ބާރ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އިންތިޚާބުގައި އެންމެ ވޯޓެއްގެ ތަފާތު ހުރެގެން ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އަލުން ވޯޓް ގުނަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. މިހާރު ގެންދަނީ އަލުން ވޯޓް ގުނަމުންނެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެއް ވޯޓްގެ ތަފާތު އުޅެނީ ވަގުތީ ނަތީޖާއިން ބާރ ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި، ކުރީގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމާއި އެއްވޯޓްގެ ތަފާތެއް ހުރުމުން ކޮމެޓީއަށް ހޮވި ވަޑައިނުގެންނެވި ޢަބްދުލް މާނިޢު ޙުސައިނާ ދެބޭފުޅުންގެ ދެމެދުގައެވެ. ޝަކުވާ ހުށަހަޅުއްވައިފައި ވަނީ މާނިޢު އެވެ.
ބާރ ކައުންސިލް އިންޠިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެގެޒެކެޓިވް ކޮމެޓީއަށް އަނާރާ އިންތިޚާބުވެވަޑައިގަތީ 343 ވޯޓް ލިބިވަޑައިގެންނެވެ. ނާކާމިޔާބުވެވަޑައިގެންނެވި މާނިޢުއަށް ލިބިވަޑައިގަތީ 342 ވޯޓެވެ.
ބާކައުންސިލް އިންތިޚާބުގައި އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބު ކުރެއްވި ހަ މެންބަރުންގެ ތެރެއިން އެންމެ ތަނަވަސް އަޣްލަބިއްޔަތެއް ލިބިވަޑައިގަތީ 637 ވޯޓާއެކު މުޙައްމަދު ފައިސަލަށެވެ. ދެވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ކުރީގެ ޕްރޮސެކިޔުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒަށެވެ. އެއީ 627 ވޯޓެވެ. ކުރީގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދަށް ލިބިވަޑައިގަތީ 445 ވޯޓެވެ. އަނަސް ޢަބްދުއްސައްތާރަށް ލިބިވަޑައިގަތީ 361 ވޯޓެވެ. މުޙައްމަދު އަސީލް އަޙްމަދަށް ލިބިވަޑައިގަތީ 356 ވޯޓެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ބާރ ކައުންސިލްގެ ރައީސަށް އިންތިޚާބުވެވަޑައިގަތީ މައުމޫން ހަމީދެވެ. އޭނާއަށް ލިބިވަޑައިގަތީ 543 ވޯޓެވެ. އޭނާއާ ވާދަކުރައްވާ ނާކާމިޔާބު ވަޑައިގެންނެވި ކުރީގެ ބަންޑާރަ ނާއިބް ޙުސްނު ސުޢޫދަށް ލިބިވަޑައިގަތީ 401 ވޯޓެވެ. ނައިބު ރައީސްއަކަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް ޢަބްދުﷲ މުޢިއްޒު އެވެ. އޭނާ އިންތިޚާބު ވެވަޑައިގަތީ 792 ވޯޓުންނެވެ. އޭނާ އާ ވާދަކުރެއްވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ޙަލީމަށް ލިބި ވަޑައިގަތީ 139 ވޯޓެވެ.
ބާކައުންސިލް އިންތިޚާބުގައި 1488 ވަކީލުން ވޯޓުލެއްވުމަށް ރަޖިސްޓްރީ ކުރެއްވިއެވެ. ނަމަވެސް ވޯޓް ލައްވައިފައިވަނީ 955 ވަކީލުންނެވެ.