ބާރ ކައުންސިލްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމަށް ކުރީގެ ޕީޖީ މުޢިއްޒު ވާދަކުރައްވަނީ

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު

ބާރ ކައުންސިލްގެ ހިނގާ ކޮމިޓީގެ މެމްބަރު ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް، މަޝްހޫރު ޤާނޫނީ ވަކީލް އަޙްމަދު މުޢިއްޒު ވާދަކުރައްވަން ނިންމަވައިފިއެވެ. އޭނާ ކުރައްވައިފައިވާ ޓުވީޓެއްގައި މިކަން ހާމަކުރައްވައި ރާއްޖޭގެ ހުރިހާ ޤާނޫނީ ވަކީލުންގެ  ތާއީދަށް އެދިވަޑައިގެންފައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދުނު ބާރ ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސަވައިފައިވަނީ މިމަހު 13 ވަނަ ދުވަހުއެވެ. ބާރ ކައުންސިލުގެ ނައިބު ރައީސްކަމަށް ކުރީގެ ޕީޖީ މުޢިއްޒުގެ ކޮއްކޮ، ކުރީގެ އެޓާރނީ ޖެނެރަލް ޢަބްދުﷲ މުޢިއްޒު ވެސް ކުރިމަތި ލައްވާނެކަން ވަނީ ހާމަކުރައްވައިފައެވެ.

ބާކައުންސިލްގެ އިންތިޚާބު ގާތްވަމުން އަންނައިރު އެކައުންސިލްގެ ރައީސްކަމުގެ މަގާމަށް މަޝްހޫރު ޤާނޫނީ ކުވަކީލް ކުރީގެ އެޓާނީ ޖެނެރަލް ޙުސްނު ސުޢޫދާއި މައުމޫނު ޙަމީދުވެސް ވާދަކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ބާރ ކައުންސިލުގެ ހިންގާ ކޮމިޓީގެ ރައީސްކަމާއި، ނައިބު ރައީސްކަމާއި، މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ މި މަހު ފުރަތަމަ ދުވަހުން ފެށިގެން ފަސްވަނަ ދުވަސް (މިއަދުގެ ) ހަވީރު 5:00 އާ ހަމައަށެވެ.

ބާރ ކައުންސިލްގެ ފުރަތަމަ އިންތިޚާބު ޤާނޫނުގައިވާ ގޮތުން ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. ބާރ ކައުންސިލުގެ އިންތިޚާބުގައި ވޯޓު ލެވޭ ވަކީލުންގެ ލިސްޓު އާންމުކޮށް ،ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.  އިސީ އިން އާންމުކޮށްފައިވާ ވޯޓާސް ލިސްޓު ދައްކާ ގޮތުން 1487 ވަކީލުންނަށް މި އިންތިޚާބުގައި ވޯޓުލެވޭނެ އެވެ.

ބާ ކައުންސިލް އެކުލެވިގެން ވަނީ، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރެވޭ ރައީސަކާއި ނައިބު ރައީސަކާއި ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލުންގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.