ލ. ލިންކު ރޯޑުގައި ކާރެއް ފުރުޅާލައި ބޮޑެތި ގެއްލުން ވެއްޖެ

ލ. އަތޮޅު ލިންކުރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައި ކާރަށް ބޮޑެތި ގެއްލުން ވެއްޖެއެވެ.

މިއަދު ހެނދުނު 6:25 އެހައިކަންހާއިރު މި އެކްސިޑެންޓު ހިނގިއިރު ކާރުގައި ދެމީހަކު ތިއްބެއެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓުވީ ކާރު ކައްދޫއިން ފޮނަދުއަށް ދިޔަ މަގުމަތީ މަގުގެ އިރުމަތީ ފަރާތު ޖަހައިފައިވާ ބޮލޮކްސްތަކުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ކާރު ފުރޮޅާލައި ތިންސަތޭކައެއްހާ ފޫޓު ދުރަށް ކަހާލައިގެން ގޮސްފައެވެ. އެކްސިޑެންޓުވީއިރު ކާރު ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނައަކީ ކާރު ދުއްވުމުގެ ލައިސަންސް ވެސް އޮންނަ މީހެކެވެ.

މި އެކްސިޑެންޓުގައި ލިންކުރޯޑުގެ 5 ބޮލޮކްސް ވަނީ ނެއްޓިފައެވެ. އަދި 3 ބުލޮކޮސް ވަނީ މޫދަށް ވެއްޓިފައެވެ. ޑިވައިޑަރތަކުން ތިންފޫޓު ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމަގުގައި މިއަދުވަނީ އިތުރު އެކްސިޑެންޓެއް ވެސް ހިނގައިފައެވެ. އެ އެކްސިޑެންޓްވީ ފޮނަދޫއިން ގައްދުއަށް ދިޔަ ސައިކަލެއް ގޮސް އެހެން ސައިކަލެއްގެ ފަހަތުގައި ޖެހިގެންނެވެ. އެ ސައިކަލު ޖެހުނީ މަޑުކޮށްގެން އިން ސައިކަލެއްގެ ފަހަތުގައެއެވެ. މަޑުކޮށްފައި ހުރި ސައިކަލުގައި ތިބީ ޢުމުރުން 62 އަހަރުގެ މީހަކާއި 58 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަދި ފަހަތުން އައިސް ޖެއްސި 57 އަހަރުގެ މީހާއަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ތިންމީހުންނަށް ވެސް މިހާރު ގެންދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުންނެވެ. މި ދެ އެކްސިޑެންޓުގެ ތަޙުޤީޤު ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.