އީސީ

ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން ނިންމައި ވޯޓު ގުނުން ކުރިއަށްދަނީ: ފޮޓޯ އިލެކްޝަން

ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ވަކީލަކު އިންތިޚާބު ކުރުމަށް ބާ ކައުންސިލަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީއިން މިގޮތަށް ނިންމެވީ ބާ ކައުންސިލާއި އީސީއާ ދެމެދު މަޝްވަރާ ކުރެއްވުމަށްފަހު ބާ ކައުންސިލުން އެކަމަށް އެދުމުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް އިންތިޚާބު ބާއްވާނީ މިހިނގާ ޖުލައި މަހު 27 ވަނަދުވަހު އެވެ. އެ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިހާރުވަނީ އެފުރުސަތު ހުޅުވާލައިފައެވެ. އެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ޖުލައި 23 ގައެވެ.

ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ބޭފުޅަކު އިންތިޚާބު ކުރެއްވުމަކީ ބާ ކައުންސިލްގެ ޒިންމާއެކެވެ. އެހެންނަމަވެސް އެ ކައުންސިލް އުފެދުނުތާ އަދި މާގިނަ ދުވަހެއް ނުވުމާއި ބަޖެޓެއް ނެތުމާއި މިފަދަ ކަންކަމުގެ ސަބަބުން މި އިންތިޚާބު ބާއްވައި ދެއްވުމަށް އީސީ އިން ވަނީ އެއްބަސްވެފައެވެ.

އީސީގެ ރައީސް އަޙުމަދު ޝަރީފް އާދަމް ވިދާޅުވީ މި އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ބާ ކައުންސިލަށް ކޮށްދެއްވާނީ އީސީން ކަމަށެވެ. ޤާނޫނު ބުނާ ގޮތުން ބާ ކައުންސިލް އުފެދޭތާ 15 ދުވަސް ތެރޭގައި ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ބޭފުޅަކު އިންތިޚާބު ކުރަން ޖެހެއެވެ. "ބާ ކައުންސިލް އުފެދުނުތާ އަދިނުވޭ ހަފްތާއެއް ވެސް. އެތަނުގެ އޮފީހެއް ވެސް ނެތް. ބަޖެޓެއްނެތް. ލިޔެކިޔުމެއްނެތް. އެހެން ނަމަވެސް ޤާނޫނޫގައި އެބަބުނޭ ފަނަރަދުވަހުގެ ތެރޭގައި ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން ބޭފުޅަކު އައްޔަން ކުރަންޖެހޭނެ ކަމަށް،" މި އިންތިޚާބު އީސީން ބާއްވާ ސަބަބުން ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނެވީ އަލްއުސްތާޒާ ލަތީފާ ޤާސިމެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ފާސްވި ހިސާބުން އޭނާގެ މަޤާމުވަނީ ގެއްލިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.