އޮފިޝަލުން ހަމަވިއިރު، ރިޒާވް ޕޫލެއް ނެތް: އީސީ

އަންނަ އެޕްރީލް މަހު 6 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭނުންވާ އޮފީޝަލުންގެ ޢަދަދު ވަރަށް މަސައްކަތުން ހަމަވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް އާދަމް އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުންގެ ޢަދަދު ހަމަވިޔަސް އެއީ އީސީއަށް އޮތް ހިތްހަމަޖެހުމެއް ނޫން ކަމަށެވެ. އެއީ އަދިވެސް ރިޒާވް ޕޫލް އެކުލަވައިނުލެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޒާވް އޮފިޝަލުންގެ ގޮތުގައި ވެސް 350 އެއްހާ މީހުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޒާވް ޕޫލަށް މީހުން ހަމަކުރުމުގެ މަސައްކަތް ވެސް އެކިފަރާތްތަކާ ގުޅިގެން އީސީން ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި 4634 މީހުން ޙަރަކާތްތެރިވާނެއެވެ. "އޮފިޝަލުން ހަމަވިޔަސް އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރެއް ނުވޭ. ސަބަބަކީ އަދި ކިރިޔާ ބޭނުންވާ ވަރަށް އޮފިޝަލުން ހަމަވީ. އަދި ރިޒާވްޕޫލެއް ހަމައެއް ނުވޭ. ރިޒާވް ޕޫލްގައި އަބަދުވެސް ތިން ސަތޭކައާއި ތިންސަތޭކަ ފަންސާހާ ދެމެދުގެ ޢަދަދަކަށް މީހުން ތިބޭނެ. އެއީ ވޯޓުލާ ދުވަހު ޢާއްމުގޮތެއްގައި (މާލެއިން ފޮށިތަކަށް ވަރަށް ގިނައިން ދިމާވާ ކަމެއް) އޮފިޝަލުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ކޮންމެވެސް ސަބަބަކާހުރެ ނާދެވުން،" ޝަރީފް ވިދާޅުވިއެވެ.

މިފަހަރު އޮފިޝަލުން ހަމަވީ ވެސް ސްކޫލްތަކަށާއި ކޮލެޖުތަކަށާއި ކުންފުނިތަކަށް އީސީގެ މުވައްޒަފުން ގޮސް އެތަންތަނުގެ ވެރިންނާއި އެޗުއާރާ ވާހަކަ ދައްކައިގެން ވަރަށް މަސައްކަތުން ކަމަށް ޝަރީފް ވިދާޅުވިއެވެ. ރިޒާވް ޕޫލް ހަމަކުރަން ވެސް އީސީގެ ކޮންމެ މުވައްޒަފަކު ވަކި ޢަދަދަކަށް މީހުން ހޯދާގޮތަށް ވަނީ ހަމަޖައްސައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.