ސިޔާސީ ނުފޫޒުން މިނިވަންކުރުމަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ގޮވާލައްވައިފި

ސިޔާސީ ނުފޫޒުން މިނިވަން ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރ އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓްގެ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ކުރެވުނު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރ ތާރީޤް ވިދާޅުވީ މިހާރު ކޮމިޝަން އުފެދިފައިވާ ގޮތަށް ބަލާއިރު ވަރަށް ބޮޑަށް އެ ކޮމިޝަން ސިޔާސީ ނުފޫޒު ވަދެފައި ވާކަމުގައެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލީހުގެ ރިޔާސީ ވަޢުދު ފުޅެއްކަންވެސް ތާރިޤް ފާހަގަކުރެއްވިއެވެ.

މިހާރު ޖެހިފައިވާ މައްސަލައިގެ ފެށުމަކީ ވެސް ފަނޑިޔާރުގޭގެ ބާރުތައް ނެގުމަށް ކުރީގެ ސަރުކާރަކުން ކުރި މަސައްކަތެއް ފެއިލްވެގެން ދިއުން ކަމަށް ތާރިޤް ފާހަގަ ކުރެއްވިއެވެ. އޭރުގެ ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އާބްދުﷲ މުޙައަމަދު ހައްޔަރުކޮށްގެން ސިފައިންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ބެހެއްޓި މައްސަލަ ފުލުހުން ތަޙްޤީޤުކޮށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ، އަދި މިހާރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް ދައުވާ އުފުލާ ޝަރީޢަތް ހިނގައި ހުކުމް ކޮށްފައި ވަނިކޮށް މިހާރުގެ ސްޕްރީމް ކޯޓުން ވަނީ އެހުކުމް ބާތިލްކޮށް އަލުން ބެލުމަށް ހުކުމް ކޮށްފައިކަން ފާހަގަކުރެއްވިއެވެ. އެ މައްސަލަ އެހިސާބަށް ދިއުމުގެ އަސްލަކީ ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވަން ކުރެވުނު މަސައްކަތްކަން ތާރިޤް ފާހަގަ ކުރެއްވި އެވެ.

މިހާރު ޖޭއެސްސީގައި ހިމެނި ވަޑައިގަންންވާ ބޭފުޅުންނަށް ބަލާއިރު، ޢަބްދުﷲ މުޙައްމަދު ޖޭއެސްސީއަށް ހާޒިރުކޮށްފިނަމަ އޭރުގެ ޝަރީޢަތް ހިނގަމުންދިޔަ ކޯޓް ރޫމް ހަމަވުމަށް މަދުވާނީ ހަމައެކަނި އަމާލް ކްލޫނީކަން ޠާރިޤް ފާހަގަ ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިޞިއްޔަތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީގައި ހިމެނި ވަޑައިގަންނަވާއިރު ރައްޔިތުންގެ މަޖިލީސް ތަމްސީލްކުރާ މެމްބަރެއްގެ ޙައިޞިއްޔަތުން ހިމެނި ވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ އެމްޑިޕީ މެމްބަރ ޙިސާން ޙުސައިން އާއި ދައުލަތުގެ ބަންޑާރަ ނާއިބްގެ ޙައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ އިބްރާހީމް ރިފްޢަތަކީ ރައީސް ނަޝީދުގެ ދިފާޢީ ވަކީލުންގެ ތެރޭގައި އޭރު ހިމެނިވަޑައިގެންނެވި ދެ ވަކީލުންނެވެ. އަމާލް ކްލޫނީއަކީ ރާއްޖެއިން ބޭރުގެ ވަކީލެކެވެ.

ޤައުމަށް އެންމެ ރަނގަޅުވާނީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން ކަމަށް ޠާރިޤް ވިދާޅުވިއެވެ.

މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް އޮތުމާއެކު ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް އިޞްލާހު ގެނެސްގެން، ކެތްތެރިކަމާއެކު ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންނަށް ކުރެވޭނެކަމަށް މަހިބަދޫ ދާއިރާގެ މެމްބަރ ޠާރިޤް ވިދާޅުވިއެވެ.

ޖޭއެސްސީގެ ހުރިހާ ބާރެއް ސުޕްރީމް ކޯޓަށް ނަގާގޮތަށް މިދިޔަ އަހަރުގެ ފެބުރުއަރީ އެކެއްގައި ނެރުނު އަމުރަށް މިހާރު ބަންޑާރަ ނައިބާއި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މަޖލީހުގެ މެމްބަރ ތާއީދުކުރެއްވިކަން ތާރިޤް ފާހަގަ ކުރެއްވިއެވެ. އެ އަމުރުގެ ދަށުން ޖޭއެސްސީން ނެގި ބާރު އަދި ވެސް ބާތިލް ކޮށްފައި ނުވާކަމަށް ފާހަގަ ކުރެއްވިއެވެ. އޭރު ބާތިލް ކޮށްފައިވަނީ އެއަމުރުގައި ހިމެނޭ މެންބަރުންނާއި އެހެންވެސް މީހުންގެ ބައިތައްކަމަށް ޠާރިޤް ވިދާޅުވިއެވެ.

މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތުމުން ޤައުމު ހަލަބޮލި ނުކޮށް ވަރަށް އޮމާންކަމާއެކު މިހާރު ޖެހިގެން އުޅޭ މައްސަލަ ޙައްލުކުރެވިދާނެކަމަށް ޠާރިޤް ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު  ވިދާޅުވީ ޤާނޫނު އަސާސީން ސްޕްރީމް ކޯޓަށް ދީފައިވާ ބާރުތައް ހަނިކުރެވޭނީ ޤާނޫނު އަސާސީ އަށް އިސްލާޙު ގެނެސްގެން ކަމުގައެވެ.

މަޖިލީހުގެ ނިންމުން ބާތިލް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ދީ، ޤާނޫނު އަސާސިގެ ބެލެނިވެރިކަން ދީފައި ވަނީ ޤާނޫނު އަސާސީންކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސުޕްރީމް ކޯޓަށް ކަންތައްތަކެއް އިލްތިމާސްކޮށް ކޮމެޓީގެ ރިޕޯރޓް މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފައި ވަނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީގެ 64 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.