މިއަހަރު ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރަށްފަހު ފުލުހުން ބަންދުކޮށްފައިވާ ބައެއް މީހުން ދީފައިވާ ސިއްރު ބަޔާންތައް ލީކުކުރި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެކަމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެކަން ތަހުގީގު ކުރުމަށްފަހު އެކަމުގައި ޝާމިލްވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު ފެބުރުއަރީ 1 ގައި ސްޕްރީމް ކޯޓުން ދިވެހިރާއްޖޭގެ ގާނޫނީ އަދި ދުސްތޫރީ އޮނިގަނޑާ ޚިލާފަށް އަމުރެއް ނެރެ ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތްކުރި މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތާއި ބަޔާންތައް ލީކުކޮށްލީ ކޮންބައެއް ކަމެއް އޭނާ ވިދާޅުނުވެއެވެ.
"މިމައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދާފައިވާ ބައެއް މައުލޫމާތު ތަކާއި ބައެއް ފަރާތްތަކުން ދެއްވައިފައިވާ ބަޔާންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައިވާ މައްސަލައެއް ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ދަންނަވާލަން. މި ކަމަކީ މި މައްސަލާގައި ތުހުމަތު ކުރެވޭ ނުފޫޒުގަދަ ބައެއް ފަރާތްތަކުން އެބޭފުޅުންގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ހުތުރު އަދި ވަރަށް ދަށުދަރަޖައިގެ އަމަލެއްކަން އަޅުގަނޑުމެން ފާހަގަ ކޮށްލަން. މިފަދަ އަމަލުތައް ކުރާ ފަރާތްތަތައް ހޯދައި މިފަދަ ފަރާތްތަކަށް ގާނޫނީ ތަރަހައިގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި މި މައްސަލަތައް ފުލުހުން ތަހުގީގުކޮށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިޔުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާނެ ވާހަކަ ދަންނަވާލަން،" ޝިފާން ވިދާޅުވިއެވެ.
މިމައްސަލާގައި ބަންދުކޮށްފައި ފުލުހުންނާއި، އިންޓެލިޖެންސް ރިޕޯޓާއި، ފަނޑިޔާރުންގެ އިތުރަށް އާންމު މީހެއްގެ ބަޔާންވެސް ރޭ ވަނީ ލީކުކޮށްފައެވެ.
މިކަމާ ބެހޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވީ އެފަދަ ބާޔާންތައް ލީކުވަނީ ބާގަނޑުތައް ހުރުމުން ކަމަށެވެ. މިސަރުކާރަކީ ބޮޑެތި ބާގަނޑުތައް ގިނަ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.