ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކޮށް އަމާން ރައްކަތެރި މާހައުލެއް ޤާއިމްކުރުމުގެ ގޮތުންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް މަދުކުރުމާއި ކުށްމަދުކުރުމުގެ ގޮތުން ހިންގާ ހާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް އެކި ސަރަޙައްދުތައް ބަލައިފާސްކުރުމުގެ އިތުރުން ކ. އަތޮޅުގެ އެހެން ރަށްތަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އޮޕަރޭޝަންތަކުގައި ފާރަގެމަ ބޭނުންކުރާއިރު މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ މީހުންނާއި ސަރަޙައްދުތައް ބަލައިފާސްކުރަމުންދާނެއެވެ.

އެގޮތުން މި އޮޕަރޭޝަނުގައި މިހާތަނަށް ތުހުމަތުކުރެވޭ 369 މީހުންނާއި 4 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. ބަލައިފާސްކުރެވުނު ތަންތަނުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ޗޮކްލެޓެއްގެ އިތުރުން ކަރުދާސްކޮޅަކާއި ކެނަބިސް އޮށްތަކެއްކަމަށް ބެލެވޭ އޮށްތަކަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައި ތައްޔާރުކޮށްފައިވާ ބިޑިތަކެއް ފެނިފައިވެއެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ އުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާއްމު ރައްޔިތުންގެ ފަރާތުން މަޢުލޫމާތު  ހިއްސާކުރެއްވުމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ނަމްބަރު 9792498 އަށް ގުޅުއްވައި ހިއްސާކުރަން އެދޭ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.