ރ. ކިނޮޅަހުގައި މިހާރު ކުރިއަށްދާ އާކިއޮލޮޖިކަލް މަޝްރޫޢު "ކާސަލް ބިލްޓް އޮން ސޭންޑް: ސެޓިން އަޕް އަ ހެރިޓޭޖު ރިސޯސް ފޯ ދި މޯލްޑިވްސް ޓު ފޮސްޓަރ އަ ސަސްޓެއިނަބަލް ޓުއަރިސްޓް އޮފަރ" ދަށުން އެރަށުގައި ކުރިއަށްގެންދާ ކޮނުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އާޓުސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.
މިއީ ދިވެހީން އިހުގައި ގެންގުޅުނު އެކި ބާވަތްތަކުގެ ކަންވާރުތައް ހޯދައި އެތަކެއްޗާ ބެހޭ މަޢުލޫމާތު ކިތާބުކޮށް ދިރާސާ ކުރުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ ތާރީޚުގެ ތެރެއިން މިފަދަ ވަކިދާއިރާތައް ދިރާސް ކުރުމަށް އެޅިގެންދާ ބިންގަލެއް ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ކަލްޗަރަލް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި އޮނިގަނޑެއް އެކުލަވާލުމަށް އެހީވުމަކީވެސް މިމަޝްރޫޢުގެ އެއްބޭނުން ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިމަޝްރޫޢުގެ ދަށުން ކޮނުނު ތަންތަނުން ފެނިފައިވާ ކަންވާރުތަކާއި އޭގެ އިތުރު ބައިތަކުގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެއާ ބެހޭ އިތުރު ދިރާސާ ކުރާނީ އިނގިރޭސިވިލާތުގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިމަޝްރޫޢަކީ ޔުނިވަރުސިޓީ އޮފް އީސްޓް އެންގްލިއާގެ ޕްރޮފެސަރ އޭން ހައޯގެ އެހީތެރިކަމާއެކު ޑިޕާޓުމެންޓް އޮފް ހެރިޓޭޖުގެ އާކިއޮލޮޖިސްޓް ޝިޢުރާ ޖައުފަރު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢަށް މާލީ އެހީތެރިކަން ދެއްވަނީ ވެސް ޔުނިވަރުސިޓީ އޮފް އީސްޓް އެންގްލިއާއިންނެވެ.
ކިނޮޅަހަކީ އިބުނި ބަތޫތާ ރާއްޖެ ވަޑައިގެން އެންމެފުރަތަމަ މަޑުކުރެއްވި ރަށްރަށުތެ ތެރޭގައި ހިމެނޭ ރަށެކެވެ. އެރަށުގައިވަނީ 2016 އާއި 2017 ވަނަ އަހަރު ޤަދީމީ ބޮއްޔާ ބެހޭ ކާމިޔާބު ދިރާސާއެއް ކޮށްފައެވެ. އެރަށުގައި މިހާރު ކުރަމުންދާ ދިރާސާއަކީ ވެސް އޭގެ މައްޗަށް ފަރުމާ ކުރެވިގެން ކުރިއަށް ގެންދާ ދިރާސާއެއް ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވިއެވެ.