އިސްރަށްވެހިންގެ އިނާޔަތް 10 ހާސް ރުފިޔާއަށް ބޮޑުކުރަން އެމްޑިޕީ ދެކޮޅު

ޢުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ 5 ހާސް ރުފިޔާގެ މާލީ އިނާޔަތް 10 ހާސް ރުފިޔާ އަށް ބޮޑުކުރުމަށް ހުށަހެޅުނު އިޞްލާހު މަޖިލީހުން ބޭރުކޮށްލުމަށް އެމްޑީޕީގެ މެމްބަރުން ގޮވާލައްވައިފިއެވެ. ޢުމުރުން ދުވަސްވީ މީހުންނަށް 10 ހާސް ރުފިޔާގެ އެލަވަންސެއް ދިނުމަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރެވެ.

ބިލް ހުށަހެޅުއްވަމުން ޖާބިރު ވިދާޅުވީ ޢުރުން ދުވަސްވީ މީހުންނަކީ ޝަރަފްވެރިކަމާއި ފުދުންތެރިކަމާ އެކު ދިރިއުޅެވޭ ބަޔަކަށް ހަދަންޖެހޭ ކަމުގައެވެ. ދިރިއުޅުމުގެ ފެންވަރު މަތިވަމުންދާއިރު ފަސްހާސް ރުފިޔާ އަކީ ވަރަށް ކުޑައެއްޗެއްކަން ފާހަގަ ކުރައްވާ އެއީ އެކަށީގެންވާ މިންވަރެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.  

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމްޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސަށް އެބިލާ މެދު ގޮތެއް ނިންމަވަން އުދަނގޫފުޅުވީ ނަމަވެސް މަޖީލީހުގެ އެމްޑީޕީގެ މެމްބަރުނަށް، އެބިލާ މެދު ގޮތެއް ނިންމަން ވަރަށް ފަސޭހަ ކަމުގައެވެ. މާލިއްޔަތާ ގުޅުން ހުރި ބިލެއްކަމުން އަހަރުގެ މެދުތެރެއިން އެބިލް ހުށަނޭޅޭނެކަމަށާއި ބިލް ވަގުތުން މަޖިލީހުގެ ފްލޯއިން ބޭރުކޮށްލެއްވުމަށް ގޮވާލެއްވިއެވެ. މާލީ ޒިންމާތައް ދައުލަތަށް އުފުލަންޖެހޭ ގޮތަށް އަންނަ ބިލްތައް ދައުލަތުން ނޫނީ ހުށަނޭޅޭ ގޮތަށް ޤަވާޢިދަށް ވެސް އިޞްލާޙު ގެންނަވާނެ ކަމަށް، ޤާޢިދު ކޮމެޓީގެ މުޤައްރަރުކަން ކުރައްވަމުންގެންވާ މަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ. ކުރިންވެސް ޤަވާއިދުގައި އެކަން ބަޔާންކޮށްފައި އޮތްކަމަށާއި ކުރިން ހިނގައިދިޔަ ސިޔާސީ ހަލަބޮލިކަމެއްގައި އެ ކަން ބަދަލުވެގެން ގޮސްފައި އޮތީކަމަށް ކުރީގެ މަޖިލީހުގައި ވެސް މެމްބަރެއްގެ ގޮތުގައި ހުންނެވި ޝަރީފް ވިދާޅުވިއެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވާން ޖެހޭ ފަރާތަކީ ދިވެހި ދައުލަތް ކަމަށްވާއިރު ދައުލަތުން ނޫނީ ބަޖެޓަށް ބުރައެއް އުފުލަންޖެހޭ ގޮތަށް އަންންނަ ބިލްތައް ހުށަނޭޅޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. 

