ބާ ކައުންސިލްގެ ރައީސަށް، ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ

ރާއްޖޭގައި އަލަށް އުފެއްދި ބާ ކައުންސިލްގެ ފުރަތަމަ ރައީސަކަށް އިންތިޚާބު ވެވަޑައިގެންފައިވާ މައުމޫން ޙަމީދަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މައުމޫން ޙަމީދަށް މަރުޙަބާ ވިދާޅުވެ ރައީސް ނަޝީދު  ކުރައްވާފައިވާ ޓްވީޓްގައިވަނީ ކައުންސިލްގެ އެހެން މަޤާމުތަކަށް ހޮވި ވަޑައިގެންނެވި ބޭފުޅުންނަށް ވެސް މަރުޙަބާ ވިދާޅުވެފައެވެ.

"ރާއްޖޭގެ އެންމެ ފުރަތަމަ ބާ ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރެއްވި އަލްއުސްތާޒު މައުމޫން ޙަމީދަށް ވަރަށް މަރުޙަބާ. އަދި ކައުންސިލްގެ އެހެން މަޤާމުތަކަށް އިންތިޚާބުވެ ވަޑައިގަތް އެންމެ ބޭފުޅުނަށް ވަރަށް ތަހުނިޔާ،" ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ބާ ކައުންސިލްގެ ރައީސަކަށް މައުމޫން ޙަމީދު އިންތިޚާބުވެ ވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޒު ޙުސްނުއްސުޢޫދާ ވާދަކޮށްގެންނެވެ. ނާއިބު ރައީސަކަށް ހޮވި ވަޑައިގެންފައިވަނީ ކުރީގެ ބަންޑާރަ ނާއިބު ޢަބްދުﷲ މުޢިއްޒެވެ.

ރައީސާއި ނާއިބު ރައީސްގެ އިތުރަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް 6 މެމްބަރަކު އިންތިޚާބު ކުރާނެއެވެ. މި ކައުންސިލަކީ ރާއްޖޭގައި މަސައްކަތްކުރައްވާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓަވައި ރެގިއުލޭޓު ކުރެއްވުމަސް އުފެއްދެވި ކައުންސިލެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.