ޤާނޫނީ ދަރިވަރުންނަށް އެއް މަސްދުވަހުގެ ތަމްރީނަށް ފަހު ހުވައިލައި ދިނުމަށް ލާޒިމްކޮށް ބިލް އިޞްލާޙުކޮށްފި

ގްރެޖުއޭޓް ވެފައިވާ ޤާނޫނީ ދަރިވަރުންނަށް، ބިލް ޤާނޫނަކަށްވާ ދުވަހުން ފެށިގެން ގިނަ ވެގެން 14 ދުވަހުގެ ތެރޭގައި އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގަރާމަކަށް ފަހު ޤާނޫނީ ވަކީލުކަމުގެ ހުވައި ލައިދިނުން ލާޒިމްކޮށް ޤާނޫނީ ފަންނުގެ ބިލް އިޞްލާޙު ކުރައްވައިފިއެވެ.

ބިލް އިޞްލާޙު ކުރެއްވި ޖުޑިޝަރީ ކޮމެޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްޔާޒު ފަހުމީ ބިލް ދިރާސާކުރި ގޮތުގެ ރިޕޯޓު ހުށަހަޅުއްވަމުން ވިދާޅުވީ ބިލް ތަސްދީގްކޮށް ގެޒެޓްކުރާ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ތަމްރީނު ޕްރޮގަރާމްގައި ހިމެނޭ ވަކިވަކި ބައިތަކާއި ފެންވަރު ވަޒަން ކުރާ އުޞޫލެއް އެކުލަވާލައި ގެޒެޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ހަތް ދުވަސް ތެރޭގައި ޤާނޫނީ ދަރިވަރުންނަށް ބާއްވާ އެއްމަސް  ދުވަހުގެ ތަމްރީން ޕްރޮގްރާމް ފަށަން ޖެހޭނެކަމަށެވެ. ތަމްރީނު ފުރިހަމަ ކުރާތާ 21 ދުވަހުގެ ތެރޭގައި ޤާނޫނުގައި ބަޔާންކުރާ އެހެނިހެން ޝަރުތުތައް ފުރިހަމަވާ ޤާނޫނީ ދަރިވަރުންނަށް ހުވާ ލައިދޭން ޖެހޭނެކަމަށެވެ.  

ޤާނޫނީ ފަންނުގެ ބިލަށް ދަނގެތީ ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމް ހުށަހެޅުއްވި އިޞްލާޙުގައި ވަނީ، ޤާނޫނުގައި ބަޔާންކުރާ އެއް އަހަރުގެ ޓްރޭނިންއާ ބާ އެގްޒާމް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުމަށެވެ. އަދި ގްރެޖުއޭޓް ވެފައި ތިބި ދަރިވަރުންނަށް ހުވާ ކުރެވޭނެ ގޮތަށް ޤާނޫނު އިޞްލާޙު ކުރެއްވުމަށެވެ. ނަމަވެސް ޓްރޭނިން ނުލިބި ހުވާ ކުރުމަކީ ރަނގަޅު ގޮތަކަށް ނުވާނެތީއާއި ޤާނޫނޫގެ މަޤްޞަދު އެއްކޮށް ގެއްލިދާނެ ކަމަކަށް ވާތީވެ، އެއްމަސް  ދުވަހުގެ ޓްރޭނިން ޕްރޮގްރާމެއް ދަރިވަރުންނަށް ދިނުމަށް ފަހު  ހުވާ ކުރުމުގެ ފުރުޞަތު ދޭގޮތަށް ބިލް އިޞްލާޙު ކުރެއްވި ކަމަށް ބިލް ދިރާސާކުރި ކޮމެޓީގެ މުޤައްރިރު މެމްބަރ އިމްތިޔާޒު ފަހުމީ ފާހަގަ ކުރެއްވިއެވެ.

ބލް ދިރާސާ ކުރުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ބާ ކައުންސިލަށް ދެއްވި ކަމަށް މުޤައްރިރު ފާހަގަ ކުރެއްވިއެވެ. އަދި ބާ ކައުންސިލްގެ މެމްބަރުންނާ ނުރަސްމީކޮށް ބައްދަލު ކުރައްވައި ކުރިއަށް ދާނެ ގޮތާމެދު މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެކި ފަރާތްތަކުން ހުށަހަޅައިފައިވާ ޚިޔާލުފުޅު ތަކަށްވެސް ރިޢާޔަތް ކުރެއްވިކަމަށް ބިލް ދިރާސާ ކުރެއްވި ޖުޑިޝަރީ ކޮމެޓީގެ މުޤައްރިރު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.