ފާނޫޒު - 9

(1 ޖުލައި 2019ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ބޭރަށް ދިޔައީބާ؟" ކުއްލިއަކަށް ރާބިޔާ އެހިއެވެ.

"ހިނގާ ސަރުދާރު ކުރެން އަހަން." ޖުވައިރިއްޔާ އެހެން ބުނުމުން އެކުދީން ސަރުދާރު ގާތަށް ދިޔައެވެ.

"އާނ. އިމާމާ ދެންމެ ބޭރަށް ހިނގައްޖެ." ރާބިޔާ އާއި ޖުވައިރިއްޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. "ހަވީރު އަންނާނަމޭ ބުނި." ސަރުދާރު އެކުދީން ގާތު ބުންޏެވެ.

ސަރުދާރުގެ ކޮޓަރިން އެކުދީން ނުކުތެވެ. "ކޮންތާކަށް ބާ އެ ދިޔައީ؟ ވަރުބަލި ކަމުގެ ބަހަނާ ދައްކާފަ އަހަރުމެންނާ އެކީ ނުދިޔައީ." ރާބިޔާ ހުރީ ހިތްހަމަނުޖެހިފައެވެ.                            

"ބޭރަށް ދިޔައީބާ؟" ކުއްލިއަކަށް ރާބިޔާ އެހިއެވެ.

ބާޒާރަށް ގޮސްފައި އެ ކުދީން ހޮސްޓެލް އަށް އައީ ވަރަށް ދަންވި ފަހުންނެވެ. އިމާމާ ކޮޓަރީގައި އިނެވެ. އެ ކުދީން ފެނުމުން އޭނާ ހިނިތުންވެލިއެވެ.

"ހާދަ އެއްޗެއްސެއް ގަނެގެންނޭ ތި އައީ." އެ ކުދީން ގެނައި ކޮތަޅުތަކާއި ޕާރުސަލްތައް ފެނުމުން އިމާމާ ބުންޏެވެ. އެ ސުވާލަށް ޖަވާބު ނުދީ ދެ ކުދީން ކޮތަޅުތައް ބިންމަތީގައި ބެހެއްޓިއެވެ.

"ކޮންތާކުން ތި އައީ؟" ޖުވައިރިއްޔާ ސުވާލު ކުރުމުން އިމާމާ ދިޔައީ ސިއްސައިގެންނެވެ. "އަހަރެން ވޮލެޓު ނަގަން ވެގެން އައި އިރު ނޫޅޭ. ކޮޓަރި ހުރީ ތަޅުލާފައި."

"ތި މީހުން ދިޔައިމަ އަހަރެން ވެސް ބޭރަށް ދިޔައީ."

"ކީކޭ؟"

"އަހަރެންގެ ޚިޔާލު ބަދަލުވީ ފަހުން. އޭރު ޒައިނަބު ބަލާ ދާ ވާހަކަ ބުނީމަ އަހަރެން ދިޔައީ އެ ގެއަށް. އެކަމަކު އަހަންނަށް ދެވުނުއިރު ޒައިނަބު ގޮވައިގެން ތި މީހުން ހިނގައްޖެ. ދެން އަހަރެން އައީ ގެއަށް. ގެއަށް އައި މަގުމަތީގައި ފޮތް ފިހާރަކަށް ވަނިން." ޖުވައިރިއްޔާގެ ސުވާލަށް އިމާމާ ޖަވާބުދިނެވެ.

"އަހަރުމެން ބުނީމަ ނުދިޔައީ ނުން. އެކަމަކު މޮޔައެއް ހެން އަހަރުމެން ފަހަތުން ތި ދިޔައީ. އަހަރުމެން ހިތަށް އެރީ ކޮންމެވެސް އެހެން ކަމެއް ކުރަނީ އޭ މިހާރު." ދަބަހުން ޕާސް ނަގަމުން ރާބިއާ ބުންޏެވެ. އިމާމާ އެ ވާހަކައަަށް އަޅައެއް ނުލިއެވެ. ބާޒާރުން ގެނައި އެއްޗެހި ދައްކަން ފެށުމުން ހިނިތުންވެފައި އިނީއެވެ.

***

"ކޮން ނަމެއް ކިޔަނީ؟"

"ނޭނގޭ."

