މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މޮރިޝަސްގެ ޕޯޓް ލުއީގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވީ މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުރިއަށްދާ އެކި ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ 14 ކުޅިވަރެއްގައި ރާއްޖެއިން މިފަހަރު ބައިވެރިވެއެވެ.
ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، ކުޅިވަރު މުބާރާތުންނެވެ.
ރާއްޖެއަކީ މި މުބާރާތުގެ ފައުންޑަރ މެންބަރު ޤައުމެކެވެ. މީގެއިތުރުން ރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.