"ކޮންމެ މެމްބަރަކުވެސް މަޝްހޫރުވެލަން ޢަދަދު ތަކެއް ޖަހާފައި ބިލެއް ހުށަހެޅިދާނެ. އެކަމު ދިވެހި ދައުލަތް ހިނގަނީ ލިބޭ އެއްޗަކަށް ވުރެ ޚަރަދު ބޮޑުކޮށް. ޖީޑީޕީގެ ނިސްބަތުން 60 އިންސައްތައަށްވުރެ މައްޗަށް ދަރަނި ހިނގައްޖެކަމަށްވަންޏާ އަޅުގަނޑުމެންނަކަށް ބޭރުގެ އެއްވެސް ތާކުން، ބޭންކަކުން ބައިނަލް އަޤްވާމީ އިދާރާއަކުން ފައިސާއެއް ނުހޯދޭނެ. ކޮންމެ އަހަރަކު ދަރަނީގެ ނިސްބަތް ތިން ޕަސަންޓަށް ތިރިކުރުމަށް ޚަރަދަށް ޒިންމާވާ ޤާނޫނު ދިވެހި ދައުލަތުގެ މައްޗަށް ލާޒިމްކުރޭ. ނަމަވެސް އަޅުގަނޑުމެން މިއުޅެނީ އެމިންގަނޑުތެރޭގައިވެސް ނުހިފެހެއްޓިގެން. ދިވެހި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި" ޝަރީފު ވިދާޅުވިއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް ފަސްހާސް ރުފިޔާ ކަނޑައަޅުއްވައިފައި ވަނީ އިންފްލޭޝަނަށާއި ތެކެތީގެ އަގަށާއި ހުރިހާ އެއްޗަކަށް ރިޢާޔަތްކޮށްގެންކަމަށް ޝަރީފް ވިދާޅުވިއެވެ. ވަޒިފާއަދާކުރާ ފަރާތްތަކުގެ ތެރޭގައިވެސް ފަސްހާސް ރުފިޔާ ނުލިބޭ މީހުން އުޅޭ އިރު އެކަންކަމަށް ނުވިސްނާ މަޝްހޫރުވުމަށްޓަކައި ކާށިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ބިލެއްގެ ގޮތުގައި، މަރަދޫ ދާއިރާގެ މެމްބަރ އެބިލް ސިފަކުރެއްވިއެވެ.

މެމްބްރުން މަޖިލީހަށް ފޮނުވާ މާލިއްޔަތާ ގުޅުންހުރި ބިލްތައް މަޖިލީހުގެ ތަޅުމަށް ނުގެނައުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދި ވަޑައިގެންނެވިއެވެ. ބަހުސް ފެށްޓެވުމުގެ ކުރިން މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ ބިލްތައް ހުއްޓުވުމުގެ ބާރެއް މަޖިލީހުގެ ރައިސަށް ލިބިގެން ނުވާކަމަށެވެ. ގޮތެއް ނިންމަވަން ޖެހޭނީ މަޖިލީހުގެ މެމްބަރުން ކަމުގައެވެ.

އަސާސީ ޚިދުމަތަކަށް ޚަރަދު ނުކޮށް ހުއްޓާލަންވީތޯ އެމްޑީގެ ބައެއް މެމްބަރުން ސުވާލު އުފެއްދެވިއެވެ. ކާށިދޫ ދާއިރާގެ މެމްބަރ ހުށަހެޅުއްވި ބިލަކީ ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ހުށަހެޅޭނެ ބިލެއްނޫންކަމަށާއި އެފަދަ ބިލްތައް ހުށަހަޅަން ޖެހޭނީ ވަރަށްބޮޑަށް ދިރާސާ ކުރެވިގެންކަމަށް އެމްޑިޕީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި އެބިލަކީ ދައުލަތް ސުންނާފަތި ކުރުމަށް ހުށަހެޅުއްވި ބިލެއްގެ ގޮތުގައި ތުޙުމަތު ކުރެއްވިއެވެ.

ޖާބިރު ދައުލަތައް ދައްކަން އޮތް ދަރަނި އަދާ ކުރެއްވުމަށްފަހު އެފަދަ ބިލްތައް މަޖިލީހަށް ހުށަހެޅުމަށް ވެސް އެމްޑިޕީގެ ކަނޑިތީމު ދާއިރާގެ މެމްބަރ ޝަޙީމް ގޮވާލެއްވިއެވެ.

ދައުލަތުގެ ބަޖެޓަށް ބުރަ އުފުލަންޖެހޭ ކަމަށް ވިދާޅުވެ، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށްދޭ މާލީ އިނާޔަތް ބޮޑުކުރުމަށް، ދަނގެތީ ދާއިރާ މެމްބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހަށްވެސް އެމްޑީޕީގެ މެމްބަރުން ވަނީ ދެކޮޅު ހައްދަވައި އެބިލް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލަން ގޮވާލައްވައިފައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.