"މައިންބަފައިން ދިނީ ކޮން ނަމެއް؟"

"އެ މީހުން ގާތު އަހާބަލަ؟"

"މީހުން ގޮވަނީ ކޮން ނަމަކުން؟"

"އަންހެން ކުދީންތަ؟ ފިރިހެން ކުދީންތަ؟"

"ފިރިހެން ކުދީން."

"އެ މީހުން ގޮވަނީ އެކި ނަމުން."

"އާއްމުކޮށް ގޮވަނީ ކޮން ނަމަކުން؟"

" ޝައިޠާނާ."

"އަންހެން ކުދީން ވެސް؟"

"އެ މީހުން ވެސް ގޮވަނީ އެކި ނަންނަމުން."

"އެ މީހުން އެންމެ ގިނައިން ގޮވަނީ ކޮން ނަމަކުން؟"

"އެ ނަންނަމެއް ނުބުނެވޭނެ. އެއީ މާ ޒާތީ ވާހަކަ." އޭނާ ފުން ނޭވައެއް ލިއެވެ. ކޮންމެ ސުވާލަކަށް ޖަވާބު ދީފައި ހަނު ހުރެފައި ސުވާލެއް ކުރިއެވެ.

"އަހަރެން ޚިޔާލެއް ދެންތަ؟"

"ކޮން ޚިޔާލެއް؟"

"މޭޒުމަތީގައި ތި އޮތް ފައިލުގައި އަހަރެންގެ ހުރިހާ ތަފްސީލެއް ހުންނާނެ. ވަގުތު ބޭކާރު ކުރަނީ ކީއްކުރަން؟ އަހަންނާ ބެހޭ ގޮތުން ކަލެއަށް ވެސް އަހަންނަށް ވެސް ނޭނގޭ މައުލޫމާތެއް ހޯދަންވީނު؟"

މޭޒުމަތީގައި ހުރީ ބޮކި އަލީގެ އެހީގައި ސޯފާގައި އޮށޯވެގެން އޮތް ޒުވާނާ އަށް ސައިކޯއެނަލިސްޓު ރަނގަޅަށް ބަލާލައިފިއެވެ. އޭނާ އޮތީ ވައަތުން ކަނާއަތަށް ވާ ގޮތަށް ފައިތިލަ ތަޅުވައިލަ ތަޅުވައިލައެވެ. ހަމަޖެހިލައިގެން އޮތް ނަމަވެސް މި ސެޝަނަކީ ބޭކާރު ވަގުތޭ އޭނާގެ މޫނުމަތިން ބުނާކަހަލަ އެވެ. ކޮޓަރި ތެރެ އޮތީ އަނދިރިކޮށްފައެވެ. ވާހަކަ ދައްކަނީ މުޅި ކޮޓަރިތެރެ ހޯދަމުންނެވެ. މި ޒުވާނާ އަކީ ސައިކޯއެނަލިސްޓަށް ކުރިމަތިވެފައިވާ އަރަތެކެވެ. އޭނާގެ ހުންނަނީ ފޮޓޯގްރެފިކް މެމަރީ އެކެވެ. އައިކިއު ލެވެލް އަކީ 150 އެވެ. ކިޔެވުމަށް އެހައި މޮޅެވެ. ގޮލްފު ކުޅެގެން ރައީސްގެ ރަން މެޑަލް ތިން ފަހަރު ހޯދާފައިވެއެވެ. އެކަމަކު މިއީ އޭނާ އަމިއްލަ އަށް މަރުވާން އުޅުނު ތިންވަނަ ފަހަރެވެ. މިތަނަށް އޭނާ ގެނައީ މައިންބަފައިންނަށް ގޮތް ހުސްވުމުންނެވެ.

އެ ޒުވާނާ އަކީ ގަދަރުވެރި އަދި ރަށުގެ އެންމެ މުއްސަނދި އެއް އާއިލާއަށް ނިސްބަތްވާ ކުއްޖެކެވެ. އާއިލާގެ ފަސްބެއިންގެ ތެރެއިން ހަތަރުވަނަ ކުއްޖާއެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖާ އޭނާއަށްވުރެ ދޮށްޓެވެ. އޭނާގެ ތޫނުފިލިކަމަށްޓަކައި މަންމަ އާއި ބައްޕަ އޭނާ ދެކެ ފަޚުރުވެރިވެއެވެ. އެހައިމެ ލޯބިވެއެވެ. ނަމަވެސް މިދިޔަ ތިން އަހަރުތެރޭ އަމިއްލައަށް މަރުވާން އޭނާ ތިންފަހަރު މަސައްކަތް ކޮށްފިއެވެ.

ފުރަތަމަ ފަހަރު މަރުވާން އުޅުނީ އެއްކޮޅަށް ދުއްވާ މަގެއްގައި ނުބައިކޮޅަށް ބައިސިކަލް ދުއްވައިގެންނެެވެ. އެ ފަހަރު އޭނާ ސަލާމަތްވީ ކިރިޔާއެވެ. އޭގެ އެއް އަހަރު ފަހުން އަތާއި ފައި ބަނދެގެން ހަށިގަނޑުގައި ބަރު އެލުވައިގެން ކޯރަކަށް ފުންމައިލީއެވެ. އެ ދެފަހަރު ވެސް އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ކަމަށް މަންޒަރު ދުށް މީހުން ބުނުމުން ވެސް އޭނާގެ މައިންބަފައިން އެ ވާހަކަ ގަބޫލެއްނުކުރިއެވެ. ސާލާރް މައިންބަފައިން ގާތު ބުނެފައިވަނީ ފުރަތަމަ ފަހަރު ހިނގީ އެކްސިޑެންޓެއް ކަމަށާއި ދެވަނަ ފަހަރު ބަޔަކު އޭނާ ބަނދެފައި ކޯރަށް އެއްލާލީ ކަމަށެވެ. ސާލާރް ކޯރަށް އެއްލާލި ކުދީން ހޯދަން ފުލުހުން އެތައް ދުވަހަކު މަސައްކަތް ވެސް ކުރިއެވެ. ސިކަންދަރު އުސްމާން ވަނީ ސާލާރް ގާތުގައި ރެއާއި ދުވާލު ހުންނާނެ ހަށިފާރަވެރިއަކު ހޯދިއެވެ.

ތިންވަނަ ފަހަރު އޭނައަކަށް މައިންބަފައިންނަށް އޮޅުވައެއް ނުލެވުނެވެ. އެ ފަހަރު ބާރުގަދަ ބޭސްތަކެއް ހިމުންކޮށްގެން އެއްފަހަރާ ދިރުވައިލީއެވެ. ބަނޑު ރަނގަޅަށް ދޮވުމުން ވެސް ބޭހުގެ އަސަރުފިލަން އެތައް ދުވަހެއް ނެގިއެވެ. ބަދިގެއަށް ވަދެ މިކްސަރުން ބޭސް ހިމުންކޮށްގެން ކިރުތަށްޓަށް އަޅައިގެން ބުއިތަން ފެނުނީ ނޯކަރަށެވެ. 

ޠައްޔިބާ އާއި ސިކަންދަރު ތިބީ އަދިވެސް ޙައިރާންކަމެއްގައެވެ. ކުރީ ދެ ފަހަރު ދަރިފުޅުގެ ވާހަކަ ގަބޫލުކުރެވުނީތީ އެކަމާ ވެސް ފިކުރު ބޮޑުވެފައެވެ. އާއިލާގެ އެންމެން ތިބީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ. ދާދި އަވަހަށް އަވަށްޓެރިންނާއި ސްކޫލާއި މުޅި އާއިލާގެ އެންމެންނަށް ސާލާރްގެ ޚަބަރު ލިބުނެވެ. މިހާރު އަމިއްލަ އަށް މަރުވާން އުޅުނު އުޅުން ސާލާރަކަށް ނުފޮރުވޭނެއެވެ. ނަމަވެސް އެގޮތަށް މަރުވާން އުޅެނީ ކީއްވެގެން ކަން ކިޔައިދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

ސިކަންދަރު ހުރީ އޭ ލެވެލް ނިމުމާއެކު ކިޔަވަން ބޭރަށް ސާލާރް ފޮނުވަން ރާވައިގެންނެވެ. ނަމަވެސް މިހާރު އެ ޚިޔާލު ވަޔަށް ބުރައިގެން ހިނގައްޖެއެވެ. ރައްޓެއްސެއްގެ ލަފާގެ މަތިން ސައިކޯއެނެލިސްޓު ގާތަށް އޭނާ ސާލާރް ފޮނުވިއެވެ.

"އެންމެ ރަނގަޅު، ސާލާރް، ސީދާ މައްސަލައަށް ދަމާ. އަމިއްލައަށް މަރުވާން ތިއުޅެނީ ކީއްވެ؟"

ސާލާރް ވެސް ކުރީ ސުވާލެކެވެ. "އަހަރެން އުޅެނީ މަރުވާށޭ ބުނީ ކާކު؟"

"އަމިއްލަ އަށް މަރުވާން ތިންފަހަރު މަސައްކަތް ކުރީމެއްނު."

"އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާއި މަރުވުމާއި އެއީ ތަފާތު ދެ ކަމެއް."

"ތިން ފަހަރުވެސް މަރުނުވެ ސަލާމަތްވުން، އެއީ އިއްތިފާގެއް. އެހެން ނޫންނަމަ މިހާރު ދުނިޔެއަކު ނުހުންނާނެ."

"ތި ބުނާހެން އަމިއްލައަށް މަރުވާން އުޅުމާއި އަހަރެން ކުރަން ބޭނުންވީ ކަންތަކާ މުޅިން ތަފާތު. އަހަރެން ބޭނުންވީ މަރުވާއިރު ގައިގައި އަޅާ ވޭނުގެ އަޖުމަ ބަލައިލަން. އެ އިހުސާސް ދެނެގަންނަން." މަޑުމައިތިރި ކަމާއެކު ސާލާރް ވާހަކަދައްކަމުން ދިޔައިރު ސައިކޯއެނެލިސްޓު އިނީ އޭނާގެ މޫނަށް ބަލާށެވެ.

"ކޮބާ އޭގެ ބޭނުމަކީ؟"

"ދެން ހަމަ އަޖުމަ ބަލައިލީ... ޝައުގުވެރިކަމޭ ވެސް ބުނެވިދާނެ."

ސައިކޯއެނަލިސްޓު ފުން ނޭވައެއް ލާފައި އެ ޒުވާނާއަށް ބަލައިލިއެވެ. އޭނާ އިނީ ސީލިންގަށް ބަލަހައްޓައިގެންނެވެ. "އެއްފަހަރު ތަޖުރިބާ ކުރުމުން ޝައުގުވެރިކަން ފިލާ ގޮތް ނުވީތަ؟"

"ފުރަތަމަ ފަހަރު އަހަރެން ހޭނެތުނީ. އެހެންވީމާ އަހަންނަކަށް އެއްވެސް އެއްޗެއް އިހުސާސެއް ނުކުރެވުނު. ދެވަނަ ފަހަރުވެސް ދިމާވީ ހަމަ އެގޮތަށް. މި ފަހަރުވެސް... އެހެންވީމާ އެއްވެސް ފަހަރަކު އަދި ކުރަން އުޅޭ ތަޖުރިބާ ކުރެވޭގޮތެއް ނުވޭ."

"މާނައަކީ ހަތަރުވަނަ ފަހަރުވެސް ކުރާނަމޭ ތަ؟"

"ޝައްކެއް ވެސް ނެތް. އަހަރެން ބޭނުން އެ އިހުސާސް ދެނެގަންނަން. އިންސާނަކަށް ތަދާއި ވޭން ތަހައްމަލު ކުރަންޖެހޭ އެންމެ ބޮޑަކަށް އެ އިހުސާސް ކުރަން އަހަރެން ބޭނުން."

"ތި ބުނީ ކީކޭ؟"

"ވަޖިދަކީ އުފާވެރިކަމުގެ ޙައްދު. އެކަމަކު ވަޖިދަށް ފަހު ދެން އަންނަ މަރުޙަލާގަ ވަނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގޭ. ހަމަ އެގޮތަށް ވޭނާއި ތަދަށްފަހު އަންނަ މަރުޙަލާ އެއް ވެސް އޮންނާނެތާ؟ އަހަރެން ތަޖުރިބާކުރަން ބޭނުންވެގެން މިއުޅެނީ އެ މަރުޙަލާ."

"އަހަންނަކަށް ނުވިސްނުނު."

"ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއް ޚިޔާލަށް ގެނެސްބަލަ. އުފާކުރަމުން ގޮސް ދެން އަމިއްލަ އަށް ވާނުވާ ނޭނގޭ ހިސާބަށް ދެވޭ ފަހަރުވެސް އާދެއެއްނު؟ އެއީ ކޮންމެ ކަމަކަށް ވިޔަސް ވާނުވާ ނޭނގޭ މަރުހަލާގައި އެކުރެވުނު ކަމަކީ ވަރަށް ގަޔާވާ ކަމެއް ކަން އެނގެއެއްނު؟ އަހަރެން ގައުމުން ބޭރަށް ދާއިރު އެކަހަލަ ތަންތަނަށް ވެސް ދަން. އެކަމަކު މީހުން އެ އުޅޭ ގޮތަށް އަހަންނަކަށް ނޫޅެވޭ. އެ މީހުންނަށް އެވާ މަޖަލެއް އަހަންނަކަށް ނުވޭ. އެގޮތަށް ދިމާވީމަ އަހަރެން ދެރަވޭ. އެ ވަރަށް އުފާ އިހުސާސް ނުކުރެވެންޏާ އަހަރެން ހިތަށް އަަރަނީ އަހަންނަށް ތަދު ވެސް އިހުސާސް ނުކުރެވޭނެއޭ." މާޔޫސްވެފައި އިނދެ ސާލާރް ޑޮކްޓަރާ ވާހަކަ ދައްކަމުން ދިޔައެވެ.

"ތީ ކިޔެވުމަށް ނުލާހިކު މޮޅު ކުއްޖެއް. އެކަހަލަ ކަންކަމުގައި ވަގުތު ބޭކާރު ކުރަންވީ ކީއްކުރަން؟"

"އަހަރެންގެ ތޫނުފިލި ކަމުގެ ވާހަކަ ނުދެއްކިއްޔާ އަހަންނަށް ރަނގަޅީ. އަހަންނަކީ ކާކުކަން އަހަންނަށް އެނގޭ." ނުރުހުންވެފައި އިނދެ އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މީހުން އަހަންނަށް ތައުރީފުކުރާ އަޑު އަބަދު އިވިއިވި ފޫހިވެއްޖެ މިހާރު." ސައިކޯއެނަލިސްޓު އިރުކޮޅަކު އޭނާއަށް ބަލަން އިނެވެ.

"ކޮންމެވެސް ލަނޑުދަނޑިއެއް ކަނޑައަޅަންވީނުން؟"

"ކަނޑައަޅައިފިން."

"އެއީ ކޮންކަމެއް؟"

"އަދި އެއްފަހަރު މަރުވާން މަސައްކަތް ކުރުން."

"ތިއުޅެނީ ކަމަކާ މާ ބޮޑަށް މާޔޫސްވެގެންތަ؟"

"ނޫން އެއްގޮތަކަށް ވެސް އެހެނެއް ނޫން."

"ދެން އަމިއްލައަށް މަރުވާން ތިއުޅެނީ ކީއްކުރަން؟"

"އަނެއްކާ އަލުން ހުރިހާ ވާހަކައެއް ކިޔައިދޭންވީތަ؟ އަހަރެން އަމިއްލައަށް މަރުވާން ބޭނުން ނުވާ ވާހަކަ... އަހަރެން ތަޖުރިބާ ކުރަން ބޭނުންވަނީ އެހެން ކަމެއްކަން، އަލުން ކިޔައިދޭންވީތަ؟" ފޫހި ރާގަކަށް އޭނާ ބުންޏެވެ.

އެ ހުރިހާ ވާހަކައެއް ގޮސް ނިމުނީ ސެޝަން ފެށި ހިސާބަށެވެ. ސައިކޯއެނަލިސްޓު އަނގައިން ނުބުނެ އިރުކޮޅަކު އިނދެފައި ވާހަކަަ ފެށިއެވެ.

"ތި ހުރިހާ ކަމެއް ތިކުރަނީ އަންހެން ކުއްޖަކާ ހެދިތަ؟"

ސާލާރް ހައިރާންވެފައި އޭނާއާ ދިމާއަށް އެނބުރުނެވެ. "އަންހެން ކުއްޖަކާ ހެދިހޭ؟"

"އާނ. ވަރަށް ގަޔާވާ ކުއްޖަކާ ހެދިހޭ؟ ކައިވެނި ކުރަން ބޭނުންވާ ކުއްޖަކާ ހެދި ހޭ؟"

ސާލާރްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "ސުބްޙާނަﷲ! ތިބުނީ އަންހެން ކުއްޖަކަަށްޓަކައި އަހަރެންގެ ފުރާނަ ނަގާލާނެ އޭ ތަ؟ ލޯބީގެ ގޮތުން ކުއްޖަކާ ގުޅި އަމިއްލަ އަށް މަރުވުން... ހާދަ ހެއްވާ ކަމެކޭ ތީ!"  

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.